ނިމިދިޔަ އަހަރުގެ ފެބްރުއަރީ މަހު ގއ. މާމެންދޫގައި މާރާމާރީ ހިންގައި އެ ރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔު މަރާލި މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ސިއްރު ހެކިންގެ ތެރެއިން އަދިވެސް ގިނަ ސިއްރު ހެކިން ހާޒިރުކުރެވިފައި ނެތުމުން އެންމެ ފަހު ފުރުސަތު ދިނުމަށް ޝަރީއަތުން ނިންމައިފި އެވެ.
އުދައްޔު، 17، މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ގއ. މާމެންދޫ، ރިހިފަރުދާގޭ، އަހުމަދު ޝަމީމް އާއި ހަމަ އެ ރަށު ބިލަތްމާގޭ، ޝަރަފު ރަޝީދާއި ގުލްފާމުގޭ، މުހައްމަދު މާޒިންގެ މައްޗަށެވެ. މި ތިން މީހުންގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރަށް މާރާމާރީ ހިންގުމުގައި ބައިވެރި ވުމުގެ ދައުވާ ވެސް އުފުލާފައިވެ އެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ވެސް ސިއްރު ހެކިވެރިޔަކު ހާޒިރުކޮށް ހެކިބަސް ނަގާފައިވެ އެވެ. އޭނާ ވެސް ފާހަގަކުރީ މީގެ ކުރިން ހެކިބަސް ދިން ބައެއް މީހުން ފާހަގަ ކުރި ކަންކަމެވެ. އެއީ މާރާމާރީއަށް ފަހު، އުދައްޔުގެ އާއިލާއަށް މަރުގެ އިންޒާރުދީ ޒުވާބުކޮށްފައިވާ ކަމެވެ. އަދި މާޒިން ކީހެއް ހިފައިގެން އުޅުނު ކަމާއި، ޝަރަފް ވެސް މާރާމާރީ ތެރެއިން ފެނުނު ކަމަށް ބުންޏެވެ.
ދައުލަތުން ސިއްރު ހެކިންގެ ގޮތުގައި، 25 އަށް ވުރެ ގިނަ މީހުން ހުށަހަޅާފައިވާއިރު އަދިވެސް ގިނަ ހެކިން ހާޒިރުނުކުރެވި އޮތް ކަން މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވި އެވެ.
މި މައްސަލާގައި ދެން އަޑުއެހުމެއް ބާއްވާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުގަ އެވެ. އެ އަޑުއެހުމަށް ހާޒިރުނުކުރެވޭ ސިއްރު ހެކިން ހާޒިރުކުރަން ފުރުސަތު ނުދެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އުދައްޔުގެ މަރާ ގުޅިގެން ކުޑަކުއްޖެއްގެ މައްޗަށް ހަކު މެރުމުގެ ކުށުގެ ދައުވާއާއި މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާކޮށްފައިވެ އެވެ. އުދައްޔު މަރުވީ އެ ކުއްޖާ ދިން ހަމަލާއަކުން ހާލަތު ގޯސްވެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވެ 25 އަހަރަށް ޖަލަށް ލުމަށް ޖުވެނައިލް ކޯޓުން ހުކުމްކޮށްފައިވެ އެވެ. އަދި، މަރުގެ ދިޔައިގެ ގޮތުގައި އެއް އަހަރުގެ ތެރޭ އެއް މިލިއަން ދިވެހި ރުފިޔާ އުދައްޔުގެ ވާރިސުންނަށް ދިނުމަށާއި، ކައްފާރާގެ ގޮތުގައި ވިދިވިދިގެން ދެ މަސް ދުވަހު ރޯދަހިފުމަށް ވަނީ ހުކުމްކޮށްފަ އެވެ.













