ދީބާޖާ އިންވެސްޓްމަންޓަށް ބަދަލު ދޭން ޖެހޭ ކަމަށް ތާއީދުކޮށް، ނަމަވެސް އެ އަދަދު ސިވިލް ކޯޓުން ކަނޑައެޅީ އެންމެ ރަނގަޅަށް ނޫން ކަމަށާއި އެ ކަން ސިވިލް ކޯޓުން އަލުން ބެލުމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މިއީ ކުުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދޭން ދީބާޖާއާ އެކު ހެދި އެއްބަސްވުން ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި 2013 ގައި ބާތިލުކުރި މައްސަލަ ސުޕްރީމް ކޯޓުން ބެލި ތިންވަނަ ފަހަރެވެ.
މީގެ ކުރިން އެންމެ ފުރަތަމަ ސުޕްރީމް ކޯޓުން ދީބާޖާއަށް ބަދަލު ދޭން ހުކުމް ކޮށްފައިވަނިކޮށް, ހަމަ އެ ކޯޓުން ވަނީ މައްސަލަ ރިވިއުކޮށް އެ ހުކުމް ބާތިލުކޮށްފަ އެވެ. ނަމަވެސް, ހުކުމް ބާތިލުކުރީ މައްސަލަ އަލުން ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ އިހްތިޔާރު, ދީބާޖާއަށް ދިނުމަށް ފަހު އެވެ.
ސުޕްރީމް ކޯޓުގައި ތިންވަނަ ފަހަރަށް މި މައްސަލަ ބެއްލެވީ، ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަލީ ރަޝީދެވެ.
ފަނޑިޔާރު އަލީ ރަޝީދުގެ ރައުޔަކީ ދީބާޖާއާއެކު ވެފައިވާ އެއްބަސްވުން ސަރުކާރުން ބާތިލުކުރީ އެއްބަސްވުމާ ހިލާފަށް ކަމުގަ އެވެ. އެހެންވެ ގެއްލުމުގެ ބަދަލު ދޭން ޖެހޭނެ ކަމަށެވެ.

އެއީ އެއްބަސްވުން ބާތިލުކުރިއިރު ބ. ފުޅަދު އާއި އެ އަތޮޅު ފެހެންދޫ ފިޔަވައި އެެހެން ހުރިހާ ރަށަކަށް ހިދުމަތް ދެމުން ދިޔަ ކަމާއި، އެ ހާލަތުގައި އެއްބަސްވުން ބާތިލުކުރެވެނީ 90 ދުވަހުގެ ނޯޓިސްއެއް ދީފައި ކަން ފަނޑިޔާރު އަލީ ރަޝީދު ފާހަގަ ކުރެއްވި އެވެ.
އެގޮތަށް އަމަލުނުކޮށް އެންމެ ހަފުތާއެއްގެ ނޯޓިސް ދީފައިވާ ކަމާއި، އެ ގޮތަށް އަމަލުކުރެވޭނީ އެއްވެސް ސަރަހައްދެއްގައި ހިދުމަތް ނުދީ ޖެހިޖެހިގެން ފަސް ދުވަސް ވުމުން ކަން ވެސް ފަނޑިޔާރު އަލީ ރަޝީދު ފާހަގަ ކުރެއްވި އެވެ.
ގެއްލުމުގެ ބަދަލު ދޭން ޖެހޭ ކަމަށް ފަނޑިޔާރު ރަޝީދު ބުރަވި ނަމަވެސް ގެއްލުމުގެ ބަދަލު ސިވިލް ކޯޓުން އަލުން ކަނޑައަޅަން ޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އެއީ ދީބާޖާއިން ހުށަހަޅާފައިވާ ހިސާބުތަކަކީ ލައިންސަސްޑް އޮޑިޓް ފާމަކުން ތައްޔާރުކުރި ރިޕޯޓެއް ކަން އެނގެން ނެތުމުން ކަމަށް ވިދާޅުވި އެވެ.
ގެއްލުމުގެ ބަދަލުގެ ބަޔާ މެދު ގޮތާ މެދު ހައި ކޯޓުން ނިންމާފައިވާ ނިންމުމަކީ ގާނޫނާ ހިލާފު ހުކުމެއް ކަމަށް ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ބައި ބާތިލުކުރުމަށް ހުކުމްކޮށްފައިވެ އެވެ. އަދި ގެއްލުމުގެ ބަދަލުގެ ބައި ސިވިލް ކޯޓަށް އަލުން ފޮނުވުމަށް ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމެވި އެވެ.
ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްގެ ރައުޔަކީ ދީބާޖާއަށް ސަރުކާރުން ކޮށްދޭން ޖެހޭ ކަންކަމުގެ ތެރޭގައި 47 ބިމެއް ދޫކުރުމަށް ވެފައިވާ އެއްބަސްވުމާ ގުޅޭ ގޮތުން ފަނޑިޔާރު އަލީ ރަޝީދުގެ ރައުޔުގައި ހިމެނޭ ބައި ފިޔަވައި އެހެން ހުރިހާ ނުކުތާއަކަށް ތާއީދު ކުރެއްވުމެވެ.
ފަނޑިޔާރު އަލީ ރަޝީދު ފާހަގަ ކުރެއްވި ކަމަކީ އެ އެއްބަސްވުމުގައި ވަކި މުއްދަތެއްގެ ތެރޭގައި އެ ކަން ކުރުމަށް ނުވަތަ އެ ކަންކަން ހަމަޖެއްސުމުން ހިދުމަތް ދޭން ފެށުމަށް ނެތް ކަމެވެ. ނަމަވެސް ފަނޑިޔާރު މުހައްމަދުގެ ރައުޔަކީ އެއްބަސްވުމަށް އިހުތިރާމު ކުރުމުގެ ގޮތުން އެ ކަންކަން ހަމަޖައްސަން ޖެހޭ ކަމެވެ.
ރައުޔުގައި ތަފާތުތަކެއް ބޮޑަށް ހުރީ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ރައުޔުގަ އެވެ.
އެ ރައުޔުގައި ވަނީ، ޓްރާންސްޕޯޓް މިނިސްޓްރީން ދިން އެއް ހަފުތާގެ މުއްދަތުގެ ތެރޭގައި ދީބާޖާއިން ހިދުމަތް ފެށިފައި ނުވާ ކަމެވެ. އެއީ އޭގެ ޖަވާބުގައި ދިބާޖާއިން ފޮނުވި ސިޓީގައި ވެސް ހިދުމަތް ދެވޭނެ ވަގުތީ ގޮތްތަކެއް، ކުރިއަށް އޮތް ތާރީހު ތަކެއްގައި ފެށުމަށް ފާހަގަ ކޮށްފައި އޮތީތީ އެވެ.
މީގެ އިތުރަށް ދިބާޖާގެ ފަރާތުން ކަނޑައެޅި ގެއްލުމުގެ ބަދަލުގެ ހިސާބުތަކާ މެދު ދައުލަތުން ސުވާލު އުފައްދާފައިވާ އިރު، ހިސާބުތަކުގެ ފެންވަރާ މެދު ސިވިލް ކޯޓުން ގިންތި ކޮށްފައި ނުވާ ކަން ފަނޑިޔާރު މަހާޒު ވެސް ފާހަގަ ކުރެއްވި އެވެ.
ދީބާޖާ މައްސަލައިގެ ފަސްފަހަތް
ދީބާޖާއަށް ބަދަލު ނަގައިދިނުމުގެ މައްސަލަ ބޮޑުވެގެން ދިޔައީ، އިޖުރާއީ ނުކުތާއެއްގެ މައްޗަށް ސުޕްރީމް ކޯޓުން ބޮޑު އަދަދެއްގެ ބަދަލެއް އެ ކުންފުންޏަށް ދިނުމަށް ހުކުމް ކުރުމާ އެކު އެވެ. އެ ހުކުމް ނެރުއްވީ ކުރިން އޮތް ސުޕްރީމް ކޯޓުގެ ބެންޗުންނެވެ.
އެ ހުކުމްގައި ސުޕްރީމް ކޯޓުން، ދީބާޖާއަށް 348 މިލިއަން ރުފިޔާގެ ބަދަލެއް ނަގައިދިނުމަށް ނިންމާފައި އޮތީ އިސްތިއުނާފީ މުއްދަތު ހަމަވި ފަހުން ހައިކޯޓުން މައްސަލަ ބަލައިގަނެ ކުރިއަށް ގެންގޮސްފައި އޮތުމުންނެވެ.
ދައުލަތުން ހައިކޯޓަށް އެ މައްސަލަ ހުށަހެޅީ ޖުލައި 22، 2015ގަ އެވެ. ނަމަވެސް އިސްތިއުނާފު ކުރަން ލިބޭ 90 ދުވަހަށް ބަލާއިރު އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ މާޗް، 12، 2015 އެވެ. އޭރު އަމަލު ކުރަމުން ދިޔަ އުސޫލުގައިވާ ގޮތުން ދަށު ކޯޓުތަކުގެ ހުކުމްތައް ހައިކޯޓުގައި އިސްތިއުނާފު ކުރަން 90 ދުވަހުގެ މުއްދަތެއް ލިބެ އެވެ.
ބަދަލު ދޭން ސުޕްރީމް ކޯޓުން ނެރުނު ހުކުމާމެދު ކަންބޮޑުވުން އޮތުމުން ރައްޔިތުންގެ މަޖިލީހުން މައްސަލަ ބެލި އެވެ. އެއަށްފަހު ފާސްކުރީ ދީބާޖާގެ ހުކުމް ރިވިއުކުރުމަށް ބަންޑާރަ ނައިބަށް ދަންނަވާށެވެ. އެގޮތަށް ފާސްކުރީ، މައްސަލަ ރިވިއުކޮށްގެން ވެސް ކާމިޔާބު ނުވާނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވެފައިވަނިކޮށެވެ.
ނަމަވެސް، ބަންޑާރަ ނައިބު ސްޓޭންޑް ބަދަލުކޮށް، ދީބާޖާ މައްސަލަ ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އެވެ.
ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގެ އެ ހުކުމް، ރިވިއު ކުރަން ހުށަހެޅުމުން އެ ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ. އިސްތިއުނާފުގެ މުއްދަތަކީ ކަނޑައެޅިފައިވާ މުއްދަތެއް ނަމަވެސް، ބައެއް ހާލަތްތަކުގައި އިސްތިއުނާފުގެ މުއްދަތު ހަމަވުމުން ވެސް އެ ހުއްދަ ދިނުމަކީ ހައިކޯޓަށް ލިބިގެންވާ އިހްތިޔާރީ ބާރެއް ކަމަށް އެ ހުކުމްގައި ކަނޑައެޅި އެވެ.
މި މައްސަލާގައި ހައިކޯޓަށް ދައުލަތުން އިސްތިއުނާފު ހުށަހެޅުމަށް ލަސްވެގެން ދިޔަ ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ ސިވިލް ކޯޓުގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ލިބުން ލަސްވުމާއި އެ މައްސަލައާ ހަވާލުވެ ހުންނެވި ވަކީލްގެ އިހުމާލުން ކަމެވެ. މައްސަލާގައި ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓް، ސިވިލް ކޯޓުން ދޫކުރީ 72 ދުވަސް ފަހުންނެވެ. އެއީ 14 ދުވަސް ތެރޭގައި ދޫކުރަން ޖެހޭ އެއްޗެކެވެ.
ހުކުމް ފާހަގަކުރި ގޮތުގައި، ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓަކީ ވަރަށް އަސާސީ ހައްގެއް ކަމަށްވާ އިސްތިއުނާފު ކުރުމުގެ ހައްގާ ގުޅިފައިވާ އެއްޗަކަށްވާއިރު އެ ދޫނުކުރުން ލަސްކުރުމަކީ އިންސާފަށް ދަތި ކުރުން ކަމުގަ އެވެ. ހަގީގަތުގައި އިސްތިއުނާފު މުއްދަތު ގުނަން ޖެހޭނީ ވެސް ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓް ދޫކުރާ ދުވަހުން ފެށިގެން ކަމަށެވެ.
އިސްތިއުނާފުގެ މުއްދަތު ހަމަވި ފަހުން ވެސް މައްސަލަ ބަލައިގަނެ، ހައިކޯޓުގައި ޝަރީއަތް ކުރިއަށް ގެންދިޔަ ސަބަބެއް އެ ކޯޓުގެ ހުކުމްގައި ބަޔާންކޮށްފައިނުވީ ނަމަވެސް، ސުޕްރީމް ކޯޓުން ގަބޫލު ކުރެއްވި ގޮތުގައި ހައިކޯޓުގައި އެ މައްސަލާގެ ޝަރީއަތް ހައިކޯޓުގައި ކުރިއަށް ގެންދިޔުން ރަނގަޅެވެ. އަދި ސުޕްރީމް ކޯޓުން އިސްތިއުނާފުގެ ނުކުތާގައި ހިފައި، މައްސަލާގެ މައުލޫއީ ގޮތެއްގައި ނުބަލައި ހުކުމް އިއްވުން ގޯހެވެ.
އެހެންވެ، ހައިކޯޓުގެ ހުކުމަށް ރުޖޫއަވުމަށް ސުޕްރީމް ކޯޓުން ނިންމި އެވެ. އެއީ، ދީބާޖާ ކުންފުންޏަށް ބަދަލު ދޭން ނުޖެހުމެވެ. ނަމަވެސް އެ ހުކުމަށް އަހަރުތަކެއްވެފައި ވާތީ އެންމެ އިންސާފުވެރި ގޮތަކީ، މައްސަލަ އަލުން ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމުގެ ފުރުސަތު ދިނުން ކަމުގައި ކަމަށް ވެސް ހުކުމްގައިވެ އެވެ.
އަލުން އިސްތިއުނާފުކޮށްފި ނަމަ، މައްސަލަ މައުލޫއީ ގޮތެއްގައި އެ ކޯޓުން ބަލައި ހުކުމެއް ނެރޭނެ ކަމަށް ވެސް އެ ހުކުމްގައި ބަޔާންކޮށްފައިވެ އެވެ.













