މާލެ ސަރަހައްދުން ބަންޑާރަ ގޯއްޗާއި ފުލެޓަށް އެދި ގެދޮރުވެރިޔާ ޕޯޓަލް އިން ޖުމްލަ 35،861 މީހުން ފޯމު ހުށަހަޅައިފި އެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓު އަކްރަމް ކަމާލުއްދީން ކުރެއްވި ޓުވީޓެއްގައި ހިއްސާކުރައްވާފައިވާ ތަފްސީލުތަކަށް ބަލާއިރު، ބިންވެރިޔާ މަޝްރޫއުގެ ދަށުން ގޯއްޗަށް އެދި ޖުމްލަ 15،164 މީހުން ފޯމު ހުށަހަޅާފައިވާއިރު، ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފުލެޓަށް އެދި ޖުމްލަ 20،697 މީހަކު ވަނީ އެދިފަ އެވެ.
ސަރުކާރުން މާލެއަށް ނިސްބަތްވާ ފަރާތްތަކަށް ހާއްސަކޮށްގެން ހިންގާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން މިބުރު ދޫކުރުމަށް ހަމަޖެހިފައިވަނީ 3000 ގޯއްޗާއި 4000 ފުލެޓާއެކު ޖުމްލަ 7000 ބޯހިޔާވަހިކަމެވެ. އެ ގޯތިތަކާއި ފުލެޓުތައް ދިނުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިން، ގުޅީފަޅުން އަދި ގިރާވަރު ފަރު ހިއްކައިގެންނެވެ.
މި އަހަރުގެ ޖޫން 26، ގައި އެ ގޯތިތަކާއި ފުލެޓުތަކަށް އެދުމުގެ ފުރުސަތު ހުޅުވާލިއިރު ފޯމު ހުށަހެޅުމުގެ ސުންގަޑިއަކަށް މިދިޔަ ސެޕްޓެމްބަރު 26، އޮތް ނަމަވެސް އެ މުއްދަތު ފަހުން ވަނީ އޮތީ ރޭގެ ނިޔަލަށް އިތުރުކޮށްފަ އެވެ.
ބިންވެރިޔާ މަޝްރޫއުގެ ދަށުން ގޯތި ދޭ މީހުންނަކީ މާލެ މީހުންތޯ ބެލުމަށް ފުރަތަމަ ބެލުނު މިންގަނޑު ވަނީ ފަހުން ބަދަލުކޮށްފަ އެވެ. އެގޮތުން މިހާރު ފަހުން ގެނައި ބަދަލާއެކު މާލޭ ރައްޔިތެއް ކަމުގައި ބަލާނީ މީގެ ކުރިން އެހެން ތަނެއްގައި ރެޖިސްޓްރީ ވެފައި ނުވާ މީހުންނެވެ.













