ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބާއްވާ ސްމާޓްކޮމް ފެއާ 2022 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި މަހުގެ 19 ވަނަ ދުވަހު ހުޅުމާލޭގައި ބާއްވާ މި ފެއާއަކީ ތަފާތު އެކި ހިދުމަތްތައް ދިނުމަށް ބޭނުންކުރާ މޮބައިލް އެޕްލިކޭޝަން، ވެބްސައިޓްތައް، އަދި އެހެނިހެން ޑިޖިޓަލް ވަސީލަތްތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ވީހާވެސް ގާތުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބާއްވާ ފެއާއެއް ކަމަށް އެޗްޑީސީއިން ބުނެ އެވެ.
މީގެ ފަހުން ކޮންމެ އަހަރުކު ވެސް މި ފެއާ ބާއްވާނެ އެވެ.
ސްމާޓްކޮމް އަކީ އެޗްޑީސީގެ ސްމާޓް ސިޓީ ބްރޭންޑެވެ. ހުޅުމާލެ ސްމާޓް ސިޓީއަކަށް ހެދުމަށްޓަކައި އެ ކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ފެއާގެ މައުލޫމާތު ހިއްސާކުރަމުން އެޗްޑީސީއިން ބުނެފައިވަނީ މިއީ ޒަމާނީ ޓެކްނޮލޮޖީއަށް މީހުން އަހުލުވެރި ކުރުވާ އަދި ސްމާޓް ސިޓީއަކަށް ސްމާޓް ރައްޔިތުން ތައްޔާރު ކޮށްދިނުމަށް ގުޅިގެން ކުރެވޭ މުހިއްމު މަސައްކަތެއް ކަމަށެވެ. މިފަދަ ފެއާތަކުގެ ސަބަބުން، ތަފާތު ސައިބަ ކުށްތައް އާއްމުވެފައިވާ މިފަދަ ޒަމާނެއްގައި މުޖުތަމައު ހޭލުންތެރި ކުރުވުމަށް އެހީތެރި ވެދެވޭނެ ކަަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ސްމާޓްކޮމް ފެއާގައި ދާއިރާގެ އެކި ތަޖުރިބާ ކާރުން ސްމާޓް ސިޓީ ސޮލުޝަންތަކާބެހޭ މުހިއްމު މައުލޫމާތާއި، އެހެނިހެން ޑިޖިޓަލް ހިދުމަތްތަކާ ބެހޭ މައުލޫމާތު، އަދި ސައިބަ ކުށްތަކުން ސަލާމަތްވާނެ ގޮތްތަކާ ބެހޭ ޕްރެޒެންޓޭޝަންތައް ދޭނެ އެވެ.
މި ފެއާގައި ބައިވެރިވުމަށް އެދޭ ފޯމު އެޗްޑީސީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ. އެ ކުންފުނިން ބުނި ގޮތުގައި ފެއާގައި ބައިވެރިވާ ފަރާތްތަކަށް ބޭނުންވާ ސްޓޯލްތައް އެ ކުންފުނިން ހަމަޖައްސައިދޭނެ އެވެ.












