އިއުލާނު ކުރުމަކާ ނުލާ، ހދ. ހަނިމާދޫ ބަނދަރު ސަރަހައްދުން ބިން ކުއްޔަށް ދިން މައްސަލާގައި ތިން މީހަކަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އުސޫލާ ހިލާފަށް ބިން ދޫކޮށްފައި ވަނީ ހޮޓާ ހިންގުމާއި ވިޔަފާރި ކުރުމާއި ތެލުގެ މަސައްކަތްކުރުން ފަދަ ބޭނުންތަކަށް 2016 ވަނަ އަހަރު ބަނދަރު ސަރަހައްދުން ބިން ކުއްޔަށް ދޫކުރުމަށް ކުރި އިއުލާނާ ގުޅިގެން ބިން ދޫކުރި މީހަކަށެވެ. އިއުލާނުކޮށްގެން އޭނާއަށް ކުއްޔަށް ދިން ބިމުގެ އިތުރުން، އިއުލާނު ނުކޮށް، 128 އަކަފޫޓުގެ ބިމެއް ވެސް އޭނާއަށް ވަނީ ކުއްޔަށް ދީފަ އެވެ.
އޭސީސީން އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ބުނީ، ބިން ކުއްޔަށް ދިން މީހަކީ 2016 ވަނަ އަހަރު ހަނިމާދޫ ކައުންސިލުގެ ނައިބު ރައީސާއި، ކައުންސިލު މެންބަރަކާ އާއިލީގޮތުން ގުޅުންހުރި މީހެއް ކަމަށެވެ. އަދި އެ ބިން ދޫކުރީ ދިރިއުޅުމަށް ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާބެހޭ ގަވާއިދާއި ލޯކަލް ކައުންސިލް އިހްތިސޯސް ހިނގާ ސަރަހައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ހަވާލުކުރުމުގެ ގަވާއިދާއި ހިލާފަށް އިއުލާނު ކުރުމެއްނެތި ކަމަށެވެ.
ފަނަރަ އަހަރުގެ މުއްދަތަށް އެ ބިން ކުއްޔަށް ދިނީ ހުއްދަ ހޯދުމެއް ނެތި ކަމަށްވާއިރު، އެކަން އެގޮތަށް ކުރީ ވަކި މީހަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމަށް ކަމަށް އޭސީސީން ބުނެ އެވެ.
އެ މައްސަލާގައި ދައުވާ ކުރަނީ އަބްދުއްސައްތާރު ހަސަން އާއި މުހައްމަދު ރާޒީ އަދި ހަސަން ޖައުފަރުގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރަނީ ދިވެހި ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކޮރަޕްޝަންގެ އަމަލު ހިންގާފައިވާކަމުގެ ދައުވާ އެވެ.

ހަމައެއާއެކު، ބިން ކުއްޔަށް ދޫކޮށްފައިވާ ފަރާތާއެކު ވެފައިވާ އެއްބަސްވުމުގައިވާ ވާގޮތުގެ މަތިން ކުލީގެ ގޮތުގައި ލިބެންޖެހޭ 30،240 ރުފިޔާ އާއި ބިމު ކުލި ނުދައްކާ ލަސްވުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ 5،927 ރުފިޔާއާކު ޖުމްލަ 36،167.04 ރުފިޔާ ހޯދާފައިވާކަން އެނގެން ނެތުމުން އެ ފައިސާ ހޯދުމަށް ވެސް އޭސީސީން ވަނީ ހަނިމާދޫ ކައުންސިލަށް އަނގާފަ އެވެ.













