އައިޖީއެމްއެޗްގައި މަސައްކަތް ކުރި ނަރުސް މޭރީ ގްރޭސް މަރާލިކަމުގެ ތުހުމަތު ރައްދުވާ އޭނާގެ ފިރިމީހާ މާވިން އެސްވައި އާއި ފިރިމީހާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ހިންގާ ޝަރީއަތުގެ ހެކިބަސް ނެގުމުގެ މަރުހަލާ ސިއްރުކޮށްދޭން ލަމްހާގެ ފަރާތުން އެދިއްޖެ އެވެ.
އުމުރުން ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖެއް ވެސް ހުންނަ ގްރޭސް މަރާލީ އޮކްޓޯބަރު 19، 2021 ގަ އެވެ. ގްރޭސްގެ މަރު ރިޕޯޓްކޮށް، ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ ވެސް މާވިން އެވެ. މާވިން ބުނީ އޭނާއަށް ގްރޭސް ފެނުނީ ދަންޖެހި އަމިއްލައަށް މަރުވެފައި ހުއްޓާ ކަމަށެވެ.
ނަމަވެސް ފުލުހުންގެ ތަހުގީގުން ގްރޭސް މަރާލި ކަމަށް ބެލެވިގެން މާވިން އާއި އޭނާގެ ލޯބިވެރިޔާ ލަމްހާއަށް ދައުވާކޮށް މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ޝަރީއަތުގައި މިއަދު ހަމަޖެހިފައި އޮތީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނަގަން ފެށުމެވެ.
އަޑުއެހުން ފެށުމާއެކު، ލަމްހާގެ ވަކީލު އަހުމަދު ޔާމީން ވިދާޅުވީ ހެކިބަސް ނެގުމުގެ މަރުހަލާ ސިއްރު ކޮށްދޭން އެދިފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުންނެވެ. އެއީ އަޑުއެހުން ހާމަކޮށް ކުރިއަށް ގެންގޮސްފިނަމަ އަދުލުވެރިކަމަށް އަސަރުކޮށްފާނެ ކަމަށް ބުނެ ހުށަހެޅި ހުށަހެޅުމެކެވެ.
ދައުލަތުން ރައްދު ދިނުމަށް ފުރުސަތު ދިނުމާއެކު، ލަމްހާގެ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވީ މިއަދުގެ އަޑުއެހުން ކަވަރު ކުރަން ވެސް ގިނަ އަދަދެއްގެ ނޫސްވެރިން ވަދެ ތިބުމުން، ސިއްރުކޮށްދޭން އެދޭ ސަބަބުތައް ހާމަވާން ބޭނުން ނުވާ ކަމަށެވެ.

މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވެސް ނިންމެވީ އަޑުއެހުންތައް ސިއްރުކުރުމުގެ ބަހުސް ވެސް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށެވެ. އޮންލައިންކޮށް އަޑުއެހުމަށް ވަދެ ތިބި ނޫސްވެރިން ވަނީ އަޑުއެހުން ދޫކޮށްލަން ޖެހިފަ އެވެ.
މޭރީ މަރާލިކަމުގެ ދައުވާ ސާބިތުކުރަން މާވިންއާއި ލަމްހާއާ ދެކޮޅަށް ވެސް ދައުލަތުން ހުށަހެޅީ އެއް ހެކިތަކެކެވެ. އެއީ ޖުމުލަ 110 ހެއްކެވެ. އޭގެ ތެރޭގައި ހިމެނެނީ 74 ޝަފައީ ހެކިންނާއި 36 ކިތާބީ ހެއްކެވެ.
މޭރީ މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާގެ އިތުރަށް އައިޖީއެމްއެޗްއިން ހުއްދަ ނަގައިގެން ނޫނީ އެ ހޮސްޕިޓަލުން ނުގެންދެވޭ ނުރައްކާތެރި ބޭސްތަކެއް ގެންދިޔަ މައްސަލަގާއި އިތުރު ދެ ދައުވާއެއް ވެސް ލަމްހާގެ މައްޗަށް އުފުލާފައިވެ އެވެ.
ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ ސާބިތު ކުރަން 11 ޝަފަހީ ހެކިންނާއި ހަތް ކިތާބީ ހެކި ހިމެނޭ ގޮތުން ޖުމުލަ 18 ހެއްކެއް ހުށަހަޅާފައިވެ އެވެ.
ދައުވާތައް ރައްދުވާ ދެ މީހުންގެ ފަރާތުން ދިފާއީ ހެކިން ވެސް ހުށަހަޅާފައިވެ އެވެ.
މައްސަލައިގެ ފަސްފަހަތް
މޭރީ ގްރޭސް އަކީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓްގެ ނަރުހެކެވެ. އޭނާގެ ފިރިމީހާ މާވިންއާއި ލަމްހާއަކީ ކެޝުއަލްޓީގައި މަސައްކަތް ކުރާ ނަރުހުންނެވެ. މޭރީ މަރުވެފައި ވަނީ ބޮލަށް ދީފައިވާ ބޮޑު އަނިޔާއަކުން ކަން މޭރީގެ ޕޯސްޓްމޯޓަމް ރިޕޯޓުގައި ބުނެފައި ވެއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު މޭރީ މަރުވެގެން ފުލުހަށް ރިޕޯޓް ކުރީ ވެސް މާވިން އެވެ. މާވިން ރިޕޯޓް ކުރީ މޭރީ ދަންޖެހިގެން މަރުވެފައި ހުއްޓައި ފެނުނު ކަމުގަ އެވެ. ނަމަވެސް ޝައްކު ކުރެވޭ ބައެއް ކަންކަން ހުރުމާއެކު މައްސަލައިގެ ތަހުގީގު އެ ހިސާބުން ފެށި އެވެ.
ދަންޖެހިގެން މަރުވި ކަމަށް ބުނެ ރިޕޯޓް ކުރިޔަސް ތުހުމަތު ކުރެވޭ ކަންކަން ހުރުމުން ފުލުހުން ތަހުގީގު ހިންގުމަށް ފަހު މާވިން ހައްޔަރު ކުރީ އޮކްޓޯބަރު 27 ގަ އެވެ. އޭގެ ފަހުން ލަމްހާ ހައްޔަރު ކުރީ އޭގެ 50 ދުވަސް ފަހުން ޑިސެމްބަރު 16 ގަ އެވެ.
މާވިންގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، ލަމްހާގެ މައްޗަށް ކުރަނީ ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާގެ އިތުރަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ އެވެ. އެ ދައުވާ ކުރަނީ އައިޖީއެމްއެޗުން ހުއްދަ ނުނަގައި، ނުރައްކާތެރި ބައެއް ބޭސްތަކެއް ލަމްހާ ނެގި ކަމަށް ތުހުމަތުކޮށެވެ.













