ޑެންގީ ފެތުރުން ކޮންޓްރޯލް ކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި މަދިރި އުފެދޭހެން ހުރި ސަރަހައްދުތައް ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި އެވެ.
އެ އިވެންޓަކީ އެޗްޑީސީ އިން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ ގުޅިގެން ކުރިއަށް ގެންދާ "ޑެންގީ އިޖާބަ" ހަރަކާތް ރަސްމީކޮށް ފެށުމަށް ކުރިއަށް ގެންދިޔަ އިވެންޓެކެވެ.
މިއަދު ބޭއްވި ސާފުކުރުމުގެ އިވެންޓު ފެއްޓެވުމުގެ ގޮތުން ވާހަކަ ދައްކަވަމުން އެޗްޑީސީގެ އެމްޑީ އަހުމަދު އާތިފް ވިދާޅުވީ ރާއްޖެއަށް މި އަހަރު ވިއްސާރަކުރުން އިތުރުވެ މަދިރި އާލާވާ މިންވަރު އިތުރުވުމުގެ ސަބަބުން ޑެންގީ ހުން ފެތުރުމުގެ ނުރައްކާ އިތުރުވެފައިވާ ކަމަށެވެ. އަދި މިއަދުގެ އިވެންޓަކީ އެކަމަށް ހޭލުންތެރި ކުރުވާ ޑެންގީ ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފުރަތަމަ ފިޔަވަޅު ކަމުގައި ވިދާޅުވި އެވެ.

މިއަދުގެ އިވެންޓުގައި އެޗްޑީސީގެ އެމްދީ އާތިފް ވާހަކަދައްކަވަނީ : ވިދާޅުވީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނީ ހުޅުމާލެ އަކީ ދުޅަހެޔޮ، ހިތްފަސޭހަ ވެއްޓަކަށް ހެދުމަށް ކަމަށް -- ފޮޓޯ: އެޗްޑީސީ
އެޗްޑީސީން ބުނީ މިއަދުގެ އިވެންޓުގައި ޖުމްލަ 600 އެއްހާ މީހުން ބައިވެރިވި ކަމަށެވެ. އެޗްޑީސީގެ މީޑީއާ އޮފިޝަލް "އަދަދު" އަށް މައުލޫމާތު ދިން ގޮތުގައި މި އިވެންޓުގައި އެ ކުންފުނީގެ މުވައްޒަފުންނާއި އެސްއޯއީތަކުގެ ބޭފުޅުންގެ އިތުރުން ހުޅުމާލޭގެ ސްކޫލްތަކުން ވެސް ބައިވެރި ކަމަށެވެ.

މިއަދުގެ އިވެންޓުގައި ހުޅުމާލޭގެ ދެ ފިޔަވަހީގައި ހުރި މަދިރި އުފެދިދާނެ ތަަންތަން ކަމަށް ދެނެގަނެވިފައިވާ ތަންތަން ވަނީ ސާފުކޮށްފަ އެވެ.
އެޗްޑީސީއިން މައުލޫމާތު ދިން ގޮތުގައި ޑެންގީ އަށް ހޭލުންތެރިކުރުވުމުގެ ގޮތުން "ޑެންގީ އިޖާބަ" ގެ ދަށުން ކުރިއަށްއޮތް ތަނުގައިވެސް އިތުރު އިވެންޓުތަކެއް ބޭއްވިގެން ދާނެ އެވެ.











