ފުލުހުންގެ ބެލުމުގައި ދަށުގައި ހުއްޓާ ގދ. ހޯނޑެއްދޫއިން ހައްޔަރު ކުރި އަބްދުﷲ ރަޝީދު މަރުވުމަކީ "ބޮޑު ހިތާމައެއް" ކަމަށާއި އެ މައްސަލައިގައި ހިންގާ ތަހުގީގަށް ފުރިހަމައަށް ފުލުހުން އެއްބާރުލުން ދޭނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓުވިޓާގައި ހަމީދު މިއަދު ލިޔުއްވީ އެ މައްސަލައިގައި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ހިންގާ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ.
"މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތަށް ހައްޔަރުކުރެވުނު ގދ. ހޯޑެއްދޫ، ސްވެން ޢަބްދުﷲ ރަޝީދު ފުލުހުންގެ ހައްޔަރަށް ގެނެވިފައިހުއްޓާ ނިޔާވުން އެއީ ވަރަށް ހިތާމަވެރިކަމެއް. ފުލުހުންގެ އިހުމާލެއް އޮތްތޯބެލުމަށް ހިންގާ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެވޭނެ،" ހަމީދު ވިދާޅުވެފައިވެ އެވެ.
ހޯނޑެއްދޫއިން ރަޝީދު ހައްޔަރުކޮށްގެން ލޯންޗަކަށް އަރުވަނިކޮށް އޭނާގެ މެއަށް ވަރަށް ބޮޑު ތަދުވާ ކަމަށް ރަޝީދު ބުނަމުންދިޔަ ކަމަށް އެ ވަގުތު ބަނދަރު ސަރަހައްދުގައި ތިބި މީހުން ވަނީ ބުނެފަ އެވެ. ނަމަވެސް ފުލުހުން އޭނާއަށް ފަރުވާ ކުރި މަންޒަރު ނުފެންނަ ކަމަށް އާންމުން ބުންޏެވެ.
އޭގެ އިތުރުން، އޭނާ ގެންދިޔައީ މާ ދުރު ރަށެއްގެ ހޮސްޕިޓަލަކަށެވެ. އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ހެދުމަށް ވެސް ފުލުހުން ވަނީ ނިންމައިފަ އެވެ. ނަމަވެސް އެކަން ކުރުމަށް އާއިލާއިން ދެކޮޅެވެ.












