އައިޖީއެމްއެޗްގައި މަސައްކަތް ކުރި ނަރުސް މޭރީ ގްރޭސް މަރުވި ކަމަށް އޭނާގެ ފިރިމީހާ މާވިން އެސްވައި ރިޕޯޓް ކުރި ދުވަހު އެ ގޭގެ ސިޑި މަތިން މާވިންއާއި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާ ވެސް ނުފެންނަ ކަމަށް އެ ގޭގައި ދިރިއުޅުނު މީހުން ބުނެފި އެވެ.
އުމުރުން ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖެއް ވެސް ހުންނަ ގްރޭސް ދަންޖެހިގެން މަރުވި ކަމަށް މާވިން ރިޕޯޓް ކުރީ އޮކްޓޯބަރު 19، 2021 ގަ އެވެ. މޭރީގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ ވެސް މާވިން އެވެ.
ނަމަވެސް ފުލުހުންގެ ތަހުގީގުން ގްރޭސް މަރާލި ކަމަށް ބެލެވިގެން މާވިން އާއި އޭނާގެ ލޯބިވެރިޔާ ލަމްހާގެ މައްޗަށް ދައުވާކޮށް މިހާރު ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތުގައި މިހާރު ކުރިއަށް ގެންދަނީ ދެމަފިރިން ދިރިއުޅުނު ގޭގައި އޭރު އުޅުނު މީހުންގެ ހެކިބަސް ނެގުމެވެ.
މިއަދު ޝަރީއަތަށް ހަތަރު މީހަކު ހާޒިރުކޮށް ހެކިބަސް އަދާކޮށްފައިވެ އެވެ.
މިއިން ކޮންމެ މީހަކީ މޭރީ މަރުވި ވަގުތާ ގާތްކޮށް އެ ގޭގެ ސިޑިން ތިރިއަށް ފޭބި މީހުނެވެ. ދައުލަތުން ތުހުމަތުކުރާ ގޮތުގައި، މާވިން އެ ދުވަހު ގެއަށް ވެސް ވަދެފައިވަނީ އެ ދުވަހުގެ މެންދުރުފަހު ވަގުތެއްގަ އެވެ. ހެކިބަސް ދިން މީހުން ވެސް ސިޑިން ތިރިއަށް ފާބައި ގެއިން ނުކުތީ އެ ދުވަހުގެ މެންދުރުގެ ވަގުތުތަކުގަ އެވެ.

މާވިނާއި މޭރީ ދިރިއުޅުނީ މއ. އުދުހޭކޮކާގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓުގަ އެވެ. އެއީ ހަ ފަންގިފިލާ ހުންނަ ގެއެކެވެ. ކޮންމެ ފަންގިފިލާއެއްގައި ހުންނަނީ އެއް އެޕާޓްމަންޓެވެ. ގެއަށް ވަދެވޭނީ މައި ދޮރޯށިން އެކަންޏެވެ. މައްޗަށް އަރަން ސިޑިއެއް ހުންނައިރު، ލިފްޓެއް ނުހުރެ އެވެ. ސިޑިއަކީ ވެސް އެއް ވަގުތެއްގައި އެންމެ މީހަކަށް ހުރެވޭ ވަރުގެ ހަނި ސިޑި އެކެވެ.
އެ ގޭގެ ހަތަރުވަނަ ފަންގިފިލާގައި އެ ދުވަސްވަރު އުޅުނު ވާފިޔާ މުހައްމަދު މިއަދު ހެކިބަސް ދެމުން ބުނީ އެ ދުވަހުގެ މެންދުރު 12:50 ހާއިރު އޭނާގެ ދަރިން ސްކޫލަށް ބަލައިދާން ވެގެން ނުކުތް ކަމަށެވެ. ނަމަވެސް އެ ވަގުތު މާވިން އަދި ލަމްހާ ވެސް ފެނިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.
އެ ގޭގައި ހަމަ އެ ދުވަސްވަރު އުޅުނު ޖައުފަރު ރަޝީދު ބުނީ އެ ދުވަހުގެ އެކި ވަގުތުތަކުގައި ގެއިން ނުކުމެފައި ހުންނާނެ ކަމަށެވެ. މެންދުރު 12:30 އާއި 12:40 އާދެމެދުގެ ވަގުތެއްގައި ނުކުތް ކަމަށް ވެސް ބުންޏެވެ. އެކަމަކު އެ ދުވަހު ސިޑިން މީހަކު ފެނުނު ކަމަށް ފާހަގަކުރެވިފައި ނުވާ ކަމަށް ބުންޏެވެ.
އޭރު އެ ގޭގައި ދިރިއުޅުނު އަދި މިހާރު ދާންދޫގައި އުޅެމުންދާ މުހައްމަދު ހަމީދު ވެސް ބުނީ މެންދުރު ނަމާދަށް ދިއުމަށް އެ ދުވަހު ގެއިން ނުކުތް ކަމަށެެވެ. ދާންދޫ ކޯޓު މެދުވެރިކޮށް އޮންލައިންކޮށް ޝަރީއަތަށް ހާޒިރުވެ ހުރި ހަމީދު ބުނީ އެ ދުވަހު މާވިން އަދި ލަމްހާ ވެސް ސިޑިން ފެނިފައި ނުވާ ކަމަށެވެ.
އެ ގޭގެ ފަސްވަނަ ފަންގިފިލާގައި އޭރު އުޅުނު އައިޝަތު ހަނީފާ ބުނީ އޭނާ ވެސް އެ ދުވަހު މެންދުރު 12:00 އާއި 1:00 އާ ދެމެދުގެ ވަގުތެއްގައި ބޭރަށް ނުކުތް ކަމަށެވެ. އަލިފުށި މެޖިސްޓްރޭޓް ކޯޓުން އޮންލައިންކޮށް ބައިވެރިވެ އިން ހަނީފާ ބުނީ އެ ދުވަހު ސިޑިން މީހަކު ފެނުނު ކަން ހަނދާން ނެތް ކަމަށެވެ.
އިއްޔެ ވެސް އެ ގޭގައި ދިރިއުޅޭ މީހެއްގެ ހެކިބަސް ނެގި އެވެ. އޭނާ ވެސް ބުނެފައިވަނީ އެ ދުވަހުގެ އެއްވެސް ވަގުތެއްގައި މާވިން އަދި ލަމްހާ ވެސް ސިޑިމަތިން ފެނިފައިނުވާ ކަމަށެވެ.
ފުރަތަމަ ފަންގިފިލާއިން ބަޔަކު ޒުވާބުކޮށް އަޑުގަދަކުރި އަޑުއިވިފައިވޭތޯ ދައުލަތުގެ ވަކީލުން ސުވާލުކުރުމުން، އޭގެ ޖަވާބުގައި ވެސް ގިނަ ހެކިން ބުނެފައި ވަނީ އެފަދަ ކަމެއް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ. އަދި އެ ދުވަހު ވީ ކަންކަން ހަނދާން ނެތް ކަމަށް ވެސް ބައެއް ހެކިން ބުނެފައިވެ އެވެ.
ދެން މައްސަލައިގެ އަޑުއެހުމެއް އޮންނާނީ މި މަހުގެ ހަވަނަ ދުވަހުގަ އެވެ. އަދި މި މަހުގެ އަށްވަނަ ދުވަހު ވެސް އަޑުއެހުމެއް ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ.
މޭރީގެ ޕޭޝަންޓް ޗާޓުތައް ނެތް ކަމަށް ބުނުމުން ލަމްހާއާއި މާވިން ގަބޫލެއް ނުކުރި
މޭރީ ގްރޭސް މަރާލީ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން ކަމަށް އޭނާގެ އޮޓޮޕްސީ ރިޕޯޓުން ދައްކާއިރު، އައިޖީއެމްއެޗަށް ގެންގޮސް މޭރީއަށް ދިން ފަރުވާގެ ތަފުސީލުތައް ފެންނަ ޕޭޝަންޓް ޗާޓު ދިނުމަށް ލަމްހާގެ ފަރާތުން އެދިފައިވެ އެވެ.
ނަމަވެސް އައިޖީއެމްއެޗުން ފޯރުކޮށްދީފައިވަނީ މޭރީގެ ޑެތު ސަމަރީ ރިޕޯޓް އެކަންޏެވެ. މިއަދު ދައުލަތުގެ ވަކީލު އަހުމަދު ނައުފަލް ވިދާޅުވީ މަރުވާ މީހުންގެ ޕޭޝަންޓް ޗާޓު ރައްކާނުކުރާ ކަމަށް އައިޖީއެމްއެޗުން ފުލުހުންނަށް މައުލޫމާތު ދިން ކަމަށެވެ. ނަމަވެސް ރަސްމީކޮށް އޭގެ ޖަވާބެއް ހޯދުމަށް ޓަކައި، ޕޭޝަންޓް ޗާޓު ނެތް ސަބަބު ބަޔާންކޮށް ލިޔުމުން ފޮނުވަން ދައުލަތުން ވަނީ އައިޖީއެމްއެޗްގައި އެދިފަ އެވެ.
މިކަމާ ގުޅިގެން މިއަދުގެ އަޑުއެހުމުގައި މާވިން އަދި ލަމްހާ ވެސް ވަނީ ވާހަކަ ދައްކައިފަ އެވެ. އައިޖީއެމްއެޗްގައި ނަރުހެއްގެ ވަޒީފާ އަދާކުރަމުން ދިޔަ އެ ދެ މީހުން ވެސް ބުނީ، އައިޖީއެމްއެޗްގައި އެންމެ އާދައިގެ ޕޭޝަންޓްގެ ވެސް މައުލޫމާތުތައް ރައްކާކުރާ ކަމަށެވެ. އަދި އެނދުމަތިކުރެވޭ ޕޭޝަންޓުންގެ ނޯޓުތައް އެނދު ކައިރީ ހުންނަ ބޯޑެއްގައި ބަރާބަރަށް ނޯޓުކުރުމަކީ އެ ހޮސްޕިޓަލްގެ އާންމު އުސޫލު ކަމަށެވެ.
ޕޭޝަންޓް ޗާޓުތައް ވެގެން ދިޔަ ގޮތް ސާފުނުވަނީސް ޑޮކްޓަރުންނާއި ނަރުހުންގެ ހެކިބަސް ނެގުމަށް ލަމްހާގެ ވަކީލުންގެ އިތުރަށް މާވިންގެ ވަކީލު އިސްމާއީލް އަހުމަދު ވެސް ވަނީ އިއުތިރާޒުކޮށްފަ އެވެ.
މާވިނާއި މޭރީއާ ދެމެދު މެސެންޖާއިން ފިލިޕިންސް ބަހުން ދައްކާފައިވާ ވާހަކަތަކުގެ ތަރުޖަމާއެއް ދިނުމަށް ވެސް ދިފާއީ ވަކީލުން އެދިފައިވެ އެވެ. އެ މެސެޖްތައް ކޯޓުން ދަނީ ދިރާސާކުރަމުންނެވެ. މައްސަލަ ބައްލަވާ ގާޒީ އަހުމަދު ފާއިޒް ރަޝާދު ވަނީ އެއަށް ފަހު ގޮތެއް ނިންމަވާނެ ކަމަށް މިއަދު ވެސް ވިދާޅުވެފަ އެވެ.
މައްސަލައިގެ ފަސްފަހަތް
މޭރީ ގްރޭސް އަކީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓްގެ ނަރުހެކެވެ. އޭނާގެ ފިރިމީހާ މާވިންއާއި ލަމްހާއަކީ ކެޝުއަލްޓީގައި މަސައްކަތް ކުރާ ނަރުހުންނެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު، ގްރޭސް ދަންޖެހިގެން މަރުވި ކަމަށް ބުނެ މާވިން ރިޕޯޓް ކުރިޔަސް ތުހުމަތު ކުރެވޭ ކަންކަން ހުރުމުން ފުލުހުން ތަހުގީގު އިތުރަށް ހިންގަމުން ދިޔައީ އެވެ.
އަދި ގްރޭސް މަރާލި ކަމުގެ ތުހުމަތުގައި މާވިން ހައްޔަރު ކުރީ އޮކްޓޯބަރު 27 ގަ އެވެ. އޭގެ ފަހުން ލަމްހާ ހައްޔަރު ކުރީ އޭގެ 50 ދުވަސް ފަހުން ޑިސެމްބަރު 16 ގަ އެވެ.
މާވިންގެ މައްޗަށް އެނގި ހުރެ މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
އޭގެ އިތުރަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ ވެސް ލަމްހާގެ މައްޗަށް ކުރެ އެވެ. އެ ދައުވާތައް ލަމްހާގެ މައްޗަށް ކުރަނީ އައިޖީއެމްއެޗުން ހުއްދަ ނުނަގައި، ނުރައްކާތެރި ބައެއް ބޭސްތަކެއް ލަމްހާ ނެގި ކަމަށް ތުހުމަތުކޮށެވެ.













