މޭރީގެ ޕޭޝަންޓު ޗާޓު ނުލިބެނީސް ނަރުހުންގެ ހެކިބަސް ނެގުން މަޑުޖައްސާލަނީ

މޭރީ ގްރޭސް މަރާލުމުގެ ދައުވާކުރާ މާވިން އަދި ލަމްހާ; މޭރީގެ ޕޭޝަންޓް ޗާޓު ނުލިބެނީސް ނަރުހުންގެ ހެކިބަސް ނުނަގަން ޝަރީއަތުން ނިންމި

މޭރީ ގްރޭސް މަރާލުމުގެ ދައުވާކުރާ މާވިން އަދި ލަމްހާ; މޭރީގެ ޕޭޝަންޓް ޗާޓު ނުލިބެނީސް ނަރުހުންގެ ހެކިބަސް ނުނަގަން ޝަރީއަތުން ނިންމި

އައިޖީއެމްއެޗްގައި ނަރުހެއްގެ ވަޒީފާ އަދާކުރަމުން ދިޔަ މެރީ ގްރޭސް އައިޖީއެމްއެޗަށް ގެންގޮސް ދިން ފަރުވާގެ ޕޭޝަންޓު ޗާޓުތައް، އޭނާ މަރާލި މައްސަލާގައި ދައުވާކުރާ ލަމްހާ އަބްދުލްރަހްމާނަށް ނުލިބޭހާ ހިނދަކު ދައުލަތުން ހުށަހަޅާފައިވާ ނަރުހުންގެ ހެކިބަސް ނެގުން މަޑުޖައްސާލަން ޝަރީއަތުން ނިންމައިފި އެވެ.

މޭރީ ގްރޭސް މަރާލީ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން އޭނާގެ އޮޓޮޕްސީ ރިޕޯޓުން ދައްކާއިރު، އެ ކަން ކުރީ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް އާއި އޭނާގެ ލޯބިވެރިޔާ ލަމްހާ ކަމަށް ދައުލަތުން ދައުވާ ކުރެ އެވެ. މާވިން ވެސް މަސައްކަތް ކުރީ އައިޖީއެމްއެޗްގެ ނަރުހެއްގެ ގޮތުގަ އެވެ.

އައިޖީއެމްއެޗްގައި ކޮންމެ ޕޭޝަންޓަކަށް ތައްޔާރު ކުރާ މެޑިކަލް ޗާޓުތަކެއް އޮންނައިރު، އެންމެ ފަހުން މޭރީ ގްރޭސް ގެންދިޔައިރު އެފަދަ ޗާޓެއް އޮންނާނެ ކަމަށް ބެލެވޭނެތީވެ އެ ޗާޓުތައް ދިނުމަށް ލަމްހާގެ ފަރާތުން ހުށަހެޅީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ގޮތުގަ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ލަމްހާގެ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވީ އައިޖީއެމްއެޗުން ފޮނުވި ލިޔެކިއުންތަކުގައި ވަނީ "ޑެތު ސަމަރީ" އެކަނި ކަމަށެވެ. ޕޭޝަންޓު ޗާޓު އަދިވެސް ލިބިފައި ނެތް އިރު، އެ ޗާޓުތައް ނުލިބެނީސް ނަރުހުންގެ ހެކިބަސް ނެގުމަށް އިއުތިރާޒް ކުރައްވާ ކަމަށް ވިދާޅުވި އެވެ.

އެ ކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ދައުލަތުގެ ވަކީލު އަހުމަދު ނައުފަލް ވިދާޅުވީ ޕޭޝަންޓު ޗާޓުތައް އޮތް ކަން ނުވަތަ ނޫން ކަން ވެސް އަދި ސާފުވެފައި ނުވާ ކަމަށެވެ. އަދި، މިއަދު އެ ކަން އައިޖީއެމްއެޗުން ސާފުކުރާނެ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒު ރަޝާދު ވިދާޅުވީ ޕޭޝަންޓު ޗާޓު އޮތް ނަމަ، ލަމްހާއަށް ހަވާލުކޮށްދިނުމަށް ޝަރީއަތުން ނެރެފައިވާ އަމުރެއް އޮތުމުން، އެ އަމުރާ އެއް ގޮތަށް އެ ކަން ސާފުކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ.

ގާޒީ ފާއިޒު ވަނީ ވީ އެންމެ އަވަހަކަށް އެ މައުލޫމާތު ސާފުކުރުމަށް ފަހު، ކޯޓުގެ އިދާރީ މޭޒަށާއި ދިފާއަށް އެ ކަންކަން ހިއްސާ ކުރުމަށް އަންގަވައިފަ އެވެ. އަދި އެ މައުލޫމާތު ސާފުނުކޮށް އެ ކަމާ ގުޅުން ހުރި މީހުންގެ ހެކިބަސް ނުނެގޭނެ ކަމަށް ގާޒީ ވެސް ފާހަގަ ކުރެއްވި އެވެ.

ނަރުހުންގެ ހެކިބަސް ނެގުމަށް ހަމަޖެހިފައި އޮތީ މާދަމާ އެވެ. މިއަދު، އަޑުއެހުން ނިންމާލެއްވުމުގެ ކުރިއަށް ވެސް މާދަމާ އަޑުއެހުން ބާއްވާނެ ކަމަށް ގާޒީ ވިދާޅުވެފައިވެ އެވެ.

މޭރީ އުޅުނު ގޭގައި ދިރިއުޅޭ މީހެއްގެ ހެކިބަސް ނެގި

މިއަދުގެ ޝަރީއަތަށް ހަތަރު ހެއްކެއް ހާޒިރުކުރުމަށް ޗިޓު ފޮނުވި އެވެ. ނަމަވެސް، މިއަދުގެ ޝަރީއަތަށް ހާޒިރުވީ އޭގެ ތެރެއިން އެންމެ މީހެކެވެ.

އެއިން އެކަކު ސިއްހީ ހާލަތު ހުރި ގޮތުން ޝަރީއަތަށް ހާޒިރު ނުވެވޭ ކަމަށް އޮތީ އަންގައިފަ އެވެ. އަދި، އެކަކު ކޯޓަށް ދިޔަ މަގުމަތީގައި އެކްސިޑެންޓެއް ހިނގައިގެން ހާޒިރުނުވެވުނީ ކަން ކޯޓަށް އަންގާފައިވެ އެވެ.

މިއަދު ހެކިބަސް ދިން މީހާ ބުނި ގޮތުގައި މޭރީ މަރުވި ދުވަހުގެ އެއްވެސް ކަމެއް ހަނދާނަކު ނެތް ކަމަށެވެ. އެ ދުވަހު ސިޑި މަތިން މާވިން ފެނުނުތޯ އާއި، ސިޑިން ނުކުމެގެން ދިޔަ ވަގުތު ބަޔަކު ޒުވާބު ކުރާ އަޑު އިވުނުތޯ ސުވާލު ކުރުމުން ވެސް ޖަވާބުގައި ބުނީ ހަނދާނުގައި ނެތް ކަމަށެވެ.

މޭރީއާއި މާވިންގެ ޗެޓް ލޮގްގެ ތަރުޖަމާއެއް ދިނުމަށް އެދުނު

މޭރީ މަރާލުމުގެ ދައުވާ މާވިންގެ މައްޗަށް ސާބިތު ކުރުމަށް ޓަކައި މާވިން އަދި މޭރީއާ ދެމެދު މެސެންޖަރުން ދައްކާފައި ހުރި ވާހަކަތަކުގެ ޗެޓް ލޮގެއް ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވެ އެވެ.

ޖުމުލަ 184 މެސެޖް ހިމެނޭ އެ ޗެޓް ލޮގްގައި ވާހަކަ ދައްކާފައި ވަނީ ފިލިޕީންސް ބަހުންނެވެ. އެހެންވެ އޭގެ ދިވެހި ނުވަތަ އިނގިރޭސި ތަރުޖަމާއެއް ދިނުމަށް ލަމްހާގެ ވަކީލުން ވަނީ އެދިފަ އެވެ.

ނަމަވެސް، އެއީ ޝަރީއަތް ފެށުމުގެ ކުރިއަށް އޮންނަ މަރުހަލާގައި ފާހަގަކޮށްދޭން ޖެހޭ ކަމެއް ކަމަށް ދައުލަތުގެ ވަކީލުން ގަބޫލުކުރައްވަ އެވެ. އަދި އޭގައި މައްސަލައާ ގުޅުން ނެތް އެތައް ވާހަކައެއް ވެސް ދައްކާފައި އޮތުމުން، އޭގެ ތަރުޖަމާއެއް މުހިންމު ކަމުގައި ދައުލަތުން ނުދެކެ އެވެ.

އެކަމާ ގުޅިގެން ގާޒީ ފާއިޒު ވިދާޅުވީ، އެ ޗެޓްތަކުގައިވާ ކަންކަން ޝަރީއަތުން ސާފުކުރުމަށް ފަހު އެ ކަމާ ގުޅޭ ގޮތުން ޝަރީއަތެއް ގޮތެއް ނިންމަވާނެ ކަމަށެވެ.

މައްސަލައިގެ ފަސްފަހަތް

މޭރީ ގްރޭސް އަކީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓްގެ ނަރުހެކެވެ. އޭނާގެ ފިރިމީހާ މާވިންއާއި ލަމްހާއަކީ ކެޝުއަލްޓީގައި މަސައްކަތް ކުރާ ނަރުހުންނެވެ.

އުމުރުން ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖެއް ވެސް ހުންނަ ގްރޭސް މަރާލީ އޮކްޓޯބަރު 19، 2021 ގަ އެވެ. ގްރޭސްގެ މަރު ރިޕޯޓްކޮށް، ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ ވެސް މާވިން އެވެ. މާވިން ބުނީ އޭނާއަށް ގްރޭސް ފެނުނީ ދަންޖެހި އަމިއްލައަށް މަރުވެފައި ހުއްޓާ ކަމަށެވެ.

ދަންޖެހިގެން މަރުވި ކަމަށް ބުނެ ރިޕޯޓް ކުރިޔަސް ތުހުމަތު ކުރެވޭ ކަންކަން ހުރުމުން ފުލުހުން ތަހުގީގު ހިންގުމަށް ފަހު މާވިން ހައްޔަރު ކުރީ އޮކްޓޯބަރު 27 ގަ އެވެ. އޭގެ ފަހުން ލަމްހާ ހައްޔަރު ކުރީ އޭގެ 50 ދުވަސް ފަހުން ޑިސެމްބަރު 16 ގަ އެވެ.

މާވިންގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، ލަމްހާގެ މައްޗަށް ކުރަނީ ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

އޭގެ އިތުރަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ ވެސް ލަމްހާގެ މައްޗަށް ކުރެ އެވެ. އެ ދައުވާ ކުރަނީ އައިޖީއެމްއެޗުން ހުއްދަ ނުނަގައި، ނުރައްކާތެރި ބައެއް ބޭސްތަކެއް ލަމްހާ ނެގި ކަމަށް ތުހުމަތުކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox