މޯލްޑިވްސް މީޑީއާ ކައުންސިލް (އެމްއެމްސީ)ގެ އިންތިހާބުގައި ވޯޓު ލެވޭނެ އުސޫލު ބަދަލުކުރުމަށް ފަހު، އެ ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
މީޑިއާކައުންސިލްގެ މެމްބަރުންގެ އަދަދަކީ 13 އެވެ. އެއީ މީޑިއާތަކުން އިންތިހާބުކުރާ ހަތް މެމްބަރުންނާއި އާއްމުންގެ ފަރާތުން ތިއްބަވާ ހަ މެމްބަރުންނެވެ. އެ ކައުންސިލުގެ މެމްބަރުންގެ ދައުރެއްގެ ދިގުމިނަކީ ތިން އަހަރު ދުވަހެވެ. ވިދިވިދިގެން ދެ ދައުރަށް އެއް ބަޔަކު ކުރިމަތިލުމުގެ ފުރުސަތު އެ ކައުންސިލަކު ނޯވެ އެވެ.
މިހާރު އޮތް ކައުންސިލްގެ މުއްދަތު ހަމަވާނީ މި އަހަރުގެ ނިޔަލަށެވެ.
އެމްއެމްސީއަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ އޮގަސްޓު މަހު ހުޅުވާލިނަމަވެސް، ފަހުން ހޯމް މިނިސްޓްރީން ވަނީ އެ އިއުލާނު ވަނީ ބާތިލްކޮށްފަ އެވެ.
އެމްއެމްސީ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، އެމްއެމްސީ އިންތިހާބުގައި ވޯޓު ލެވޭ އުސޫލު ވެސް އިއްޔެ ހޯމް މިނިސްޓްރީން ވަނީ ބަދަލުކޮށްފަ އެވެ.

އާ އުސޫލުގެ ދަށުން ގަވައިދުން ނުނެރޭ ނޫސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ދައުލަތުގެ މުއައްސަސާތަކުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓަރުންނަށް، ޕީއެސްއެމް ދަށުން ހިންގާ މީޑިއާތައް ފިޔަވައި، ވޯޓު ނުލެވޭ ގޮތަށް ބަދަލުކޮށްފަ އެވެ.
އިންތިހާބަށް އިއުލާން ކުރާ ތާރީހާއި އެ ތާރީހުގެ ކުރިއަށް ހަ މަސް ދުވަހާ ދެމެދު ރަޖިސްޓްރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓަރުންނަށް ވެސް މި އިންތިހާބުގައި ވޯޓު ނުލެވޭނެ އެވެ.











