ހުޅުމާލެ ދެވަނަ ފިޔަވަހީގައި މެޑިކަލް ފެސިލިޓީއެއް އެޅުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އޭޑީކޭ ހޮސްޕިޓަލާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އިއްޔެ ބޭއްވި ހަފުލާއެއްގައި އޭޑީކޭގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލު އެވެ. އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް އެވެ.
މި މަޝްރޫއާ ގުޅިގެން "އަދަދު"އަށް މައުލޫމާތު ދެއްވަމުން އޭޑީކޭގެ އެމްޑީ އައްފާލް ވިދާޅުވީ މި އެއްބަސްވުމަކީ ފެސިލިޓީގެ ފްރޭމްވޯކް ގާއިމުކޮށް އެ ޕްރޮޖެކްޓްގެ ކޮންސެޕްޓް ޑިވެލޮޕް ކުރުމަށްވީ އެއްބަސްވުމެއް ކަމަށެވެ.
"މިކަން ކުރާނީ އޭޑީކޭ ހޮސްޕިޓަލުން ހުށަހެޅި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް އާއި އެއްގޮތަށް، އީއޯއައި ހުށަހެޅީ މި އަހަރު ޖެނުއަރީ މަހު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހެލްތް ފެސިލިޓީއެއް އެޅުމަށް އެޗްޑީސީއިން ކުރި އިއުލާނާ ގުޅިގެން." އައްފާލު ވިދާޅުވި އެވެ.
މި އެއްބަސްވުމުގެ ދަށުން ކޮންސެޕްޓް ޑިވެލޮޕްކޮށް ފްރޭމްވޯކް އެގްރީމެންޓްގެ މަސައްކަތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ. މި ޕްރޮޖްކްޓުގެ މައި އެއްބަސްވުމުގައި ސޮއި ކުރެވޭނީ އޭގެ ފަހުން ކަމަށް އައްފާލު ވިދާޅުވި އެވެ.

ހެލްތް ފެސިލިޓީގެ ކޮންސެޕްޓް ހެދުން ރިޔަން ޕްރައިވެޓް ލިމިޓެޑަށް

ހެލްތު ފެސިލިޓީގެ ކޮންސްޕްޓު ހެދުމަށް އޭޑީކޭ އާއި ރިޔަން ޕްރައިވެޓް ލިމިޓެޑާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން -- ފޮޓޯ: އޭޑީކޭ
މި ހެލްތް ފެސިލިޓީގެ ކޮންސެޕްޓް ޑިވެލޮޕްކުރުމުގެ މަސައްކަތް އިއްޔެ އޭޑީކޭއިން ވަނީ ޑިސައިން ކުންފުންޏެއް ކަމަށްވާ ރިޔަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފަ އެވެ. އޭޑީކޭއިން މިހާރު ވަނީ އެ ކުންފުންޏާ އެކު ކޮންސެޕްޓް މަސައްކަތުގެ ބައްދަލުވުންތައް ފަށާފަ އެވެ.
ރިޔަން ޕްރައިވެޓް ލިމިޓެޑަކީ ދިވެހި ރާއްޖޭގެ މަލްޓި ޑިސިޕްލިނަރީ ކޮންސަލްޓެންސީ ފާމެެކެވެ.
އޭޑީކޭގެ އެމްޑީ އައްފާލު އިތުރަށް ވިދާޅުވީ މި ޕްރޮޖެކްޓަށް ހޭދަވާނެ ސީދާ މުއްދަތެއް ބުނަން އެނގޭނީ ކޮންސެޕްޓް ކުރެހި އެޔަށް އެޗްޑީސީއިން އެއްބަސްވުމުން ކަމަށެވެ.
މި ހެލްތް ފެސިލިޓީ އެޅުމަށް ނިންމާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ލޮޓު ނަންބަރު 20547ގަ އެވެ.












