ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރުގެ މައްޗަށް ދައުލަތުން އުފުލި އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާއަކަށް އޭނާ މިއަދު ކްރިމިނަލް ކޯޓުގައި އިއުތިރާފުވެއްޖެ އެވެ.
އެއް ޖިންސުން ގުޅުން ހިންގުމަށްފަހު އެ މަންޒަރު ވީޑިއޯ ކުރަމުންދިޔަ އަލަމްގީރުގެ ވީޑިއޯތައް ލީކުވީ މީގެ ތިން މަސް ކުރިންނެވެ. އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އޭނާއަށް މީގެ ކުރިން ހަތް މަސް ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ.
މިއަދުގެ އަޑުއެހުން ކުރިއަށް ގެންދިޔައީ ސިއްރު މަޖިލީހެއްގަ އެވެ. މިއަދުގެ އަޑުއެހުމުގައި އަލަމްގީރު ކުށަށް އިއުތިރާފުވުމުން ދެން އޮންނާނީ އެ މައްސަލައިގައި ހުކުމް ކުރުމެވެ.
ވީޑިއޯތަކުގެ މައްސަލައިގައި އަލަމްގީރު ހައްޔަރު ކުރުމުން އޭނާ ވަނީ ކުށަށް އެއްބަސްވެ ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އަލަމްގީރުގެ ވީޑިއޯތަކުގައި ހިމެނޭ ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރާއި ފުލުހުންގެ ވަޒީފާއެއްގައި ހުރި މ.ރަތްމަންދޫ, ޖަވާހިރުވާދީ، އަބްދުއްރަހްމާނު ރަފީއު އަށް ވެސް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ މައްސަލައިގައި ނާޒިމް ތިން މަސް ދުވަހަށް ގޭގައި ބަންދު ކުރުމަށް ހުކުމް ކުރިއިރު ރަފީއުގެ މައްޗަށް އިއްވީ އެއް އަހަރާއި ދެ މަސް ދުވަހުގެ ޖަލު ހުކުމެކެވެ.











