އިއުލާނު ކުރުމަކާ ނުލާ، ހދ. ހަނިމާދޫ ބަނދަރު ސަރަހައްދުން ބިން ކުއްޔަށް ދިން މައްސަލާގައި ގޯހެއް ހެދިފައިވާނަމަ އެއީ ނޭނގި ހެދިފައި އޮތް ގޯހެއް ކަމަށް އެ ރަށު ކައުންސިލުގެ ރައީސް އަބްދުއްސައްތާރު ހަސަން ވިދާޅުވެެއްޖެ އެވެ.
ހަނިމާދޫ ކައުންސިލުގެ މިހާރުގެ ރައީސާއި، އިތުރު ދެ މީހަކަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން, އޭސީސީން ޕީޖީއަށް ފޮނުވީ އިއްޔެ އެވެ.
އުސޫލާލާ ހިލާފަށް ބިން ދޫކޮށްފައި ވަނީ ހޮޓާ ހިންގުމާއި ވިޔަފާރި ކުރުމާއި ތެލުގެ މަސައްކަތްކުރުން ފަދަ ބޭނުންތަކަށް 2016 ވަނަ އަހަރު ބަނދަރު ސަރަހައްދުން ބިން ކުއްޔަށް ދޫކުރުމަށް ކުރި އިއުލާނާ ގުޅިގެން ބިން ދޫކުރި މީހަކަށެވެ. އިއުލާނުކޮށްގެން އޭނާއަށް ކުއްޔަށް ދިން ބިމުގެ އިތުރުން، އިއުލާނު ނުކޮށް، 128 އަކަފޫޓުގެ ބިމެއް ވެސް އޭނާއަށް ވަނީ ކުއްޔަށް ދީފަ އެވެ.
އޭސީސީން އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ބުނީ، ބިން ކުއްޔަށް ދިން މީހަކީ 2016 ވަނަ އަހަރު ހަނިމާދޫ ކައުންސިލުގެ އޭރުގެ ނައިބު ރައީސާއި، ކައުންސިލު މެންބަރަކާ އާއިލީ ގޮތުން ގުޅުންހުރި މީހެއް ކަމަށެވެ. ފަނަރަ އަހަރުގެ މުއްދަތަށް އެ ބިން ކުއްޔަށް ދިނީ ހުއްދަ ހޯދުމެއް ނެތި ކަމަށްވާއިރު، އެކަން އެގޮތަށް ކުރީ ވަކި މީހަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމަށް ކަމަށް އޭސީސީން ބުނެ އެވެ.

އެ މައްސަލާގައި ދައުވާކުރަން ފޮނުވި އޭރުގެ ނައިބު ރައީސް އަދި މިހާރުގެ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު މިއަދު 'އަދަދު' އަށް ވިދާޅުވީ އޭނާ ހަނދާންވާ ގޮތުން އެކަމުގައި އަމަލުކޮށްފައި އޮންނާނީ އޭޖީ އޮފީހުގެ ލަފައާ އެއްގޮތަށް ކަމަށެވެ. އަދި އިދާރީ ގޮތުން އެކަން ހިނގާފައިވާ ގޮތް ބަލަމުންދާ ކަމަށާއި، ބިމުގެ ކުލި ލިބިފައި ނުވާ ކަމަށް އޭސީސީން ބުނާ ވާހަކަ ވެސް ބެލުމަށް ބަޖެޓު ސެކްޝަނުގައި އެދިފައިވާ ކަމަށެވެ.
އަބްދުއްސައްތާރު ވިދާޅުވީ، ކައުންސިލު މެންބަރުން ކުރާ މަސައްކަތަކީ ކަންކަން ނިންމުމަށް ފާސްކުރުން ކަމަށާއި، ބަނދަރު ސަރަހައްދުން ބިން ކުއްޔަށް ދިނުމުގެ ކަންކަން ކުރިއަށް ގެންދިޔައީ ވެސް ކައުންސިލުގެ ޒިންމާދާރުވެރިޔާގެ ބެލުމުގެ ދަށުން ކަމަށެވެ.
އަދި އެކަމުގައި ކައުންސިލަރުންގެ އެއްވެސް ޕްރެޝަރެއް ނޯންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ އޭރުވެސް އެއްވެސް ކަމެއްގައި މައްސަލައެއް ދިމާވެއްޖެނަމަ އެ މައްސަލައެއް ސާފުވަންދެން ކުރާ މަސައްކަތެއް މަޑުޖައްސާލަނީ ކަމަށެވެ.
"ފާހަގަކޮށްފައި އިން ބިމަކީ ހަނިމާދޫ ކައުންސިލުން ކުއްޔަށް ދީފައިވާ ބިންތަކުގެ ތެރެއިން އެންމެ އަގުބޮޑު ބިން. އަގުބޮޑަސް، އަގުކުޑަޔަސް، އޭރުވެސް މިހާރު ވެސް ނީންނާނެ ވަކި މީހަކަށް ދޭން ނިންމާށެކޭ ބުނަފައެއް، އެއީ އަޅުގަނޑުމެން ކުރާ ކަންތައްތަކެއް ނޫން," ބިޑުގެ ހުރިހާ މަސައްކަތެއް ކުރަނީ ބަޖެޓު ސެކްޝަނުންކަން ފާހަގަކުރައްވަމުން އަބްދުއްސައްތާރު ވިދާޅުވި އެވެ.
އޭސީސީން ފާހަގަކޮށްފައިވާ ގޮތުގައި ބިން ކުއްޔަށް ދިނީ ހަނިމާދޫ ކައުންސިލުގެ އޭރުގެ ނައިބު ރައީސާއި، މެންބަރަކާ އާއިލީ ގުޅުން އޮންނަ މީހަކަށް ކަމަށެވެ. އޭރު ކައުންސިލުގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި އަބްދުއްސައްތާރު ވިދާޅުވީ ބިން ކުއްޔަށް ދިން ފަރާތާ އޭނާއާ އެއްވެސް އާއިލީ ގުޅުމެއް ނެތް ކަމަށެވެ.
މި މައްސަލަ ސާފު ކުރުމަށްފަހު ގޯހެއް ހެދިފައިވާނަމަ އިސްތިއުފާ ދެއްވާނަންތޯ ސުވާލުކުރުމުން އަބްދުއްސައްތާރު ވިދާޅުވީ އޭނާގެ މައްޗަށް އަންނަ ތުހުމަތެއް ކަމުގައިވާނަމަ އެގޮތަށް އަމަލު ކުރައްވާނެ ކަމަށެވެ. އަދި މިހާތަނަށް އައި އިރު އެނގިގެން އެފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށް އެނާ ވިދާޅުވި އެވެ.
ދެވަނަ ދައުރެއްގައި ކައުންސިލުގައި ހުންނެވި އަބްދުއްސައްތާރު އިތުރަށް ވިދާޅުވީ، މިފަދަ ކަންކަމުގައި އަމަލު ކުރަންވީ ގޮތް ކިޔައިދިނުމަށް ކައުންސިލުގައި ލީގަލް އެޑްވައިސް އޮފިސަރުންނާއި އެހެނިހެން ޓެކްނިކަލް މުވައްޒަފުން ނެތުމުގެ ގޮންޖެހުން ކުރިމަތިވަމުންދާ ކަމަށެވެ.
އެހެންކަމުން ކަންކަން ކުރުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރަތަކުގެ އެހީތެރިކަން ހޯދައިގެން ކުރަމުންދާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. އަދި ސަރުކާރުގެ މުއައްސަސާއަކުން ކަމެއް ނުކުރަން އަންގާފައި ވަނިކޮށް ކަމެއް ކޮށްފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.













