ރާއްޖޭގައި މީހުން ބިނާކުރަން ޖެހިފައިވާ އެންމެ މުހިންމު އެއް ދާއިރާއެއް ކަމަށްވާ ރޭޑިއޮގްރަފީ ދާއިރާއިން އާ މީހުން އުފެއްދުމަށް އަމާޒުކޮށް ސްޓޭޓް ޓްރޭޑު އޯގަނައިޒޭޝަން (އެސްޓީއޯ) އިން ޑިޕްލޮމާ އިން ރޭޑިއޮގްރަފީ ކޯހެއް ފަށައިފި އެވެ.
ޖެނެރަލް އިލެކްޓްރިކް ކުންފުނީގެ އެހީތެރިކަމާ އެކު ހިންގާ މި ކޯހުގެ ފުރަތަމަ ބެޗުގައި، އެސްޓީއޯގެ އެހީގައި 25 ދަރިވަރުން ހިލޭ ކިޔަވާނެ އެވެ. ފުޅާ ދާއިރާއެއްގައި މެޑިކަލް މެޝިނަރީ ފޯރުކޮށްދޭ އެސްޓީއޯއިން ހިންގާ މި ކޯހަކީ ސިއްހީ ދާއިރާގެ ފަންނީ ވަޒީފާތަކަށް ދިވެހިން ބިނާކުރަން އެ ކުންފުނިން ފަށައިގެން އުޅޭ މަސައްކަތެކެވެ.
ހުސްވި އަހަރުގެ ޖުލައި މަހު އެސްޓީއޯ ޓްރެއިނިން އިންސްޓިޓިއުޓާއި ޖީއީ ސްކިލް ލެބު ހުޅުވާފައި ވަނީ ވެސް މިކަމަށްޓަކަ އެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާ އެލައިޑް ހެލްތު ކައުންސިލުން ގަބޫލުކުރާ މި ކޯސް ނިމުމުން ވަޒީފާ ވެސް ޔަގީންވާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ.
މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ސިއްހީ ދާއިރާ ފަދަ ޓެކްނިކަލް ދާއިރާތަކަށް މީހުން ބިނާ ކުރުމުގެ މަސައްކަތް މާބޮޑަށް ލަސްވެގެން ގޮސްފައިވާ ކަމަށެވެ. އަދި، މިއަދު ފެނުނު މަސައްކަތާއެކު އެކަން ބަދަލުވެގެން ދިއުމުގެ އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު ފެށި ރޭޑިއޯގްރަފީ ކޯހަކީ ވަރަށް ގިނަ ދުވަހަށް ފަހު ހާސިލުވި މަސައްކަތެއްކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވަނީ ގިނަ ވަގުތު ނެގި ނަމަވެސް ހުއްޓާނުލާ މި މަސައްކަތް ކުރީތީ އެސްޓީއޯއަށް ތައުރީފު ކުރައްވާފަ އެވެ.

ނައިބު ރައީސް ވަނީ، ފުރުސަތުގެ ބޭނުން ހިފާ، ރަނގަޅު، ޒިންމާދާރު، ގައުމަށް ހިދުމަތް ކުރެވޭ ދަރިއަކަށްވެ، އަމިއްލައަށް ޒިންމާދާރު ކަމާއެކު އުޅެވޭނެ މީހަކަށް ވުމަށް ރޭޑިއޮގްރަފީ ކޯސް ލިބުނު ދަރިވަރުންނަށް އިލްތިމާސް ކުރައްވާފަ އެވެ.
އޭގެ އިތުރުން ވެސް މީހުން ބިނާކުރަންޖެހޭ ދާއިރާތަކުން އިންސާނީ ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުން ހިތްހަމަޖެހޭ ރަނގަޅު ފެންވަރެއްގެ ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ.
ދާން ބޭނުންވާ މަންޒިލަކީ އަދި ދެކެން ބޭނުންވާ މަންޒަރަކީ ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ދިވެހިންގެ މިންވަރު ދުވަހަކަށްވުރެ ދުވަހެއް އިތުރުވެގެން ދިއުން ކަމަށް ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވި އެވެ. އަދި، ޔަގީންކަމާއި އިތުބާރާ އެކު ދިވެހި ޒުވާނުން މި ދާއިރާގައި އާ އުސްމިންތަކަކަށް ފިޔަޖަހަމުންދާ މަންޒަރު ދެކެން ބޭނުންވެ ވަޑައިގަންނަވާ ކަމަށް ވެސް އަމްރު ވިދާޅުވި އެވެ.
"ރާއްޖޭގައި މިވަގުތު މަސައްކަތްކުރާ 190 ރޭޑިއޯގްރާފަރުންގެ ތެރެއިން ދިވެހި ރޭޑިއޯގްރާފަރުންގެ އަދަދު އެނގިވަޑައިގަންނަވާތޯ؟ ތިއްބެވީ 17 ދިވެހިން" ރާއްޖޭގައި ރެޑިއޯގްރާފަރުން ތަމްރީނު ކުރުމުގެ މުހިންމުކަން ތަފާސްހިސާބުގެ އަލީގައި ހާމަކުރައްވާ ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވި އެވެ.
ނަސީމް ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާގައި ބޮޑު ބިދޭސީ ވޯކްފޯސްއެއް އޮތްއިރު، އެ މަގާމުތަކަށް ދިވެހިން ހޯދަން ދަތި ކަމަށެވެ. ނަސީމް ވިދާޅުވީ ސިއްހީ ދާއިރާގައި ބިދޭސީން ގިނަވުމަކީ ވަރަށް ދަތިވާ ކަމެއް ކަމަށާއި، ޑޮކްޓަރަކު ރާއްޖެއިން ގޮސްފިނަމަ، އޭނާގެ ބަދަލުގައި އެހެން މީހަކު ގެނައުމަކީ ވަރަށް 'ފްރަސްޓްރޭޓިން' ނުވަތަ ވަރަށް ގޮންޖެހުންތައް ގިނަ ކަމެއް ކަމަށެވެ. އަދި، އެކަން ބަދަލު ކުރެވޭނީ އެންމެންގެ އެއްބާރުލުމާ އެކު، އެ މަގާމުތަކަށް ދިވެހިން ތަމްރީނު ކޮށްގެންކަން އޭނާ ފާހަގަކުރެއްވި އެވެ.
ނަސީމް އިތުރަށް ވިދާޅުވީ ސިއްހީ ދާއިރާއަށް ރާއްޖޭގައި ތަމްރީނު ކުރާ ދިވެހިން ވެސް ރާއްޖޭގައި ނުތިބޭ ކަމަށެވެ. އަދި، އެއީ ރާއްޖޭގެ ތަމްރީނު ރަނގަޅުވެގެން ދަނީ ކަމެއް ނުވަތަ ލިބޭ އުޖޫރަ ކުޑަވެގެން އެހެން ތަނަކަށް ދަނީކަން ނޭނގޭ ކަމަށާއި، ތަމްރީނު ކުރާ މީހުން ރާއްޖޭގައި ތިބޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަސީމް ވިދާޅުވީ ހަމައެކަނި ސިއްހީ ވުޒާރާއިން ކުރާ ކަމަކުން ރަނގަޅު ސިއްހަތެއް ނުލިބޭނެ ކަމަށާއި، އެކަމަށް އިންސްޓިޓިއުޓްތަކުގެ އެހީ ބޭނުންވާ ކަމަށެވެ. އޭނާ ވިދާޅުވީ އިންފްރާންސްޓްރަކްޗާ އެޅޭނީ ފައިސާ ކަމަށްވާއިރު، މީހުން ބިނާ ކުރުމަށް ބޭނުންވަނީ ހިތްވަރު ކަމަށެވެ.













