ހުޅުމާލޭގައި ގާއިމް ކޮށްފައިވާ ހާފްވޭ ހައުސް އަލުން ހުޅުވުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން އިއުލާން ކޮށްފި އެވެ.
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާދިނުމަށްޓަކާ، ހުޅުމާލޭގައި ގާއިމުކޮށްފައިވާ "ހާފްވޭ ހައުސް" ހުޅުވީ 2015ވަނަ އަހަރު އެވެ. އެއީ އިޓަލީގެ ޖަމިއްޔާއެއް ކަމަށްވާ "ކަރިޓާސް އިޓަލިޔާނާ"ގެ ދީލަތި އެހީއާއެކު ގާއިމުކުރި މަރުކަޒެކެވެ.
އެންޑީއޭން އެންމެ ފުރަތަމަ އެ ތަނަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކުރީ މިދިޔަ ޖޫން މަހު އެވެ. އެ އިއުލާން ބާތިލްކޮށް އިއްޔެ ވަނީ އެތަން އަލުން ހުޅުވުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފަ އެވެ.
އެ މުއްދަތު ހަމަވާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ.
މިތަން އަލުން ހުޅުވުމަށް ބޭނުންވާ ތަކެތި ހޯދަން އައުލާން ކޮށްފައި ވާއިރު، ޑިސެމްބަރު 31، 2011 ގައި އަމަލުކުރަން ފެށި ގާނޫނުގެ ދަށުން، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން 18 މަސް ދުވަހުގެ ތެރޭގައި ހަ ވައްތަރެއްގެ މަރުކަޒު އުފައްދަން ޖެހެ އެވެ.

- ޑިޓޮކްސިފިކޭޝަން ސެންޓަރު
- ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު
- ކުޑަކުދިންނަށް ހާއްސަ ޑްރަގް އެންޑް ޓްރީޓްމަންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރު
- އަންހެނުންނަށް ހާއްސަ ޑްރަގް އެންޑް ޓްރީޓްމަންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރު
- ހާފްވޭ ހައުސް
- ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރު
އެ ތަންތަން ހުޅުވާފައި ވަނީ:
- ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ (ކ.ހިންމަފުށި)
- ހާފްވޭ ހައުސް (ހުޅުމާލެ)
- ޑްރަގް ޓްރީޓްމެންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރ (ޏ.ފުވައްމުލައް)
- ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ (ސ.ހިތަދޫ)
- ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ (ގދ.ތިނަދޫ)
- ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ (ހދ.ހަނިމާދޫ)













