ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމާ ގުޅުވާ އެ ދާއިރާއަށް ދިރާގުން ދެމުން އަންނަ އެހީތެރިކަން ފާހަގަކޮށް ދެ އެވޯޑެއް ދީފި އެވެ.
ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގައި ދިރާގުން ކޮށްދީފައިވާ ހިދުމަތްތައް ފާހަގަކޮށް އެ ކުންފުންޏަށް ދީފައިވާ ދެ އެވޯޑަކީ ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި މި މަހުގެ ތިންވަނަ ދުވަހު ބޭއްވި ހަފުލާއެއްގައި ރާއިސް ސޯލިހު ދެއްވި ފަތުރުވެރިކަމުގެ ރަން އެވޯޑު އަދި މަޓީގެ ފަރާތުން އަގު ވަޒަންކުރުމުގެ 'ފަތުރުވެރިކަމުގެ 50 އަހަރު' އެވޯޑެވެ.
މިކަމާ ގުޅިގެން ދިރާގުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ދެ އެވޯޑު ލިބުމަކީ އެ ކުންފުންޏަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.
"ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕާޓްނަރުގެ ހައިސިއްޔަތުން، ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ މި ދާއިރާ އިތުރަށް ކުރިއަރުވާ ތަރައްގީކޮށް ޒަމާނީ އައު ބަދަލުތަކެއް ދިވެހި ފަތުރުވެރިކަމަށް ގެނެސްދިނުމަށް" ދިރާގުގެ ބަޔާނުގައި ބުނެފައިވެ އެވެ.
ދިރާގުން އިތުރަށް ބުނީ ދިވެހިރާއްޖޭގައި ފަތުރުވެރިކަން ކުރިއެރުވުމަށް އެ ކުންފުނިން ވެފައިވާ ހިއްސާ އަގުވަޒަންކޮށް ދިން އެވޯޑުތަކަށް ސަރުކާރާއި އެ ސިނާއަތަށް ޝުކުރުއަދާކުރާ ކަމަށެވެ.













