މެރީ ގްރޭސް އައިޖީއެމްއެޗަށް ގެންގޮސް ދިން ފަރުވާގެ ޕޭޝަންޓު ޗާޓުތަކުގެ މައުލޫމާތު ސާފުކުރުމަށް ދައުލަތަށް ފަހު ފުރުސަތެއް ދިނުމަށް ފަހު، އެ ފުރުސަތުގައި ސާފުނުކުރެވިއްޖެނަމަ އައިޖީއެމްއެޗްގެ ވެރިން ހާޒިރުކޮށްގެން ވެސް މައުލޫމާތު ސާފުކުރާނެ ކަމަށް ޝަރީއަތުން ބުނެފި އެވެ.
އައިޖީއެމްއެޗްގައި ނަރުހެއްގެ ވަޒީފާ އަދާކުރަމުން ދިޔަ މެރީ ގްރޭސް މަރާލީ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން ކަމަށް އޭނާގެ އޮޓޮޕްސީ ރިޕޯޓުން ދައްކާއިރު، އެ ކަން ކުރީ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް އާއި އޭނާގެ ލޯބިވެރިޔާ ލަމްހާ ކަމަށް ދައުލަތުން ދައުވާ ކުރެ އެވެ. ލަމްހާއާއި މާވިން ވެސް މަސައްކަތް ކުރީ އައިޖީއެމްއެޗްގެ ނަރުހެއްގެ ގޮތުގަ އެވެ.
މޭރީ ދަންޖެހިފައި ހުއްޓާ ފެނުނު ކަމަށް މާވިން ރިޕޯޓް ކުރުމުން، އެމްބިއުލާންސްގައި މޭރީ ގެންގޮސް އައިޖީއެމްއެޗްގައި ފަރުވާ ދީފައިވެ އެވެ. އައިޖީއެމްއެޗްގެ ކޮންމެ ޕޭޝަންޓެއްގެ މައުލޫމާތު ހުންނަ ޗާޓެއް އޮންނައިރު، މޭރީގެ ޕޭޝަންޓް ޗާޓް ދިނުމަށް ލަމްހާގެ ފަރާތުން ޝަރީއަތުގައި އެދިފަ އެވެ. އަދި ގާޒީ ވަނީ ދައުލަތުގެ މައްޗަށް އެ ކަން އަމުރުކޮށްފަ އެވެ.
ނަމަވެސް މިއަދާ ހަމައަށް ވެސް ޕޭޝަންޓް ޗާޓުގެ މައުލޫމާތު އައިޖީއެމްއެޗުން ލިބިފައި ނުވާ ކަމަށް ދައުލަތުގެ ވަކީލު މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ވިދާޅުވި އެވެ. އޭގެ މައުލޫމާތު ސާފުކޮށްދިނުމަށް އެދި އައިޖީއެމްއެޗަށް ސިޓީއެއް ފޮނުވާފައިވާއިރު، އޭގެ ޖަވާބު މާދަމާ ފޮނުވާނެ ކަމަށް އައިޖީއެމްއެޗުން މައުލޫމާތު ދިން ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
ޕޭޝަންޓް ޗާޓުތައް ނެތި، ދައުލަތުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ޑޮކްޓަރުންނާއި ނަރުހުންގެ ހެކިބަސް ނެގުމަށް ލަމްހާގެ ވަކީލުން އިއުތިރާޒުކޮށްފައިވެސް ވެ އެވެ. ޝަރީއަތުން ވެސް އެ އިއުތިރާޒު ބަލައިގެންފައިވާތީ، މިހާތަނަށް ކޯޓަށް ހާޒިރުކޮށް ހެކިބަސް ނަގަމުން އައީ ހަމައެކަނި މޭރީއާއި މާވިން ދިރިއުޅުނު އެޕާޓްމަންޓްގައި އެ ދުވަސްވަރު އުޅެފައިވާ މީހުންގެ ހެކިބަސް އެކަންޏެވެ.

މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ މާދަމާގެ ނިޔަލަށް އައިޖީއެމްއެޗް މެދުވެރިކޮށް މޭރީ ގްރޭސްގެ ޕޭޝަންޓް ޗާޓުތަކުގެ މައުލޫމާތު ސާފުކޮށްފައި އޮންނަން ވާނެ ކަމަށެވެ. މާދަމާއަށް އެ ކަން ނުވެއްޖެނަމަ އައިޖީއެމްއެޗްގެ ވެރިން ހާޒިރުކޮށްގެން ވެސް އެ މައުލޫމާތުތައް ސާފުކުރާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
އަންނަ އަންގާރަ ދުވަހު ވެސް މި މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ނިންމާފައިވެ އެވެ.
މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ޕޭޝަންޓް ޗާޓް ނެތް ކަމުގެ މައުލޫމާތެއް ލިބިފައިވާތީ، އޭގެ ޗާޓެއް ނެތް ސަބަބު ސާފުކޮށް ރަސްމީކޮށް ސިޓީއެއް ފޮނުވުމަށް އައިޖީއެމްއެޗްގައި އެދިފައިވާނެ ކަމަށް ދައުލަތުން ބުނެފައިވެ އެވެ. ނަމަވެސް އައިޖީއެމްއެޗްގެ ކޮންމެ ޕޭޝަންޓެއްގެ މައުލޫމާތު އޮންނަ ޗާޓެއް ތައްޔާރުކުރުމަކީ އެ ހޮސްޕިޓަލްގެ އުސޫލެއް ކަމަށް ބުނެ ދައުލަތުގެ އެ ވާހަކަ ލަމްހާއާއި މާވިން ގަބޫލެއް ނުކުރި އެވެ.
މައްސަލައިގެ ފަސްފަހަތް؛
މޭރީ ގްރޭސް އަކީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓްގެ ނަރުހެކެވެ. އޭނާގެ ފިރިމީހާ މާވިންއާއި ލަމްހާއަކީ ކެޝުއަލްޓީގައި މަސައްކަތް ކުރާ ނަރުހުންނެވެ. ފިލިޕީންސްގައި ވަރިކުރުމަކީ މަނާކަމެއް ގޮތުގައި އޮތް އިރު، ލަމްހާއާއި މާވިން އުޅުނީ ސިއްރު ލޯބީގެ ގުޅުމެއް ބާއްވައިގެން ކަމަށް ތުހުމަތު ކުރެ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު، ގްރޭސް ދަންޖެހިގެން މަރުވި ކަމަށް ބުނެ މާވިން ރިޕޯޓް ކުރިޔަސް ތުހުމަތު ކުރެވޭ ކަންކަން ހުރުމުން ފުލުހުން ތަހުގީގު އިތުރަށް ހިންގަމުން ދިޔައީ އެވެ.
އަދި ގްރޭސް މަރާލި ކަމުގެ ތުހުމަތުގައި މާވިން ހައްޔަރު ކުރީ އޮކްޓޯބަރު 27 ގަ އެވެ. އޭގެ ފަހުން ލަމްހާ ހައްޔަރު ކުރީ އޭގެ 50 ދުވަސް ފަހުން ޑިސެމްބަރު 16 ގަ އެވެ.
މާވިންގެ މައްޗަށް އެނގި ހުރެ މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
އޭގެ އިތުރަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ ވެސް ލަމްހާގެ މައްޗަށް ކުރެ އެވެ. އެ ދައުވާތައް ލަމްހާގެ މައްޗަށް ކުރަނީ އައިޖީއެމްއެޗުން ހުއްދަ ނުނަގައި، ނުރައްކާތެރި ބައެއް ބޭސްތަކެއް ލަމްހާ ނެގި ކަމަށް ތުހުމަތުކޮށެވެ.













