މީގެ 16 އަހަރު ކުރިން, ގއ. މާމެންދުއަށް ގޮސް އުޅެނިކޮށް ގްރޫޕަކުން އައިސް ލަކުޑިބުރިތަތަކުން އަނިޔާކުރުމަށް ފަހު މުހައްމަދު ޝިހާބު މަރާލި މައްސަލަ އަލުން ކްރިމިނަލް ކޯޓުން ބެލުމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ގއ. ވިލިނގިލި، ކަނޑޮއޮޅި، ޝިހާބަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ތިން ރަށަކަށް ގެންދެވުނުއިރު، އޭނާ މަރުވީ ފަރުވާ ދެމުން ދަނިކޮށް އޭގެ ތިން ދުވަސް ފަހުންނެވެ. އެ ހާދިސާ ހިނގައިދިޔައީ 2006 ވަަ އަހަރު ޖޫން މަހުގަ އެވެ.
އެ މައްސަލާގައި ހަތަރު މީހެއްގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ދައުވާކޮށް އެ މީހުން މަރަން 2008 ވަަނަ އަހަރު ކްރިމިނަލް ކޯޓުން ހުކުމް ކުރި އެވެ. އެކަމަކު ހަމަ އެ އަހަރު ހައި ކޯޓުން ވަނީ މައްސަލަ އަލުން ބެލުމަށް އަންގައިފަ އެވެ.
ކްރިމިނަލް ކޯޓުން އަލުން މައްސަލަ ބެލުމަށް ފަހު ނިންމީ ހަތަރު މީހުންގެ މައްޗަށް ވެސް ކުށް ސާބިތު ނުވާ ކަމަށެވެ. 2018 ވަނަ އަހަރު އެ ކޯޓުން ނިންމި ނިންމުމުގެ ތެރެއިން ދެ މީހެއްގެ މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.
ގއ. މާމެންދޫ ޕިންކްލައިޓް، މުހައްމަދު ޝިފްރާޒާއި އެ ރަށު މާސް، އަލީ މަސްއޫދު ސައީދުގެ މައްސަލަ ހައި ކޯޓުގައި ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރު ހުސައިން މަޒީދު، އިސް ފަނޑިޔާރު ހާތިފް ހިލްމީ، އަދި ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.

ދައުވާ ކޮށްފައިވާ މީހުން ޝިހާމަށް އަނިޔާކުރީ މަރާލުމުގެ ނިޔަތް އޮވެގެން ކަމަށް ނުބެލޭ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ ޝަރީއަތުގެ ކުރީގެ މަރުހަލާގަ އެވެ. އެހެންކަމުން އެ މައްސަލަ މައުޟޫއީ ގޮތެއްގައި ކްރިމިނަލް ކޯޓުން ބަލާފައި ނެތް ކަމަށް ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވެ އެވެ.
އެހެންކަމުން ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލްކުރުމަށް ތިން ފަނޑިޔާރުން އިއްތިފާގުން ނިންމެވި އެވެ. އަދި މައްސަލަ އަލުން ބެލުމަށް ހައި ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.












