ކޯޓަށް ހުށަހެޅިފައިވާ މަސްތުވާތަކެތީގެ މައްސަލަތަކުގައި ޗެއިން އޮފް ކަސްޓަޑީއާމެދު އެއްވެސް ގޮތަކުން ސުވާލު އުފެދިއްޖެ ނަމަ، ހެކިން ގެނެސްގެން އެއީ މުއްތަހަމުގެ އަތުން ފެނުން އެއްޗެއްތޯ ކަށަވަރު ކުރެވިދާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު މިއަދު ކަނޑައަޅުއްވައިފި އެވެ.
ޗެއިން އޮފް ކަސްޓަޑީގެ މައްސަލަ ޖެހިގެން ބޮޑެތި ދައުވާ ލިބޭ ބައެއް ފަރާތްތަތައް ބަންދުން ދޫވާ މައްސަލަ ބޮޑުވެފައި އޮއްވައި، އުއްތަމަ ފަނޑިޔާރު ނެރުއްވި "ޕްރެކްޓިސް ޑައިރެކްޝަން" ގައި ވިދާޅުވެފައި އޮތީ ތަހުލީލު ކުރި މަސްތުވާތަކެއްޗަކީ މުއްތަހަމުގެ އަތުން ފެނުނު ތަކެތިކަމާމެދު ސުވާލު އުފެދިއްޖެ ނަމަ، ހެކިން ގެނެސްގެން އެއީ އޭނާގެ އަތުން ފެނުނު ތަކެތިތޯ ކަށަވަރު ކުރެވިދާނެ ކަމަށެވެ.
"ސުވާލު އުފެދޭ ކަމަކާ ގުޅިގެން ޝަރީއަތަށް ހާޒިރު ކުރަން ފަނޑިޔާރުން ނިންމާ ހެކިންގެ ހެކިބަހުން ތަހުލީލު ކުރެވިފައިވާ ތަކެއްޗަކީ މުއްތަހަމުގެ އަތުން ނުވަތަ އޭނާގެ ހިޔާޒަތުގައިވާ [އޭނާގެ ބާރު ފޯރާ] ތަނަކުން ހިފެހެއްޓުނު ތަކެތިކަން ކަށަވަރު ކުރެވޭ ނަމަ އެފަދަ ހާލަތުގައި ޗެއިން އޮފް ކަސްޓަޑީ ފުރިހަމަވެފައިވާ ކަމަށް ބަލަންވާނެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވެ އެވެ.
އުއްތަމަ ފަނޑިޔާރު ނެރުއްވި އަމުރުގައި އިތުރަށް ވިދާޅުވެފައި އޮތީ، މަސްތުވާތަކެތީގެ މައްސަލަތަކުގައި ޗެއިން އޮފް ކަސްޓަޑީ ފޯމު ނެތް ނަމަވެސް, އަމަލު ކުރަންޖެހޭނީ އެ އުސޫލުން ކަމަށެވެ. އަދި ވިދާޅުވެފައި ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ޔަގީން ކުރުމަށް އއެ ސުވާލު އުފެދުނު މަސްތުވާތަކެތި ހިފެހެއްޓި ފަރާތްތަކާއި އޭގެ ޗެއިންގައިވާ އެންމެހޭ ފަރާތްތައް ކޯޓަށް ހާޒިރު ކުރެވިދާނެ ކަމަށެވެ.
މަސްތުވާތަކެތީގެ ބައެއް ބޮޑެތި މައްސަލަތައް ސާބިތުނުވުމުގެ ފަހަތުގައި ވަނީ ޗެއިން އޮފް ކަސްޓަޑީގައި ޖެހޭ މައްސަލަތަކެވެ. އޭގެ ތެރޭގައި 2016 ގައި ސްރީ ލަންކާގެ ފްލައިޓަކުން ރާއްޖެ އެތެރެ ކުރި 2.5 ކިލޯގެ މައްސަލައިގައި ދައުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ހިމެނެ އެވެ.













