ރިޔާސީ ޓިކެޓުގެ ޝައުގު؟ މޭޔަރު ކަމަށް ވުރެ "ބޮޑު" މަގާމެއް މުއިއްޒަކަށް މިވަގުތު ނެތް

މޭޔަރު މުއިއްޒު "އަދަދު" އަށް އިންޓަވިއު ދެއްވަނީ--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މޭޔަރު މުއިއްޒު "އަދަދު" އަށް އިންޓަވިއު ދެއްވަނީ--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ދައުރު މެދު ތެރެއިން މޭޔަރު ކަން ދޫކޮށްލައި، އެހެން މަގާމަކަށް ދިއުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅުގެ ކެންޑިޑޭޓް ޔާމީން އަބްދުލްގައްޔޫމަށް ވާދަނުކުރެއްވޭނެ ގޮތަށް މެދުވެރިވެދާނެ ހާލަތަކަށް މުއިއްޒު ތައްޔާރަށް ހުންނެވި ކަމަށާއި އެކަމުގެ ސަބަބުން ޕީޕީއެމްގެ ތެރޭގައި ހިޔާލުތަފާތުވުންތައް އުފެދިފައިވާ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.

އެހެންނަމަވެސް މުއިއްޒު "އަދަދު" އަށް ދެއްވި އިންޓަވިއުގައި މި ވާހަކަތައް ވަނީ ދޮގުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އެފަދަ އެއްވެސް ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ.

"ތި ސުވާލަކީ އަޅުގަނޑުގެ ހިތަށް ދުވަހަކު ވެސް އަންނަ ސުވާލެއް ނޫން،" ޔާމީނަށް ކުރިމަތިނުލެވޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެކަމަށް ޝައުގުވެރިކަން ހުރިތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑަކީ ރައީސް ޔާމީން އޭރުގައި ވެސް ހަވާލުކުރެއްވި މަސައްކަތް [ކުރި މީހެއް]، މިހާރު މިހުރީ މާލެ ރައްޔިތުން ހަވާލުކުރި މަސައްކަތް ކުރަން އައިސް، ދެން އަޅުގަނޑުގެ މަސައްކަތަކީ މިކަމުގައި ވީހާ ވެސް ބޮޑަކަށް އަޅުގަނޑާ މަތިކޮށްފައި މިއޮތް ޒިންމާގެ ތެރެއިން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުން،" މުއިއްޒު ވިދާޅުވި އެވެ.

"އިތުރު އެއްވެސް ޒިންމާއެއް އަދި އިތުރު އެއްވެސް ކަމަކަށް ވިސްނަން ވެސް ޖެހޭ މީހެއް ނޫން އަޅުގަނޑަކީ،"

މުއިއްޒު އިތުރަށް ވިދާޅުވި ގޮތުގައި ޔާމީންގެ މައްޗަށް މިހާރު އުފުލާފައިވާ ދައުވާއިން ސަލާމަތްވެ، އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ އެވެ.

"ތާކުންތާކުން ނުޖެހޭ ޝަރީއަތްތަކެއް މިހާރު ހިނގަނީ، އެކަމުގައި އެއްވެސް ސުވާލެއް ނެތް، އިރާދަކުރެއްވިއްޔާ އިންސާފުވެރި ހުކުމަކާއެކު އެމަނިކުފާނު މިނިވަންކޮށް ހުންނަވާނީ،" އޭނާ ވިދާޅުވި އެވެ.

ދައުވާތަކުގެ ހިޔަނި

ދެހާސްތޭވީސް ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިދިޔަ އަހަރާ ހަމައަށް ޔާމީނަށް އޮތީ ބަންދުވެފަ އެވެ. ނަމަވެސް، 2021 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ ޔާމީންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކަނޑައަޅައި، އެމަނިކުފާނު މިނިވަން ކުރައްވައިފަ އެވެ.

އޭގެ ފަހުން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ރިޔާސީ ޓިކެޓު ވަނީ ޔާމީނަށް ރަސްމީކޮށް އަރުވާފަ އެވެ. އެ ޓިކެޓް ޔާމީން ގަބޫލުކުރައްވާފައިވާއިރު، 2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެމަނިކުފާނަށް މިވަގުތު އެއްވެސް ހުރަހެއް ނެތެވެ.

ނަމަވެސް، ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ ރ. ފުއްގިރިއާއި، ވ. އާރަށް ވިއްކާލައިގެން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތު ޔާމީންގެ މައްޗަށް ދައުލަތުން ކުރާއިރު، އެ ދެ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެ އެވެ.

ފުއްގިރި މައްސަލާގައި ދައުލަތުން ޔާމީންގެ މައްޗަށް ތުހުމަތުކުރަނީ، ފުއްގިރި، ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއަށް ކުއްޔަށް ދޫކުރުމުގައި އަހުމަދު "ކްރިކް" ރިޒާ މެދުވެރިކޮށް 2015 ވަނަ އަހަރު، 1.3 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނެގި ކަމަށެވެ.

އަދި އެ ފައިސާގެ ތެރެއިން 1.1 މިލިއަން ޑޮލަރު މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ދެ ކުންފުންޏެއް މެދުވެރިކޮށް ޔާމީންގެ ބޭންކް އެކައުންޓަކަށް ޖަމާކޮށް، ރިޝްވަތު ގަބޫލުކޮށްފައިވާ ކަމަށް ވެސް ދައުވާގައި ބުނެ އެވެ.

އާރަށް މައްސަލާގައި ކުރާ ދައުވާގައި ބުނަނީ ރިސޯޓެއް ގޮތުގައި ތަރައްގީ ކުރުމަށް އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށެވެ.

އެ ދެ މައްސަލަ ވެސް މިއަހަރުގެ ތެރޭގައި ނިންމަން ކްރިމިނަލް ކޯޓުން އަމާޒު ހިފާފައިވާއިރު، އޭގެން އެއްވެސް މައްސަލައެއް ޔާމީނާ ދެކޮޅަށް ނިންމައިފިނަމަ، އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް ބަންދުވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox