ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރާއެކު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް އެއްބަސްވެ، އެ ކުށަށް ތައުބާވެފައިވާ ގާނޫނީ ވަކީލު ނާޒިމް ސައްތާރު ހަތަރު މަަހަށް ގޭގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް ކުޑަވެގެން، އެ ހުކުމްގެ އަދަބުގެ ބައި ދައުލަތުން މިއަދު ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
ނާޒިމް ސައްތާރުގެ މައްޗަށް އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ދައުވާ އުފުލީ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ. އެއީ މީހަކާ އިނދެ ހުރެ ކުރި ކުށަކަށް ވާނަމަ، އެ ގާނޫނުގައިވާ ގޮތުން، އެ ކުށުގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމެވެ.
ކުށަށް އިއުތިރާފުވެ ދެން އެފަދަ ކުށެއް ނުކުރާނެ ކަމަށް ކުށަށް ތައުބާވެފައިވާތީ އަދަބު ލުއިކޮށް އެއް މަހާއި 28 ދުވަހުގެ ޖަލު ހުކުމަކަށް ކަނޑައެޅި އެވެ. ޖަލު ހުކުމް ގޭބަންދަށް ބަދަލުކޮށްދިނުމަށް ނާޒިމް އެދުމުން އެ ކަމަށް ރިއާޔަތްކޮށް ތިން މަހާއި 26 ދުވަހަށް ގޭގައި ބަންދުކުރަން ހުކުމްކުރި އެވެ.
އެކަމާ ގުޅޭ ގޮތުން "އަދަދު" އިން ސުވާލު ކުރުމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވަނީ އެ މައްސަލަ ހުށަހަޅާފައިވާ ކަން ކަށަވަރު ކޮށްދެއްވާފަ އެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ ހުށަހަޅާފައި ވަނީ މިދިޔަ ހަފްތާގައި ކަމަށާއި ހައި ކޯޓަށް މައްސަލަ ހުށަހެޅީ އަދަބާ މެދު ހިތްހަމަނުޖެހޭތީ ކަމަށެވެ.

އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ޖޫން މަހުގެ ފަހުކޮޅު ވަނީ އާންމުވެފަ އެވެ. އޭގެ ތެރެއިން އެއް ވީޑިއޯއަކުން އަލަމްގީރާއެކު ފެންނަނީ ނާޒިމް އެވެ.
ނާޒިމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އެވެ.
ނަޝީދު ވަނީ ނާޒިމް ހައްޔަރު ކުރުމާ ގުޅިގެން، އެއީ ސިޔާސީ ބޭނުމެއްގައި ވަކި ބަޔެއްގެ މައްސަލަ އެކަނި ބެލުމުގެ ތެރެއިން ކުރާ ކަމެއް ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
މި މައްސަލާގައި އަލަމްގީރަށް ވެސް ކޮށްފައިވާ އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ދައުވާއަށް ހުކުމްކޮށްފައިވެ އެވެ. އޭގެ އިތުރަށް އޮރިޔާން ކާޑު އުފެއްދުމުގެ 40 ދައުވާ އޭނާގެ މައްޗަށް ކޮށްފައިވެ އެވެ.













