ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އުސޫލުތަކާއި ހިލާފަށް ލިކުއިޑޭޓެޑް ޑެމޭޖުގެ ގޮތުގައި ކަނޑަންޖެހޭ ފައިސާ އުނިނުކޮށް ކޮންޓްރެކްޓަރުންނަށް ފައިސާ ދީފައިވާ ކަމަށް ތުހުމަތުކުރެވުނު މައްސަލަ ތަހުގީގުކޮށް، އެކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނިމާލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް މިއަދު ފޮނުވައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލާގައި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް ނިމާލް އާއި އިތުރު ތިން މީހެއްގެ ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ 2014 އަދި 2015 ވަނަ އަހަރު ފެނަކައަށް މުދާ ހޯދުމަށް އަމިއްލަ ކުންފުނިތަކަކާއެކު ވެވުނު އެއްބަސްވުންތަކަކާ ގުޅިގެން، ސަޕްލަޔަރުންގެ މަސްލަހަތަށް އިސްކަންދީފައިވާކަން ފާހަގަކުރެވުނު މައްސަލައެއްގައި ކަމަށެވެ.
މި މައްސަލާގައި ދައުވާ ކުރަން އެދޭ އަނެއް ތިން މީހުން
- ފައިނޭންސް އެންޑް އެކައުންޓް ޑިޕާޓްމަންޓްގެ ޑިރެކްޓަރުގެ މަޤާމުގައި އޭރު ހުރި މިންހާޖު ވަޙީދު (ދަފްތަރު ނަންބަރ، ރސ 13520/ކ. މާލެ)
- ޕްރޮޖެކްޓް ޑިވިޜަންގެ ޑެޕިއުޓީ ޑިރެކްޓަރގެ މަގާމުގައި އޭރު ހުރި އަޙްމަދު ޞާލިޙު ނާޞިރު (މޫންލައިޓް ހައުސް / ސ. މަރަދޫފޭދޫ)
- ފައިނޭންސް އެންޑް އެކައުންޓްސް ޑިވިޜަންގެ ޑެޕިއުޓީ ޑިރެކްޓަރގެ މަޤާމުގައި އޭރު ހުރި އަޙުމަދު ޢަޒްލީމް (ރޯޒްގާޑަން / ސ. ހުޅުދޫ)
އޭސީސީން ބުނީ މި މައްސަލައިގެ ތަހުގީގަށް ހޯދާފައިވާ ލިޔެކިއުންތަކުން އެއްބަސްވުންތަކާ ގުޅިގެން އެ އެއްބަސްވުންތަކުގައިވާ މުދާ ސަޕްލަޔަރު ޑެލިވަރީކޮށްފައިވަނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ފަހުންކަން އެނގިފައިވާ ކަމަށެވެ.
"އަދި އެ އެއްބަސްވުންތަކާއި ފެނަކަގެ ޕްރޮކިއުމަންޓް ޕޮލިސީގައި، ކަނޑައަޅާފައިވާ ތާރީހުގައި މުދާ ޑެލިވާ ނުކުރާނަމަ، ސަޕްލަޔަރަށް ފައިސާ ދައްކާއިރު، މުދާ ޑެލިވާކުރަން ލަސްވި މުއްދަތަށް ލިކުއިޑޭޓަޑް ޑޭމޭޖަސް އުނިކުރެވޭނެކަމަށް ބަޔާންކޮށްފައިވީނަމަވެސް، އެ އެއްބަސްވުންތަކާ ގުޅިގެން ސަޕްލަޔަރުންނަށް ފައިސާ ދޫކޮށްފައިވަނީ ލިކުއިޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި އުނިކުރަންޖެހޭ ފައިސާ އުނިނުކޮށް ނުވަތަ އުނިކުރަންޖެހޭ އަދަދަށްވުރެ މަދުން އުނިކޮށްގެންކަން ތަހުގީގަށް އެނގެ އެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
އޭސީސީން އިތުރަށް ބުނި ގޮތުގައި ލިކުއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި އުނިކުރަންޖެހޭ ފައިސާ އުނިކޮށްފައިނުވާތީ ނުވަތަ އުނިކުރަންޖެހޭ މިންވަރަށްވުރެ މަދުން ފައިސާ އުނިކޮށް ސަޕްލަޔަރުންނަށް ފައިސާ ދައްކާފައިވާތީ، އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ، ފެނަކައަށް ގެއްލިފައިވާކަން އެންގެން އޮވެ އެވެ.

އެހެންކަމުން، މި ހަތަރު މީހުންގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ ދަށުން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި، ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް އޭސީސީން ބުންޏެވެ.
އަދި މިމައްސަލާގައި ގެއްލިފައިވާ ފައިސާ ހޯދުމަށް ފެނަކަ ކޯޕަރޭޝަނަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން މިއަދު ވަނީ އަންގާފަ އެވެ.












