ލަސްނުވަނީސް ޑެންގީކަން ދެނެގަންނަން މިކަންކަމަށް ސަމާލުވޭ

ލަސްނުވަނީސް ޑެންގީކަން ދެނެގަންނަން މިކަންކަމަށް ސަމާލުވޭ

ރާއްޖޭގައި ޑެންގީގެ ކޭސްތައް އިތުރުވެ، އެ ބަލީގެ ސަބަބުން މަރުވާ މީހުންގެ އަދަދު އިތުރުވެފައިވާއިރު، މި ބައްޔާ ބެހޭގޮތުން އެނގެނީ ކިހާ މިންވަރަކަށްތޯ އަމިއްލަ ނަފުސާ ސުވާލުކޮށްލުން މުހިންމެވެ. އީޑީސް މަދިރީގެ ސަބަބުން ޖެހޭ، ގައިންގަޔަށް ނާރާ ޑެންގީ ހުމަކީ ދާދި އަވަހަށް ސީރިއަސްވެ، ފުރާނައަށް ނުރައްކާ ކުރުވާ ނުރައްކާތެރި ހުމެކެވެ.

ޑެންގީ ހުމުގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާ އެތައް ސަބަބެއް އޮވެދާނެ އެވެ;

ޑެންގީއާ ބެހޭ ގިނަ މައުލޫމާތުތަކެއް ހިއްސާކުރެއްވި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވިދާޅުވީ ޑެންގީ ހުމުގައި މަރުވުމާއި، އެ ބަލީގައި ހާލު ސީރިއަސްވާން ދިމާވާ ދިމާވާ ސަބަބުތަކުގެ ތެރޭގައި، ފަރުވާ ހޯދޭލެއް ލަސްވުމާއި، ފަރުވާ ދެވޭލެއް ގޯސްވުން އަދި ފަރުވަ ކުޑަކުރެވުން ހިމެނޭ ކަމަށެވެ. އޭގެ އިތުރަށް ކޮންމެ 4-5 އަހަރަކުން ފެންނަ ޑެންގީގެ ވަރުގަދަ، ނުވަތަ އަވަހަށް ހާލު ސީރިއަސް ކުރުވާ ސްޓްރެއިން ރާއްޖޭގައި އޮތުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ޑރ. ފައިސަލް ވިދާޅުވި އެވެ.

ޑެންގީގެ އެންމެ ފުރަތަމަ އަލާމާތަކީ ވައިރަލް ހުމެކެވެ. މިއީ ގިނަ މީހުންނަށް ޑެންގީއާމެދު ފަރުވާ ކުޑަ ކުރެވޭ އެއް ސަބަބެވެ. ނަމަވެސް ގަދައަށް ހުން އައުމާއެކު ޑެންގީގެ އިތުރު އަލަމާތްތައް ފެންނަ ނަމަ، ޑޮކްޓަރަށް ދެއްކުމަކީ މުހިންމު ކަމެކެވެ.

ހުން އައިސްފިނަމަ، ސަމާލުކަން ދޭންވީ އިތުރު އަލާމާތްތައް:

  • ހަ ގަޑިއިރު ވާއިރު ވެސް ކުޑަކަމު ނުދެވުން
  • މާގިނައިން ހޮދުލެވި، ދިޔާއެއްޗެހި ނުބޮވުން
  • އަތްފައި ފިނިވެ، މާބޮޑަށް ބަނޑުގައި ރިއްސުން
  • ގައިގައި ރިއްސުން، ބޮލުގައި ރިއްސުން އަދި ލޮލުގައި ރިއްސުން
  • ރަތް ކުލައިގެ ބިހިތަކެއް ނެގުން

ހުމާއެކު ޑެންގީގެ އިތުރު އަލާމާތްތައް ނުފެނުނު ކަމުގައިވީ ނަމަވެސް ހުން އަންނަތާ ތިން ވަނަ ދުވަހު ޑޮކްޓަރަށް ދެއްކުން މުހިންމެވެ. ހަމައެއާއެކު، ހުން މަޑުވާ ފަހުން ވެސް ބަލިހާލު ބޮޑުވެ، ހޭވެރިކަން ނެތުމާއި، ކުޑަކުދިން ރުއިމަކީ ވެސް ޑެންގީ ހުމުގައި ސަމާލުކަން ދޭންވީ އަލާމާތެކެވެ.

މީގެ އިތުރުން ވެސް ޑެންގީ ހުމުގައި ކޮމްޕްލިކޭޝަންތައް ދިމާވެ އެވެ. އޭގެ ތެރޭގައި، ބްލަޑް ޕްރެޝާ ދަށްވުމުގެ ސަބަބުން ޝޮކަށް ދިއުމާއި، ހަށިގަނޑުން ލޭ އައުން ހިމެނެ އެވެ. ޝޮކަށް ދަނީ ގައިތެރޭގައި ހުންނަން ޖެހޭ ފެން، ބޭރުވެ، ފުއްޕާމެ އާއި ބަނޑުތެރެއަށް ލީކުވުމުގެ ސަބަބުން ބްލަޑް ޕްރެޝާ ދަށްވެގެންނެވެ. އަދި ހަށިގަނޑުގެ އެއްވެސް ތަނަކުން ލޭ އަންނަތޯ ޗެކު ކުރުމަށްޓަކައި ބޮޑުކަމުދާ ތަކެތީގައި ރަތްކުލަ ނުވަތަ ކަޅުކުލަ ހުރޭތޯ ބެލުމާއި، ގައިގައި ރަތްކުލައިގެ ބިހިތަކެއް ނަގައިފައި ހުރޭތޯ ބެލުމަކީ މުހިންމު ކަމެކެވެ.

ޑރ. ފައިސަލް ވިދާޅުވި ގޮތުގައި ޑެންގީ ހުމުގެ އަލާމާތްތައް އެންމެ ގިނައިން ފެންނަނީ ހުން ރަނގަޅުވާތާ 24 ގަޑިއިރާއި 48 އިރުތެރޭ ކަމަށެވެ. އެހެންކަމުން އެ ވަގުތުގައި، ފެންނަ އަލާމާތްތަަކަށް ބަލައި، އަވަހަށް ސިއްހީ ފަރުވާ ހޯދުމަށް ޑރ. އިރުޝާދު ދެއްވަ އެވެ. ހުން މަޑުވާފަހުން ބަލިހާލުބޮޑުވުމާއި، ހޮޑުލުމާއި، ހޭވެރިކަން ނެތުން، ކުދިން ރުއިން އަދި ހޮޑުލެވުން ފަދަ ކަންކަން ވެ އެވެ.

"މިސާލަކަށް ކުއްޖަކު ހުން ރަނގަޅުވަނީ ހަވީރު، ދެން އެރޭ ކުއްޖާ ހޮޑުލާން ފެށީ، ދަންވަރުވެސް ހޮޑުލަނީ. ބައެއް ފަހަރު އަމަލު ކުރެވޭ ގޮތަކީ ހޮސްޕިޓަލުގައި ލަސްވެދާނެ ކަމަށް، މާދަމާ ހެނދުނު ދަން މަޑުކޮށްލެވެނީ," ޑރ. ވިދާޅުވީ ފެންނަ އާންމު އަލާމާތްތަކަށް ބައެއް ފަހަރު ފަރުވާ ކުޑަކުރެވުމުގެ ސަބަބުން ހޮސްޕިޓަލާ ހަމައަށް ދެވޭއިރު ލަސްވާ ކަމަށެވެ.

ޑެންގީ ހުމުގައި އެންމެ ބޮޑަށް މޮނިޓާ ކުރަންޖެހޭ އެއްޗެއްގެ ގޮތުގައި އެނގިފައި އޮންނަނީ ޕެލެޓްލެޓް ކައުންޓެވެ. ޑރ. ފައިސަލް ވިދާޅުވީ ހަގީގަތުގައި ޕެލެޓްލެޓް ކައުންޓް ދަށް ކުރުމަކީ އެހާ މުހިންމު ކަމެއް ނޫން ކަމަށާއި، އެންމެ މުހިންމީ ބަލިމީހާގެ އަލާމާތްތައް ދެނެގަތުން ކަމަށެވެ. އެގޮތުން، ލޭ އައުން ފަދަ ކޮމްޕްލިކޭޝަންތައް ދިމާވަނީ ޕެލެޓްލެޓް ކައުންޓް ދަށްވެގެން ނޫން ކަމަށާއި، ލޭ އައުމުގެ ފުރުސަތު ބޮޑުވަނީ ބްލަޑް ޕްރެޝާ ދަށްވެ، ޝޮކަށް ގޮސް، ފަރުވާ ލިބުން ލަސްވެގެންދާ ދަނޑިވަޅުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ފައިސަލް ވިދާޅުވީ ފަޅޯފަތްތައް ފަދަ ތަކެތި ބޮއެގެން ޕެލެޓްލެޓް ކައުންޓް ދަށް ކުރުމަށް މަސައްކަތް ކުރުމަށްވުރެ ބޮޑަށް ސަމާލުކަން ދޭންވީ ދިޔާއެއްޗެހި ގިނަކޮށް، ޑީހައިޑްރޭޓްވުމުން ދުރުވުމަށެވެ. އެގޮތުން، ކޮފީ އާއި ކެފެއިން އެކުލެވޭ ބުއިންތަކާއި މައިލޯ، ކަރާފަނި ފަދަ ކުލަ ގަދަ އަދި ރަތް ކުލަ ހުންނަ ބުއިންތައް ބޭނުން ނުކޮށް، ލޮނުޕެކެޓު، ކުރުނބާފަނި އަދި ޖޫސް ފަދަ ތަކެތި ބޭނުން ކުރުމަށް ޑރ. ލަފާ ދެއްވަ އެވެ.

ފަރުވާއަށްވުރެ މުހިންމީ ރައްކާތެރިކަން!

ޑެންގީ ފެތުރެނީ ޑެންގީ ވައިރަސް ހަށިގަނޑުގައި ހިމެނޭ އަންހެން އީޑީޒް މަދިރި އިންސާނުންގެ ގައިގައި ހެފުމުންނެވެ. 3-4 ހަފްތާގެ އުމުރުގައި އީޑީޒް މަދިރި، އިންސާނުންގެ މެދުގައި ބަލުފަތުރަމުން ދެ އެވެ. ޑެންގީ ފަދަ ބަލިތަކަށް ގިނަފަހަރަށް ސަމާލުކަން ދެވެނީ ބަލިވުމުންނެވެ. ނަމަވެސް އެއަށްވުރެ ކުރިން މަދިރި އުފެދޭ ތަންތަން ހުރިތޯ ބަލާ، ރައްކާތެރިކަން އިސްކުރުން މުހިންމެވެ.

މިފަހަރު ރާއްޖޭގައި ޑެންގީގެ ކޭސްތައް އިތުރުވެގެން ދާއިރު، ފާހަގަކުރެވޭ އެއްކަމަކީ ގިނަ ކޭސްތައް ފެންނަނީ އަތޮޅުތެރެއިން ކަމެވެ. މާލެއާ ހިލާފަށް އަތޮޅުތެރޭގައި މަދިރި އުފެދޭނެހެން ފެން ހަރުލާފައި ހުންނަ ތަންތަން ގިނަވުން އެކަށީގެންވެ އެވެ. އެހެންކަމުން އެފަދަ ތަންތަން ސާފުނުކުރެވޭނަމަ މަދިރި ގިނަވެ، ޑެންގީ ޖެހުމުގެ ފުރުސަތު އިތުރުވެދެ އެވެ.

ރާއްޖޭގައި ޑެންގީ އިތުރުވުމުގެ ސަބަބުން، ހެލްތު މިނިސްޓްރީން ވެސް މިހާރު ވަނީ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން، ޑެންގީއާ ބެހޭގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށާއި، މަދިރި އުފެދޭ ތަންތަން ނައްތާލުމަށް ދޭންޖެހޭ އެއްބާރުލުމާއި، އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން، ފެންގަނޑުތަކަށް ކެމިކަލް އެޅުމާއި، މަދިރި ބޭސް ޖެހުމަށް ވެސް ހެލްތު މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. ޑެންގީ މަދު ކުރުމާއި، މަދިރި އުފެދޭ ތަންތަން ނައްތާލުމަށް މަސައްކަތް ކުރުމަށް އެޗްޕީއޭއިން ކައުންސިލްތަކަށް އަންގާފައިވާ ކަމަށް ވެސް ހެލްތު މިނިސްޓްރީން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ހެލްތު މިނިސްޓްރީން ދަނީ، ޑެންގީ ބަލިމީހުންނަށް ފަރުވާ ދިނުމުގައި ސިއްހީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އިހުމާލުވަމުން ދޭތޯ ބަލަމުން ކަމަށާއި މޮނިޓާ ކުރަމުން ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox