ލަންޑަން (އޮކްޓޫބަރު 6) - އިޓަލީގެ ޗެމްޕިއަން އޭސީ މިލާން، 3-0 އިން ބަލިކޮށް މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ޗެލްސީން ފުރަތަމަ މޮޅު ހޯދިއިރު، އާލިން ބްރައުޓް ހާލަންޑްގެ ދެ ގޯލާ އެކު މެންޗެސްޓާ ސިޓީން ކޮޕެންހާގެން އަތުން 5-0 އިން މޮޅުވެއްޖެ އެވެ.
ޗެލްސީން މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުން ޑިނަމޯ ޒަގްރެބް އަތުން ބަލިވުމުން އޭރު އެ ޓީމުގެ ކޯޗަކަށް ހުރި ތޯމަސް ޓުޗެލް ވަކިކުރި އެވެ. އާ ކޯޗު ގްރަހަމް ޕޮޓާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ރެޑްބުލް ސަލްޒްބާގާ ވަނީ އެއްވަރުވެފަ އެވެ. އެހެންވެ، ރޭ މިލާން އަތުން މޮޅުވާން އޮތީ މަޖުބޫރުވެފަ އެވެ.
ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މެޗުގައި ޗެލްސީން ލީޑުނެގީ ފުރަތަމަ ހާފުގައި ވެސްލީ ފޮފާނާ ޖެހި ގޯލުންނެވެ. މެޗުގެ 24 ވަނަ މިނިޓްގައި ކޯނަރަކުން މިލާން އޭރިއާތެރެއިން ތަނަވަސްވި ފުރުސަތެއްގައި ފޮފާނާ ވަނީ ގޯލަށް ބޯޅަ ވައްދާލައިފަ އެވެ. އޭގެ ފަހުން، ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ފޮފާނާ ވަނީ ބަދަލުކޮށްފަ އެވެ.
މިލާނަށް އެއްވަރުކޮށްދޭން ރާޑް ކްރުނިޗް އަށް ލިބުނު ފުރުސަތު ނަގާލިއިރު، ޗެލްސީން ދެ ވަނަ ހާފުގައި އިތުރު ދެ ގޯލު ޖެހި އެވެ.
މެޗުގެ 56 ވަނަ މިނިޓްގައި ޖޭމްސް ނެގި ހުރަހަކުން ޗެލްސީގެ ދެ ވަނަ ގޯލު ޖެހީ ޕިއޭ އެމެރިކް އޮބާމަޔަން އެވެ. އަދި އޭގެ ހަ މިނިޓް ފަހުން، ރަހީމް ސްޓާލިން ދިން ބޯޅައެއް ކޮންޓްރޯލް ކޮށްލުމަށް ފަހު ޖޭމްސް ވަނީ ޗެލްސީގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ.
ގްރޫޕް އީގެ އެއް ވަނައިގައި އޮތީ ރޭ ޑިނަމޯ ޒަގްރެބް އަތުން 1-0 އިން މޮޅުވެ، ތިން މެޗުން ފަސް ޕޮއިންޓް ހޯދި ސަލްޒްބާގް އެވެ. ދެ ވަނައިގައި ޗެލްސީ އޮތީ ތިން ވަނައިގައި އޮތް މިލާނާ އެއްވަރަށް ތިން މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް ޒަގްރެބަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.

ކޯޕެންހާގެން ކޮޅަށް ހާލަންޑް ކުޅުނީ އެއް ހާފު: އެކަމަކު ދެ ގޯލު ޖަހައި މޮޅު ކުޅުމެއް ދެއްކި.
ސިޓީން ވަނީ ރޭގެ މެޗުގެ ފުރަަތަމަ ހާފުގައި ކޯޕެންހާގެން ކޮޅަށް ތިން ގޯލު ޖަހައިފަ އެވެ. މި ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ހާލަންޑް އެވެ. އަނެއް ލަނޑަކީ ސިޓީގެ ސާޖިއޯ ގޯމޭޒް ޖެހި ޝޮޓެއް، ދިފާއުކުރަން އުޅުމުގެ ތެރޭގައި ކޯޕެންހާގެންގެ ޑޭވިޑް ކޮޗޮލާވާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މި މެޗުގައި ހާލަންޑް ޖެހި ދެ ގޯލާ އެކު އޭނާ މި ވަނީ ސިޓީ އަށް ފުރަތަމަ ކުޅެދިން 12 މެޗުން 19 ގޯލު ޖަހައިފަ އެވެ. އަދި ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ 22 މެޗުން މި ވަނީ 28 ގޯލު ޖަަހައިފަ އެވެ.
ދެ ވަނަ ހާފުގައި ސިޓީން އިތުރު ދެ ގޯލު ޖެހިއިރު، މި ހާފުގެ ފުރަތަމަ ގޯލަކީ 55 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ރިޔާދު މާރޭޒް ޖެހި ގޯލެކެވެ. މިއީ ސިޓީގެ އައިމެރިކް ލަޕޯޓް އަށް ކޯޕެންހާގެން ކުޅުންތެރިން ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. ސިޓީގެ ފަހު ގޯލު ޖެހީ ބަދަލަކަށް ކުޅެން އެރި ހޫލިއަން އަލްވަރޭޒް އެވެ. މެޗުގެ 76 ވަނަ މިނިޓްގައި އަލްވަރޭޒް މި ގޯލު ޖެހީ މާރޭޒް ދިން ބޯޅައަކުންނެވެ.
ގްރޫޕް ޖީގެ އެއް ވަނައިގައި ސިޓީ .އޮތީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ރޭ ސެވިއްޔާ އަތުން 4-1 އިން މޮޅުވި ބޮރޫޝިއާ ޑޯޓްމަންޑް އެވެ. ޑޯޓްމަންޑަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ސެވިއްޔާ އާއި ފުލުގައި އޮތް ކޯޕެންހާގެން އަށް ލިބިފައިވަނީ ތިން މެޗުން ޕޮއިންޓެކެވެ.












