ރ. ދުވާފަރު ކައުންސިލުގެ މޮނިޓަރިން އޮޑިޓުން ފާހަގަވި ކޮރަޕްޝަނުގެ މައްސަލަ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރުމަށްފަހު ޑިއުޓީ ޕްރޮސެކިއުޝަންގައި މަޝްވަރާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
ދުވާފަރު ކައުންސިލުން ލާމަރުކާޒީ ގާނޫނާއި މާލިއްޔަތު ގަވާއިދާ ހިލާފަށް ނަގުދު ފައިސާ ނަގައި ކައުންސިލް މެމްބަރުންނާއި މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ފައިސާ ޖަމާކޮށް ހަރަދުކުރި މައްސަލައިގައި އޭސީސީން ވަނީ އެރަށަށް ގޮސް ތަހުގީގު ހިންގާފަ އެވެ.
ދުވާފަރު ކައުންސިލްގެ 12 މުވައްޒަފަކު ހިންގާފައިވާ މި މުއާމަލާތްތަކާއި ގުޅިގެން، މައްސަލަ ތަހުގީގު ކުރުމަށް އޭސީސީގެ ޓީމެއް ދުވާފަރުގައި ހަރަކާތްތެރިވީ މިދިޔަ އޮގަސްޓު މަހުގެ 25 އިން ސެޕްޓަމްބަރު މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށެވެ. އެއަށްފަހު އޭސީސީން ވަނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު މުޅި މައްސަލަ ތަހުގީގުކޮށް ނިންމާފަ އެވެ.
އޭސީސީން ބުނީ، މި މައްސަލާގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހުގެ މަޝްވަރާއަށް ފޮނުވާފައިވާއިރު، ދައުވާ ކުރެވޭނެ މީހުންގެ މައުލޫމާތު ހިމެނޭހެން އިތުރު ތަފްސީލު އެ ކޮމިޝަނުން ފަހުން ހާމަ ކުރާނެ ކަމަށެވެ.
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ތައްޔާރުކުރި މޮނިޓަރިން ރިޕޯޓުގައި ވަނީ ކައުންސިލުން ނުގަވާއިދުން ކުރަމުން އަންނަ ކަންކަމާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައި ހުރި 34 ކަމެއް ފާހަގަކޮށް، އިސްލާހުކުރަން ލަފާދީފަ އެވެ. އަދި ކޮރަޕްޝަނަށް ތުހުމަތުވާ މައްސަލަ ބަލައިދިނުމަށް އެދި އޭސީސީއަށް ހުށަހެޅީ ވެސް އެލްޖީއޭ އިންނެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލަށް މަތިކޮށްފައިވާ ޒިންމާ އަދާނުކުރުމާއި އޮންނަ އުސޫލުން ބޭރުން ކަންކަން ކުރުމުގެ އިތުރުން ގާނޫނާއި ގަވާއިދުތަކުގައި ބުނާ ގޮތަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ޖަވާބުދާރީ ނުވާކަން ފާހަގަކުރި އެވެ. އަދި ކޮރަޕްޝަނަށް ފަހިވާ ގޮތަށް ގިނަ ކަންތައްތަކެއް ކޮށްފައި ހުރި ކަން ވެސް ފާހަގަކުރި އެވެ.
ދުވާފަރު ކައުންސިލްގެ މޮނިޓަރިން ރިޕޯޓުން އެނގޭ ގޮތުގައި އުސޫލުން ބޭރުން ކައުންސިލު މެމްބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ކައުންސިލުގެ އެހެނިހެން މުވައްޒަފުންގެ އެކައުންޓަށް ޖަމާކުރި ފައިސާ އާއި ނަގުދު ފައިސާގެ އަދަދު 2.1 މިލިއަން ރުފިޔާއަށް އަރަ އެވެ.
މި ފައިސާ ލިބުނު މީހުންގެ ތެރޭގައި ކައުންސިލުގެ ނައިބު ރައީސުން ފެށިގެން އިސް މުވައްޒަފުންނާއި ކޮންޓްރެކްޓް ސްޓާފުން ވެސް ހިމެނެ އެވެ. އެކަމަކު މި ފައިސާގެ ހަރަދުވީ ގިނަ ކަންކަމުގެ ތަފުސީލެއް ވެސް ލިޔެކިޔުމުން އެނގޭކަށް ނެތެވެ.
އޭގެ އިތުރުން ކައުންސިލު ހިންގަން ކަނޑައަޅާފައިވާ އިދާރީ ހަމަތަކާ އެއްގޮތަށް ކައުންސިލު ނުހިންގާ މައްސަލަތައް ވެސް ގިނަ އެވެ. މި މައްސަލަތަކުގެ ތެރޭގައި ގިނައީ އާ ލާމަރުކަޒީ ގާނޫނަށް އަމަލުކުރަން ފެށި ފަހުން ކައުންސިލުތަކުގެ މައްޗަށް ލާޒިމުކޮށްފައިވާ ކަންކަމެވެ.
ހަމައެހެންމެ މުސާރަ އާއި އިނާޔަތް ދިނުމާއި ޗުއްޓީ ދުވަސްތައް ނެގުމުގައި ވެސް ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވެ އެވެ. ގިނަ ހަފުތާތަކުގައި ކުރާނެ މަސައްކަތެއް ނެތް ކަމަށް ބުނެ ގަވާއިދުން ބާއްވަން ޖެހޭ ޖަލްސާ ވެސް ނުބާއްވަ އެވެ.














