ހުޅުމާލޭގައި އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަނެއް އަޅާނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނު ކޮށްފި އެވެ.
އެޗްޑީސީން ކުރި އިއުލާނުގައި ވަނީ، ހުޅުމާލޭގައި ހަތަރު އިލެކެޓްރިކް ވެހިކަލް ޗާގިން ސްޓޭޝަން ހޯދާ، އިންސްޓޯލް ކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކުރުމަށް އެދިފަ އެވެ. ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ހިންގާ މި މަޝްރޫއުގެ ދަށުން ޗާޖިން ސްޓޭޝަން ގާއިމުކުރާނީ އެޗްޑީސީން ކަނޑައަޅާ ތަނެއްގަ އެވެ.
އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަން ގާއިމުކުރުމުގެ ޝަރުތުތަކެއް އެޗްޑީސީން ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯރުކޮށްދެނީ ބާޒާރުގައި ލިބެންހުރި ހުރިހާ ނުވަތަ ގިނަ އިލެކްޓްރިކް ވެހިކަލް ޗާޖިން ހާޑްވެއާ ބޭނުންކުރެވޭ ސްޓޭޝަނަކަށް ވުމާއި، ފޯރުކޮށްދޭ ވައިޓް ލޭބަލް ޔޫޒާ އެޕްލިކޭޝަނަކީ ރާއްޖޭގެ ޕޭމަންޓް ގޭޓްވޭ ބޭނުންކުރެވޭ އެޕްލިކޭޝަނަކަށްވުން ހިމެނެ އެވެ.
މި ޕައިލެޓް ޕްރޮޖެކްޓުގެ އިންވެސްޓްމަންޓް ހަމަހަމަކޮށް އެޗްޑީސީ އާއި ސަޕްލަޔަރު ބަހާލާއިރު، އެޗްޑީސީއާއެކު އެއްބަސްވެވޭ ޝަރުތުތަކެއްގެ މައްޗަށް ބިނާކޮށް ބިޒްނަސް މޮޑެލް ހުށަހަޅަން ޖެހެނީ ވެސް ސަޕްލަޔަރެވެ.
މިކަމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ ނޮވެމްބަރު އެއްވަނަ ދުވަހުގެ މެންދުރުފަހު 3:30 އަށެވެ.















