ދުވަސްވެ، ބާވެފައިވާ ގެއެއް ތަޅަމުންދަނިކޮށް އެ އިމާރާތުން ބިޔަ ގާގަނޑެއް މަގުމައްޗަށް ވެއްޓި މަގުމަތިން ދިޔަ މީހަކަށާއި ވެހިކަލްތަކަކަށް ގެއްލުންވެއްޖެ އެވެ.
މ. ޖަވާހިރު ހިނގުމުގައި ހުރި އެ ގެ ތަޅަމުން ދަނިކޮށް ވެއްޓުނު ގާގަނޑު ޖެހުނީ ކުޑަ ޕިކަޕެއްގެ މައްޗަށެވެ. ބޮޑު ގާގަނޑެއް ސައިކަލެއްގެ މައްޗަށް ވެސް ވެއްޓުނެވެ.
އެ ހާދިސާގައި މީހެއްގެ ބޮލަށް އަނިޔާވި ކަމަށް، މަންޒަރު ދުށް މީހަކު މި ނޫހާ ވާހަކަ ދައްކަމުން ބުންޏެވެ. ނަމަވެސް ހަމަ އެ ވަގުތު އެ ސަރަހައްދު ދޫކޮށް އޭނާ ގޮސްފައިވާ ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.

ތަޅަމުންދިޔަ އިމާރާތް: މިގޭގެ ސަލާމަތީ ކަންކަން ހުރީ ފުރިހަމަނުކޮށްކަން އެނގޭ -- ފޮޓޯ: ކިޔުންތެރިއެއް

މި ނޫހަށް ލިބިފައި ހުރި ފޮޓޯތަކުން ފެންނަ ގޮތުގައި ތަޅަމުންދިޔަ އިމާރާތުގެ ސަލާމަތީ ކަންކަން ހުރީ ވަރަށް ކުޑަކޮށެވެ. ގަވާއިދުގައި ބުނާ ގޮތުން އިމާރާތެއް ތަޅަމުންދާ ނަމަ މުޅި އިމާރާތް ހުންނަންޖެހޭނީ ވަށައި، ބަންދުކޮށްފަ އެވެ.
އެކަމަކު، ފޮޓޯތަކުން ފެންނަ ގޮތުގައި ގާގަނޑު ވެއްޓުނު އިމާރާތުން ބޮޑު ބައެއް އޮތީ ހާމައަށެވެ. އަދި އެތަނުގައި މަސައްކަތް ކުރަމުންދިޔަ މީހުންނަށް ވެސް ހެލްމެޓު ފަދަ ސަލާމަތީ އާލާތްތައް ދީފައިނުވާކަން ފޮޓޯތަކުން އެނގެ އެވެ.
ފުލުހުންގެ މީޑިޔާ ޑިޕާޓްމަންޓުން ފޯނު ނުނަގާތީ، މިވަގުތު އެ އިދާރާގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.












