މުޅިން އާ ހަތް ސްކޫލެއް އެޅުމަށް އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ހިމަނައިފި އެވެ.
އަންނަ އަހަރު އަލަށް އިމާރާތް ކުރާ ސްކޫލުތަކުގެ ތެރޭގައި ހިމެނެނީ ސ. ފޭދޫގައި އަލަށް އިމާރާތް ކުރާ ސްކޫލަކާއި، ހުޅުމާލޭގައި އިމާރާތް ކުރާ ހަ ސްކޫލެކެވެ. ފޭދޫގައި އިމާރާތް ކުރާ ސްކޫލާއި، ހުޅުމާލޭގައި އިމާރާތްކުރާ ސީއެޗްއެސްއީ ސްކޫލުގެ ބްލޮކާއި، އިތުރު ސްކޫލެއްގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާއިރު، ދެން އިމާރާތްކުރާ ހަތަރު ސްކޫލުގެ މަސައްކަތް އޮތީ ޕްރިޓެންޑަރިން މަރުހަލާގަ އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އާ ސްކޫލުތަކަށް ބަޖެޓުކޮށްފައިވާ އަދަދުތައް:
- ފޭދޫގައި އަޅާ ސްކޫލު - 6.5 މިލިއަން ރުފިޔާ
- ހުޅުމާލޭގައި އަލަށް އިމާރާތްކުރާ ސްކޫލު (އަމަލީ މަސައްކަތް ކުރިއަށްދާ) - 3.3 މިލިއަން ރުފިޔާ
- ހުޅުމާލޭގައި އަލަށް އިމާރާތްކުރަން ހަމަޖެހިފައިވާ ސްކޫލު 1 - 8.9 މިލިއަން ރުފިޔާ
- ހުޅުމާލޭގައި އަލަށް އިމާރާތްކުރަން ހަމަޖެހިފައިވާ ސްކޫލު 2 - 4.4 މިލިއަން ރުފިޔާ
- ހުޅުމާލޭގައި އަލަށް އިމާރާތްކުރަން ހަމަޖެހިފައިވާ ސްކޫލު 3 - 7.7 މިލިއަން ރުފިޔާ
- ހުޅުމާލޭގައި އަލަށް އިމާރާތްކުރަން ހަމަޖެހިފައިވާ ސްކޫލު 4 - 8.9 މިލިއަން ރުފިޔާ
- ހުޅުމާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައި ސީއެޗްއެސްސީ 'ބީ" ބްލޮކް (އަމަލީ މަސައްކަތް ކުރިއަށްދާ) - 4.2 މިލިއަން ރުފިޔާ
މީގެ އިތުރުން ވެސް މާލެ ސަރަހައްދުގައި މެޑިކަލް ސްކޫލަކާއި ފުޓްބޯލް ޓްރެއިނިން ސްކޫލެއް އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ ސްކޫލުތަކުގެ މަސައްކަތަށް ބޭނުންވާ ފައިސާ ވެސް ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފަ އެވެ.
ހަމައެއާއެކު، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ހުރި ސްކޫލުތައް ތަރައްގީ ކުރުމަށް ވެސް ބަޖެޓުގައި ހިމަނާފައި ވެއެވެ. އެގޮތުން، އަތޮޅުތެރޭގެ 127 ސްކޫލެއް ތަރައްގީ ކުރުމަށާއި، މާލެ ސަރަހައްދުގެ ތިން ސްކޫލެއް ތަރައްގީ ކުރުމަށް ހިމަނާފައި ވެއެވެ. ސްކޫލުތައް ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރޭގައި އިތުރު ކްލާސްރޫމުތަކާއި، އިތުރު އިމާރާތްތަކުގެ އިތުރުން މަލްޓިޕާޕަސް ހޯލް އަދި ލައިބްރަރީއާއި ލެބޯޓްރީތައް އެޅުން ހިމަނާފައި ވެއެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ތައުލީމީ ދާއިރާއަށް ހިމަނާފައި ވަނީ ޖުމްލަ 4.6 ބިލިއަން ރުފިޔާ އެވެ.
ބަޖެޓު 2023 ކުރުކޮށް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރުގެ ފަހު އަހަރަށް ހުށަހަޅާފައިމިވަނީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ބަޖެޓުގެ 40.557 ބިލިއަން ރުފިޔާ ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ބެލެވޭއިރު އޭގެ ތެރެއިން އެންމެ ގިނަ ބޮޑު ބައެއް ހިއްސާކުރަނީ މުވައްޒަފުންގެ މުސާރަ ހަރަދެވެ. އެގޮތުން، ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުކުރުމަށް ނިންމައި، އެކަމަށް 493.2 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހު އެވެ. އަދި ބަޖެޓަށް ބަހުސް ކުރުން ފެށުމަށް މަޖިލީހުން އެޖެންޑާކޮށްފައި ވަނީ މާދަމާ އެވެ.












