މާފުށީ ޖަލުގައި ޑިއުޓީއަދާ ކުރަމުން ދިޔަ ކަރެކްޝަންސްގެ އޮފިސަރެއް ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.
ރޭގެ ވަގުތެެއްގައި ނިޔާވެފައިވަނީ އުމުރުން ކ. މާފުށީ ފުންގިރި، އާދަމް ނައުޝާދެވެ. އޭނާ ނިޔާވިއިރު އުމުރަކީ 32 އަހަރެވެ.
މިކަމާ ގުޅިގެން ގުޅިގެން ކޮމިޝަނަ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ ޑިއުޓީގައި ހުއްޓައި ނައުޝާދުގެ މެޔަށް ތަދެއް އަރައިގެން، ހާލު ދެރަވާން ފެށުމުން، ރަށު ސިއްހީ މަރުކަޒަށް ގެންދެވުނު ކަމަށެވެ.
"ނައުޝާދު ނިޔާވީ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް،" އޭނާ ވިދާޅުވި އެވެ.
އޭނާ ނިޔާވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށާއި އިތުރު ސިއްހީ މައްސަލައެއް ނެތް ކަމަށް ވެސް ސިއްހީ މަރުކަޒާ ހަވާލާދީ އަހުމަދު މުހައްމަދުފުޅު ވިދާޅުވި އެވެ.

ނައުޝާދުގެ ޖަނަޒާ މިއަދުގެ ހުކުރު ނަމާދަށް ފަހު މާފުށީގައި އޮންނާނެ އެވެ.












