ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީން ފާސްކޮށް، ޕްލޭނިން މިނިސްޓްރީއަށް ފޮނުވާފައިވާ "ހުޅުމާލެ ޕްލޭނިން އަދި އިމާރާތްކުރުމުގެ ގަވައިދު" ގެޒެޓްކުރަން ނުފޮނުވާ ބާއްވާފައި އޮތް އޮތުން ކުށްވެރިކޮށް، އެ ގަވައިދު ގެޒެޓްކުރަން ހަފްތާއެއްގެ މުހުލަތެއް ދޭން އެކޮމިޓީން ނިންމައިފި އެވެ.
އާ ގާނޫނުއަސާސީއަށް އަމަަލުކުރަން ފެށި އިރު ވަކި ގާނޫނަކަށް ނުފެތޭ ގޮތަށް ހުރި ގަވައިދުތަކުގެ ބެލެނިވެރިކަން ދިނީ އާއްމު ގަވައިދުތަކުގެ ގާނޫނަށެވެ. އެ ގާނޫނުގައިވާ ގަވައިދުތައް ފާސްކުރުމާއި ބަދަލުތައް ގެނައުމުގެ ޒިންމާ އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީއަށެވެ.
ހުޅުމާލެ ޕްލޭނިން އަދި އިމާރާތްކުރުމުގެ ގަވައިދު ކޮމިޓީން އެކުލަވައިލައި ޕްލޭނިން މިނިސްޓްރީއަށް ފޮނުވީ އެހެންވެ އެވެ. އެ ގަވައިދު އެކުލަވާލައި، ޕްލޭނިން މިނިސްޓްރީއަށް ފޮނުވީ 2018 ވަނަ އަހަރު އެވެ. އެ ގަވައިދު ގެޒެޓްނުކުރާކަން ކޮމިޓީއަށް އެނގިގެން އެ މައްސަލަ ބަލަން ފެށީ 2020 ވަނަ އަހަރު އެވެ.
ކޮމިޓީން އެ މައްސަލަ ދިރާސާކޮށް ނިންމައި މަޖިލީހުގެ ވެބްސައިޓުގައި މިދިޔަ ބުދަ ދުވަހު ޝާއިއުކުރި ރިޕޯޓުގައިވާ ގޮތުން، އެ މައްސަލާގައި ކޮމިޓީން ނިންމީ، ގަވައިދު ގެޒެޓްނުކޮށް ހިފަހައްޓާފައި އޮތް އޮތުމަކީ ދުސްތޫރީ އަދި ގާނޫނީ ގޮތުން މިނިސްޓްރީއަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީގެ މެމްބަރުން ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ.

"...މި ކޮމިޓީން އެކުލަވާލައި ފާސްކޮށްފައިވާ ހުޅުމާލެ ޕްލޭނިން އަދި އިމާރާތްކުރުމުގެ ގަވައިދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރެއްވުމަށް ޓަކައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާއަށް ފޮނުވާފައި ވީ ނަމަވެސް، މިއަދާ ހަަމައަށް ވެސް އެ ގަވައިދު ގެޒެޓްގައި ޝާއިއުކުރެއްވުމަށް އެ މިނިސްޓްރީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާފައި ނުވާތީއާއި އެ ގަވައިދު ގެޒެޓްނުކުރައްވައި ބޭއްވުމަކީ ދުސްތޫރީ އަދި ގާނޫނީ ހަމަތަކުން ކުރެއްވިދާނެ ކަމެއް ކަމަށް ކޮމިޓީއަށް ގަބޫލުނުކުރެވޭ ކަމަށެވެ،" ގަވައިދު ކޮމިޓީގެ ރިޕޯޓްގައި ބުންޏެވެ.
ޕްލޭނިން މިނިސްޓްރީގެ އެ އަމަަލަކީ ގާނޫނު އަސާސީއާއި ގާނޫނީ ގޮތުން ރައްޔިތުންގެ މަޖިލީހަށް އޮންނަ އިހުތިޔާރުތަކާއި ބާރުތަކަށް އިހުތިރާމް ނުކުރުން ކަަމަށް ވެސް އެ ރިޕޯޓްގައި ބުންޏެވެ.
އެހެންވެ، ކޮމިޓީގެ ނިންމުމަކީ އެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރާތާ ހަތް ދުވަހުގެ ތެރޭގައި ގަވައިދު ގެޒެޓްކުރަން ފޮނުވަން ޕްލޭނިން މިނިސްޓްރީއަށް އެންގުމަށެވެ.
ކޮމިޓީގެ އެ ރިޕޯޓް ފާސްކުރުމާ މެދު ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުމަށް ފަހުގަ އެވެ.













