ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން ސްޓެލްކޯއަށް ދައްކަން ޖެހޭ 80 މިލިއަން ރުފިޔާ ހުރި ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މިކަން ސްޓެލްކޯގެ އެމްޑީ އަހުމަދު ޝަރީފް, އިއްޔެ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ވެސް ވަނީ ފާހަގަކުރައްވާފަ އެވެ.
އޭގެ ތަފްސީލް ދެއްވަމުން ސްޓެލްކޯގެ އޮފިޝަލަކު "އަދަދު" އަށް ވިދާޅުވީ ސްޓެލްކޯއިން ޕީއެސްއެމަށް ކަރަންޓު ފޯރުކޮށްދެމުންދާ 22 މީޓަރެއް ހުރިއިރު، 2019 ވަނަ އަހަރުގެ މާޗު މަހާ ހަމައަށް ގަވާއިދުން ދައްކަމުން ދިޔައީ އެންމެ މީޓަރެއްގެ ބިލު ކަމަށެވެ.
އޭގެ ފަހުން ބިލު ނުދައްކާ މައްސަލަ ބޮޑުވެ، އިންސްޓޯލްމެންޓުގެ ގޮތުގައި ދައްކަން އެއްބަސްވީ ނަމަވެސް އެ ކުންފުނިން އެ ގޮތަށް އަމަލު ކޮށްފައި ނުވާތީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ފިނޭންސް މިނިސްޓްރީއަށް އެކަން އަންގާފައިވާނެ ކަމަށެވެ.
"މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ސްޓެލްކޯއަށް ދައްކަން ޖެހޭ 12 މިލިއަން ރުފިޔާ އެ ކުންފުންޏަށް ފިނޭންސް މިނިސްޓްރީން ހަމަޖައްސައިދިން، އެހެންނަމަވެސް އޭގެ ތެރެއިން ދައްކާފައިވަނީ އެންމެ އަށް މިލިއަން ރުފިޔާ،" އޭނާ ވިދާޅުވި އެވެ.

މިހާތަނަށް ޕީއެސްއެމުން ސްޓެލްކޯއަށް ދައްކަން ޖެހޭ ޖުމްލަ ފައިސާގެ އަދަދު 80.8 މިލިއަނަށް އަރާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ކޮމެންޓެއް ހޯދާލުމަށް ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު ވިދާޅުވީ އެއީ ތެދު ވާހަކައެއް ކަމަށެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް އޭނާ ދެއްވާފައި ނުވެ އެވެ.












