ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓު ޓަވަރެއްގައި ޓިއުޝަން ސެންޓަރެއް ހުޅުވައިފި އެވެ.
މީޒާ އިންސްޓިޓިއުޓްގެ ނަމުގައި އެ ޓިއުޝަން ސެންޓަރު ހުޅުވާފައި ވަނީ ހިޔާ ފްލެޓުތަކުގެ ދެވަނަ ޓަވަރުގަ އެވެ. އެ ސެންޓަރުން ގްރޭޑް އެކަކުން ފެށިގެން ގްރޭޑް 12އާ ހަމައަށް ކިޔަވައިދޭނެ އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވާން ފެށިއިރު، އެ ސަރަހައްދުގައި ކާބޯތަކެތި ވިއްކާ ފިހާރައެއް ވެސް ނެތެވެ. އޭރުއްސުރެ ހިޔާ ސަރަހައްދުގައި އަސާސީ ގިނަ ހިދުމަތްތައް ގާއިމު ކުރުމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ހިޔާ ސަރަހައްދުގައި ކާބޯތަކެތި ވިއްކާ ފިހާރަތަކާއި، ކެފޭ/ރެސްޓޯރަންޓުތަކާއި، ޓިއުޝަން ސެންޓަރުތަކުގެ އިތުރުން ބޭސްފިހާރަ އަދި ކްލިނިކުތައް ވަނީ ގާއިމު ކޮށްފަ އެވެ. މީގެ އިތުރުން އެ ސަރަހައްދުގައި ވަނީ ޕޮލިސް ސްޓޭޝަނެއް ވެސް ހުޅުވާފަ އެވެ.
އޭގެ އިތުރަށް އެޗްޑީސީއާއި މީޑިއާނެޓު ފަދަ އާންމުންނާ ގުޅުންހުރި ހިދުމަތްދޭ ތަންތަނުގެ އޮފީސްތައް ވެސް ހިޔާ ސަރަހައްދުގައި ދަނީ ގާއިމު ކުރަމުންނެވެ.














