އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ މެމްބަރު ކަމަށް ތިންވަނަ ދައުރަކަށް ދިވެހިރާއްޖެ އިންތިހާބުވެއްޖެ އެވެ.
އޭޝިއާ ޕެސިފިކް ސަރަހައްދަށް ހަތަރު މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބަށް ހަ ގައުމަކުން ކުރިމަތިލި އެވެ. މިފަހަރުގެ ކައުންސިލަށް ރާއްޖެ ހޮވުމަށް 154 ގައުމަކުން ތާއިދުކުރި އެވެ. އދ. ގެ އާންމު މަޖިލީހުގައި ނެގި ވޯޓުން ބަންގަލަދޭޝް އާއި ވިއެޓްނާމް އަދި ކިރިގިސްތާނު ވެސް ވަނީ އެ ކައުންސިލަށް އިންތިހާބުވެފަ އެވެ.
ފުރަތަމަ ދައުރަށް ރާއްޖެ އިންތިހާބުވީ 185 ގައުމެއްގެ ވޯޓާ އެކު އެވެ. ދެވަނަ ދައުރަކަށް ރާއްޖެ ހޮވުނީ އެ ކައުންސިލުގެ 164 މެމްބަރު ގައުމުގެ ތާއިދާ އެކު އެވެ.
އެގޮތުން، 2010 ގައި އިންތިހާބުވި ގައުމުތަކުގެ ތެރެއިން އެންމެ ކުޑަ ގައުމަކީ ވެސް ރާއްޖެ އެވެ. ޖެހިޖެހިގެން ދެ ދައުރު 2011 އިން ފެށިގެން 2016 އާ ހަމައަށް އެ ކައުންސިލުގެ މެމްބަރުކަން ރާއްޖެއިން ކުރި އެވެ. އޭޝިއާ ޕެސިފިކް ގައުމުތަކުގެ މަންދޫބުގެ ހައިސިއްޔަތުން އެ ކައުންސިލުގެ ނައިބު ރައީސްކަން ވެސް ރާއްޖެ އިން ކުރި އެވެ.
އެއަށްފަހު، ރާއްޖެއިން މަސައްކަތްކުރީ 2018 އިން 2020 އަށް ހޮވި ކައުންސިލުގެ މެމްބަރަކަށްވުމަށެވެ. ޑިޕްލޮމެޓިކް ކެމްޕޭނެއް ކުރުމަށް ފަހު އެ ގޮނޑިއަށް ވާދަ ނުކުރުމަށް ނިންމި އެވެ. ސަރުކާރުން އޭރު ބުނި ގޮތުގައި އެއީ ފަހުގެ ދައުރެއްގައި ވާދަކުރުމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އދ. ގެ އެންމެ ބާރުގަދަ ގުނަވަން ކަމަށްވާ ސެކިއުރިޓީ ކައުންސިލަށް ރާއްޖެ އިން ވާދަކުރި އެވެ. އެ އިންތިހާބުގައި ރާއްޖޭގެ މައްޗަށް ކުރި ހޯދީ އިންޑޮނޭޝިއާ އެވެ. ރާއްޖެއަށް ލިބުނީ އެންމެ 46 ގައުމެއްގެ ތާއީދެވެ.
ބައިނަލްއަގްވާމީ މަޝްރަހުގައި އެކަހެރި ގައުމެއްގެ ގޮތުގައި ރާއްޖެ އޮއްވައި ވެރިކަމާ ހަވާލުވެވަޑައިގަތް ރައީސް އިބްރާހިމް މުހައްމަދު ސޯލުހުގެ ސަރުކާރުން ހާރިޖީ ސިޔާސަތަށް ބޮޑު ބަދަލުތަކެއް ގެނެސް، ގުޅުންތައް އަލުން ވަނީ އިޔާދަކޮށްފަ އެވެ. އަދި، އިންސާނީ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމަކީ ހާރިޖީ ސިޔާސަތުގެ މައި ތަނބެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
އެގޮތުން، އދ. ގެ އެންމެ ޝަރަފުވެރި އެއް މަގާމު ކަމަށްވާ އާންމު މަޖިލީހުގެ ރިޔާސަތު ނިމިގެންދިޔަ ދައުރުގައި ފުރީ ރާއްޖެ އިންނެވެ. އެ މަގާމަށް ހޮވިވަޑައިގަތީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.












