އުދައްޔުގެ މަރު; މަންޒަރު ދުށް މީހުންގެ ވާހަކަތަކާއި، ހެކިބަސް ދޭން ބިރު ދައްކައިކަމުގެ ތުހުމަތު!

މަރަލާފައިވާ އުދައްޔު: މަންޒަރު ދުށް މީހުން ގިނަ ވާނެ ކަމަށް ހެއްކަކު ބުނި، ހެކިންނަށް ބިރު ދައްކާ ކަމަށް ދައުލަތުން ތުހުމަތު ކުރި

މަރަލާފައިވާ އުދައްޔު: މަންޒަރު ދުށް މީހުން ގިނަ ވާނެ ކަމަށް ހެއްކަކު ބުނި، ހެކިންނަށް ބިރު ދައްކާ ކަމަށް ދައުލަތުން ތުހުމަތު ކުރި

ނިމިދިޔަ އަހަރުގެ ފެބްރުއަރީ މަހު ގއ. މާމެންދޫގައި ހިނގި މާރާމާރީއެއްގެ ތެރެއިން، އެ ރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔު މަރާލި ހާދިސާގެ މަންޒަރު ދުށް ބައެއް މީހުންގެ ހެކިބަސް މިއަދު ޝަރީއަތަށް ދީފި އެވެ.

މި މައްސަލާގައި ގއ. މާމެންދޫ، ރިހިފަރުދާގޭ، އަހުމަދު ޝަމީމް އާއި ހަމަ އެ ރަށު ބިލަތްމާގޭ، ޝަރަފު ރަޝީދާއި ގުލްފާމުގޭ، މުހައްމަދު މާޒިންގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއާއި، މާރާމާރީއެއް ހިންގުމުގެ ދައުވާ ކޮށްފައިވެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި އޮތީ ހަތަރު ސިއްރު ހެއްކެއްގެ ހެކިބަސް ދިނުމެވެ. ސިއްރު ހެކިންގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާ މީހުނަކީ އެ މާރާމާރީތަކުގެ މަންޒަރު ލޮލުން ދުށް މީހުނެވެ. އެކި މީހުނަށް މާރާމާރީގެ މަންޒަރުތައް ފެނުނީ އެކި ވަރަށެވެ.

ސިއްރު ހެކިވެރިޔާ 1 ބުނި ގޮތުގައި އޭނާއަށް އެ މަންޒަރުތައް ވަރަށް ސާފުކޮށް ފެނުނެވެ. އެ ރޭ ދެ މާރާމާރީއެއް ހިނގިއިރު، ފަހު މާރާމާރީ ހިނގީ ޝަމީމްގެ ގެ ކައިރީގައި ކަމަށެވެ. އެ ގެ ކައިރީގައި އޭރު ރަށުގެ ގިނަ ބަޔަކު މަންޒަރު ބަލަން ތިބި ކަމަށް އޭނާ ބުންޏެވެ.

އުދައްޔު މަރާލި ކަމުގެ ދައުވާ ކުރަނީ އޭރު 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށެވެ. ޖުވެނައިލް ކޯޓުން ކުށް ސާބިތުވާ ކަމަށް ނިންމާފައިވާ އެ ކުއްޖާ އުދައްޔުގެ ބުރަކަށްޓަށް ތޫނު އެއްޗަކުން ހަމަލާ ދެނިކޮށް ފެނިފައިވާ ކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ.

އެ ކުއްޖާގެ އިތުރަށް، ޝަރަފާއި، މާޒިނާއި ޝަމީމް ވެސް މާރާމާރީ ހިންގަނިކޮށް ފެނުނު ކަމަށާއި މާޒިނާއި އުދައްޔަށް ހަމަލާދިން ކަމަށް ބުނާ ކުއްޖާގެ އަތުގައި ވަޅިއެއް ވެސް އޮތް ކަމަށް ބުންޏެވެ. ކުއްޖާގެ އިތުރަށް އުދައްޔުގެ ގައިގައި ޖަހަމުން ދިޔައީ މާޒިން ކަމަށް އޭނާ ބުންޏެވެ.

އުދައްޔުގެ ބޭބެ ފިރުޝާން ޒާހިރަށް ހަމަލާދީ ހިނގި މާރާމާރީގައި ޝަރަފާއި މާޒިންގެ އިތުރަށް އުދައްޔު މަރާލި ކަމުގެ ދައުވާ ކޮށްފައިވާ ކުޑަކުއްޖާ ވެސް ބައިވެރިވި ކަމަށް ހެކިވެރިޔާ ބުންޏެވެ.

އޭނާއާއި މާރާމާރީ ހިންގި މީހުނާ ދެމެދު ހުރި ދުރުމިނާ ގުޅޭ ގޮތުން ދިފާއީ ވަކީލުން ސުވާލުކުރުމުން އެ ސުވާލަށް ޖަވާބު ދޭން ދެކޮޅު ހެދި އެވެ. އޭރުން އޭނާގެ ސިއްރުކަން ހާމަވެގެންދާނެ ކަމަށް ހެކިވެރިޔާ ބުންޏެވެ.

އެހެން ހެކިވެރިންނަށް ވުރެ ކައިރިން މި ހެކިވެރިޔާއަށް މަންޒަރު ފެނުނު ކަމަށް އޭނާ ބުނެފައިވާއިރު، މާރާމާރީގައި ބައިވެރިވި ބަޔަކު ދައުލަތުގެ ހެކިންގެ ގޮތުގައި ހުށަހަޅާ ކަމަށް ދިފާއީ ވަކީލަކު ތުހުމަތު ކުރި އެވެ. އެހެންވެ ދައުވާ ކުރާ މީހުނާ އެއްވެސް ނަފުރަތެއް އޮތްތޯ ވެސް ސުވާލުކުރި އެވެ.

"އަޅުގަނޑުގެ އެއްވެސް ޒާތެއްގެ އެފަދަ ކަމެއް ނޯންނާނެ،" ދައުވާކުރާ މީހުނާ މެދު ނަފުރަތެއް އޮތްތޯ ދިފާއީ ވަކީލު ކުރި ސުވާލުގެ ޖަވާބުގައި އެ ހެކިވެރިޔާ ބުންޏެވެ.

މިއަދު ދެން ހެކިބަސް ނެގި ސިއްރު ހެކިވެރިންނަށް ފެނުނީ ދެ މާރާމާރީގެ އެކި މަންޒަރެވެ. އެއިން ސިއްރު ހެކިވެރިޔާ 2 އަދި ސިއްރު ހެކިވެރިޔާ 11 ވަނީ އުދައްޔުގެ ބުރައްކައްޓަށް މާޒިން ހަމަލާ ދެނިކޮށް ފެނުނު ކަމަށް ބުނެފަ އެވެ.

ސިއްރު ހެކިވެރިޔާ 11 ބުނި ގޮތުގައި، މަރުގެ ދައުވާ ކޮށްފައިވާ ކުއްޖާގެ އިތުރަށް މާޒިނާއި ޝަރަފް އަތުގައި ވެސް ވަޅިއެއް އޮތެވެ.

ދެން ހެކިބަސް ދިނީ ސިއްރު ހެކިވެރިޔާ 3 އެވެ. އޭނާ ބުނި ގޮތުގައި އޭނާއަށް ރަނގަޅަށް ފެނިފައިވަނީ ފުރަތަމަ މާރާމާރީ އެވެ. އެ މާރާމާރީ ހިނގި ސަރަހައްދަށް ކާރެއް ދިޔަ ކަމަށެވެ. އެ ކާރުން ކުޑަކުއްޖާއާއި މާޒިން ނުކުމެ އުދައްޔަށް އަތުން ހަމަލާ ދިން ކަމަށެވެ.

އޭނާ ވެސް ބުނީ މަޒީނާއި ޝަމީމް އަތުގައި ތޫނު އެއްޗެއް އޮއްވައި ފެނުނު ކަމަށެވެ. ނަމަވެސް އޭނާ ހުރީ ހާދިސާ ހިނގިތަނާ ދިހަވަރަކަށް ފޫޓު ދުރުގައި ކަމުން، އެއީ ސީދާ ކޮން އެއްޗެއް ކަމެއް ނޭނގޭ ކަމަށެވެ. އެކަމަކު، އަތުން އެ އެއްޗެއް ހިފަހައްޓައިގެން ހުރި ގޮތުން ވަޅިއެއް ކަމަށް ބެލެވޭ ކަމަށް އޭނާ ބުންޏެވެ.

އެއް ހެކީގެ އަޑު ނުސާފުވުން؛ ބިރު ދައްކާ ކަމަށް ދައުލަތުގެ ތުހުމަތު

ސިއްރު ހެކިވެރިޔާ 2 ގެ ހެކިބަސް އެންމެ ފުރަތަމަ މިއަދު ނަގަންމުން ދިޔައިރު، ޝަރަފްގެ ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމާއި ޝަމީމާއި މާޒިންގެ ވަކީލު ޝަހީދު ވެސް ދިޔައީ އެ ހެކިވެރިޔާ ހެކިބަސް ފަސްކޮށްދިނުމަށް އެދެމުންނެވެ.

ނިޝާން ދެ ފަހަރު މަތިން އިއުތިރާޒް ކުރެއްވީ ހެކިވެރިޔާގެ އަޑު ނުސާފުކަމުން ހެކިބަސް ނެގުމަށެވެ. މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވެސް ވިދާޅުވީ، ހުކުމް ކަނޑައަޅާއިރު ހެކިވެރިޔާގެ ބަހަށް ވެސް ރިއާޔަތްކުރަން ޖެހޭ އިރު އެހާ އަޑު ނުސާފު ނަމަ ދަތިތަކެއް އަންނާނެ ކަމަށެވެ.

ދައުލަތުގެ ވަކީލު އެ ކަމުގައި ވިދާޅުވީ ހެކިވެރިންނަށް ބިރު ދައްކަމުންދާ ކަމުގެ މައުލޫމާތު ދައުލަތަށް ތަކުރާރުކޮށް ލިބެމުންދާ ކަމަށެވެ. އެ ހެކިވެރިޔާގެ އަޑު ވެސް މަޑުވާއިރު ދެމެދުން އެއްޗެއް ނުބުނެ ހުންނަކަން ވަކީލު ފާހަގަ ކުރެއްވި އެވެ.

ސިއްރު ހެކިވެރިން ހިމެނޭހެން، ހެކިބަސް ދޭން މީހުނަށް ބިރު ދައްކަމުން ދާތީ ހެކިން ހާޒިރުކުރުން ވެސް ދަތި ކަމަކަށް ވެފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. އެހެންވެ ވަކީލު އެދިވަޑައިގަތީ، އިތުރު ހެއްކެއްގެ ބަސް މިއަދު ނެގުމަށް ފަހު، ހަމަ މިއަދު އެ ހެކިވެރިޔާގެ ހެކިބަސް ވެސް ނެގުމަށެވެ.

ފަހުން ހެކިބަސް ނަގާއިރު އަޑު ސާފުވާނަމަ ދިފާއުގެ މާ ބޮޑު އިއުތިރާޒެއް ނެތް ކަމަށް ފާހަގަ ކުރުމުން، ގާޒީ އަލީ ނަދީމް އަމަލު ކުރެއްވީ ވެސް އެ ގޮތަށެވެ. ފަހުން އެ ހެކިވެރިޔާގެ ހެކިބަސް ނެގިއިރު، އަޑު ސާފުކޮށް އިވުނެވެ.

މަރުގެ ދައުވާކުރާ ކުއްޖާގެ ޝަރީއަތް އޮތް ހިސާބު

މި މައްސަލައިގައި އެ ކުއްޖާގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި، މީހަކަށް ނުރައްކާތެރި ހާނިއްކައެއް ވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ.

އޭނާއަކީ ކުޑަކުއްޖެއް ކަމުން މައްސަލަ ކުރިޔަށް ގެންދިޔައީ ޖުވެނައިލް ކޯޓުގަ އެވެ. އެ ކޯޓުން ބުނި ގޮތުގައި ކުއްޖާގެ މައްޗަށް އަދަބު ކަނޑައެޅުން ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ އެއްގޮތަަށް ކުރިއަށް ގެންދާނެ އެވެ. އަދި އޭނާގެ މައްޗަށް ވަނީ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox