ދުބާއީ މަގުން ރާއްޖެ އެތެރެ ކުރަން މަސައްކަތް ކުރި 10 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސްއިން ބުނީ މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ އައި ޕާކިސްތާނު ފަސިންޖަރެއްގެ އަތުން މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވިގެން އޭނާ ލަގެޖު ބަލާ ފާސްކުރުމުން، ފެނުނު ތަކެތި ހެރޮއިން އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
މި ތަކެތީގެ ބަރުދަނުގައި 10 ކިލޯ ހުރިިއިރު، މަގުމަތީ އަގު 12 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.
މި މައްސަލައިގައި މަސްތުވާތަކެތި އެތެރެ ކުރަން މަސައްކަތް ކުރި ކަމުގެ ތުހުމަތުވަނީ އުމުރުން 48 އަހަރުގެ ފިރިހެނެކަށެވެ.
އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.













