'މިއަދާ ހަމައަށް ހިތާމަކުރަން... އިންސާފުވެރި ގޮތަކަށް ހުކުމްކޮށްދީ'

ނަޒާހާ, މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އޭނާގެ ފަހު ބަސް އިއްވަނީ: އިންސާފުވެރި ގޮތަކަށް ހުކުމްކޮށް ދިނުމަށް އެދުނު

ނަޒާހާ, މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އޭނާގެ ފަހު ބަސް އިއްވަނީ: އިންސާފުވެރި ގޮތަކަށް ހުކުމްކޮށް ދިނުމަށް އެދުނު

"އެ ދުވަހު އެކަން ހިނގައިދިޔައީ ބޭއިހްތިޔާރުގައި... މިއަދާ ހަމައަށް އެ ހިތާމަކުރަން, އަޅުގަނޑު އެދެނީ އިންސާފުވެރި ގޮތަކަށް ހުކުމް ކޮށްދީ,"

ހ. ބައިކަނޑިގޭ, މަރިޔަމް ނަޒާހާއަށް އެންމެ މަތީ ކޯޓު, ސުޕްރީމް ކޯޓުން ލިބުނު ތާރީހީ ފުރުސަތުގައި ފަހު ބަހެއްގެ ގޮތުން ބުނީ މިހެނެވެ.

ނަޒާހާގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވެ, އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ އޭނާގެ ކުރީގެ ފިރިމީހާ މއ. އެދުރުގޭ ހަސަން ޝާހިދު (ޝާޑު) މަރާލި މައްސަލާގަ އެވެ. އެ މައްސަލާގެ ޝަރީއަތް މިހާރު ސުޕްރީމް ކޯޓުގައި އޮތްއިރު, މިއަދު ވަނީ އެންމެ ފަހު އަޑުއެހުން މަތީ ކޯޓުގައި ބާއްވާފަ އެވެ.

އެގޮތުން އެންމެ ފަހު ބަހެއްގެ ގޮތުގައި ވާހަކަ ދައްކަން ލިބުނު ފުރުސަތުގައި ނަޒާހާ ބުނީ, އެ ދުވަހު ކަން ހިނގި ގޮތުން ވަރަށް ހިތާމަ ކުރާ ކަމަށެވެ. ކޮންމެ ގޮތަކަށް އޭނާ އާއި ޝާހިދާ ދެމެދު ކަންތައްތައް ދިމާވެފައިވީ ނަމަވެސް, އެގޮތަށް އޭނާ މަރުވެ ދިޔުމަށް ދުވަހަކު ވެސް ނޭދޭ ކަމަށެވެ.

"...އެ ދުވަހު ވެސް މިއަދު ވެސް... އެއީ އެ ދުވަހު ބޭއިހްތިޔާރުގައި ހިނގައިދިޔަ ކަމެއް... މިއަދާ ހަމައަށް ވެސް އަޅުގަނޑު ހިތާމަކުރަން," ނަޒާހާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ހުރިހާ ފަނޑިޔާރުންގެ ކިބައިން އެދެނީ އޭނާގެ ވަކީލު ފާހަގަ ކުރެއްވި ނުކުތާތަކަކަށް ރިއާޔަތްކޮށް, އިންސާފުވެރި ގޮތަކަށް ހުކުމް ނެރެދެއްވުމެވެ. އެއަށްފަހު, އޭނާގެ ފަރާތުން މައްސަލަ ނިންމާލަމުން ޝުކުރިއްޔާއެއް ބުނެ އިށީނެވެ.

ނަޒާހާގެ ވަކީލް މަރިޔަމް ނިހާޔަތު މިއަދު ޝަރީއަތުގައި އޭނާގެ ދިފާއުގައި ނަގަމުން އަންނަ, ކަންކަން ފާހަގަކުރައްވައި, ކުރިމިނަލް ކޯޓުގެ ހުކުމް ބާތިލްކޮށްދިނުމަށް އެދުނެވެ. އެގޮތުން, ނިހާޔަތު ވިދާޅުވި ގޮތުގައި ދަށު ކޯޓުގައި މައްސަލާގެ ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ އަދުލުވެރި ޝަރީއަތެއްގެ ހައްގު, ނަޒާހާއަށް ގެއްލޭ ފަދަ ގޮތަށެވެ.

އެގޮތުން, ނަޒާހާ ނެގި އަމިއްލަ ނަފުސުގެ ރައްކާތެރިކަމުގެ ދިފާއުއަށް ކޯޓުން ހުކުމް ކުރުމުގައި ރިއާޔަތްކޮށްފައި ނުވާ ކަމާއި އޭނާއަކީ ޝާހިދުގެ ފަރާތުން ގެވެށި އަނިޔާ ލިބެމުން ދިޔަ މީހެއް ކަމާއި އެ ވަގުތު އޭނާ ހުރީ ނަފްސާނީ ގޮތުން ރަނގަޅު ހާލަތެއްގައި ނޫންކަން ސާބިތުކުރުމަށް ނަޒާހާގެ ފަރާތުން ހުށަހެޅި ހެކިން ހާޒިރުކޮށްފައިނުވާކަން ވަކީލް ފާހަގަ ކުރެއްވި އެވެ.

ނިހާޔަތު ވިދާޅުވި ގޮތުގައި, ޝާހިދުގެ ފަރާތުން މެދުކެނޑުމެއް ނެތި ނަޒާހާއަށް ގެވެށި އަނިޔާތައް ލިބެމުން ދިޔަ އެވެ. އެކަން ގިނަ ބަޔަކަށް އެނގޭ ކަމާއި އާންމު ތަންތަނުގައި ވެސް އެކަން ހިނގާފައިވާ ކަމެވެ. އަދި އެމީހުންގެ ފިރިހެން ދަރިފުޅު ކުރިމަތީގައި ވެސް ނަޒާހާއަށް ޝާހިދު އަނިޔާކުރުމުގެ ސަބަބުން ދަރިފުޅަށް ފިޓް ވެސް ޖެހިފައިވާ ކަމަށެވެ.

ޝާހިދު މަރުވި ދުވަހު ވެސް ނަޒާހާއަށް ފޯނުން ގުޅައި, އިންޒާރުތަކެއް ދީފައިވާ ކަމާއި އޭނާ ބަޔަކު ގޮވައިގެން އެ ގެއަށް އައިސް, ގޭ ތެރޭން އެއްޗެއް ހޯދަން އުޅުމުން, އެއީ އޭނާއަށް އަނިޔާ ކުރުމަށް ކޮންމެވެސް އެއްޗެއް ހޯދަނީކަން ނަޒާހާއަށް އެނގުނު ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ. އެހެންވެ, އޭގެން ދިފާއުވުމަށް ވަޅިއަކުން ޝާހިދުގެ ބުރައްކައްޓަށް ހަމަލާދެވުނީ, ބޭއިހްތިޔާރުގައި އަމިއްލަ ނަފުސުގެ ދިފާއުއަށް ކަމަށް ވަކީލް ވިދާޅުވި އެވެ.

ޝާހިދަށް ހަމަލާ ދެވުނު ކަމަށް, ނަޒާހާ އެއްވެސް އިރަކު އިންކާރު ނުކުރާ ކަމާއި ނަމަވެސް, އޭގެ ވަށައިގެންވާ އެހެން ކަންކަމަށް ދައުލަތުން ރިއާޔަތް ކުރަން ޖެހޭނެ ކަމަށް ވަކީލް ވިދާޅުވި އެވެ. އެގޮތުން, ކުށް ކުރި ކަމަށް, އެއީ ކޮންމެ ހާލަތެއްގައި ހުރެ ވެސް މީހަކު އެއްބަސްވެއްޖެނަމަ, ދައުލަތުން ހަމައެކަނި ހިފަން ޖެހޭނީ އެކަމުގައި ނޫން ކަމަށާއި, ނަޒާހާގެ ހައްގު ދިފާއުކޮށްދޭން ޖެހޭނީ ވެސް ހަމަ ދައުލަތުން ކަމަށް ނިހާޔަތު ވިދާޅުވި އެވެ.

އެގޮތުން, ނަޒާހާއަށް ވެސް އިންސާފު ލިބެން ޖެހޭ ކަމަށާއި އޭނާގެ ނަފްސާނީ ހާލަތަށާއި ލިބެމުން ދިޔަ އަނިޔާއަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަށެވެ. އޭގެ ބަދަލުގައި ނަޒާހާ އުޅެމުން ދިޔަ އަނިޔާވެރި މާހައުލުގެ ވާހަކަ އޮއްބާލައި, ޝާހިދާ އެކު ނަޒާހާގެ އޮތީ ރަނގަޅު ގުޅުމެއް ކަމަށް ދެއްކުމަށް ދައުލަތުން މަސައްކަތް ކުރުމަކީ, ނިހާޔަތު ވިދާޅުވި ގޮތުގައި އޭނާ އިއުތިރާޒު ކުރާ ކަމެކެވެ. ދެ މީހުންނަށް ލިބިފައިވާ ދަރިފުޅަށްޓަކައި, ނަޒާހާ ޝާހިދާ ވާހަކަ ދެއްކުމަކީ އެ ދެ މީހުންގެ ދެމެދުގައި އޮތް ގުޅުން ރަނގަޅު ކަމަށް ދޭހަކޮށްދޭ ކަމެއް ނޫން ކަން ނިހާޔަތު މިއަދު ވެސް ފާހަގަކުރެއްވި އެވެ.

ނިހާޔަތު ވިދާޅުވި ގޮތުގައި, ނަޒާހާގެ މައްޗަށް އޮތް ހުކުމް ބާތިލް ކުރުމަށް ސުޕްރީމް ކޯޓުގައި އެދޭއިރު, އެކަން ނުވާނަމަ, އެންމެ ކުޑަ މިންވަރެއްގެ ގޮތުން މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް އަންގަން ޖެހޭ ކަމަށް އޭނާ އެދެ އެވެ. ނަމަވެސް, ނިހާޔަތު ފާހަގަ ކުރައްވާ ގޮތުގައި, އަލުން މައްސަލަ ބެލުމަށް އެންގިޔަސް, އެކަމުގައި ދައުލަތުގެ އަދި އާންމު މަސްލަހަތެއް ވެސް މިހާރު ނެތް ކަމެވެ.

އެއީ, ނަޒާހާގެ މައްޗަށް 25 އަހަރުގެ ހުކުމެއް އޮތްއިރު މާފުކުރި ފަސް އަހަރާއެކު, އޭނާ މިހާރު ވެސް 17 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކޮށްފައިވާތީ އެވެ. އެހެންކަމުން, މައްސަލަ އަލުން ބަލައި, އެ ވަސީލަތްތަކާއި ވަގުތު ހޭދަކުރުމުގެ ބޭނުމެއް އޮތް ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް ނިހާޔަތު ވިދާޅުވި އެވެ.

ނަޒާހާގެ ފަރާތުން މި ހުރިހާ ވާހަކައެއް, ކުރީގެ ގާޒީ އަދި ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލް ދައްކަވަމުން ދިޔައިރު, ނަޒާހާ އިނީ ފެންކަޅިވެފަ އެވެ. ދޭތެރެ ދޭތެރޭން ޓިޝޫއަކުން ކަރުނަ ފުހެލަ އެވެ.

"ކޮންމެ ނަފްސާނީ ކަމަކީ ދިފާއުއެއް ނޫން"

ނަޒާހާގެ ފަރާތުން ފާހަގަކުރާ ކަންކަމަށް, ދައުލަތުން ވެސް މިއަދު ވަނީ ފަހު ބަހެއްގެ ގޮތުން ރައްދުދީފަ އެވެ. އެގޮތުން, ދައުލަތުގެ ވަކީލް ފާހަގަކުރެއްވި ގޮތުގައި މި މައްސަލާގައި ދައުލަތުން ސާބިތުކޮށްދޭން ޖެހޭ ކަމަކީ, ގަސްތު މަރެއްގެ ނިޔަތް ކަމަށެވެ. ނިޔަތަކީ ބޭރު ފުށުން ފެންނަން ހުރި ކަންކަމުގެ މައްޗަށް ސާބިތުކުރާ އެއްޗެއް ކަމާއި އެގޮތުން, މިފަދަ މައްސަލަތަކުގައި އެއީ ހަތިޔާރު ފަދަ ތަކެތިން ސާބިތު ކުރާ އެއްޗެއް ކަމެވެ.

ޝާހިދަށް ނަޒާހާ ހަމަލާދީފައިވަނީ ބުރައްކައްޓަށް ތޫނު ވަޅިއަކުން ކަމަށާއި އެ ވަޅީގެ ތިލަ އެއްކޮށް ހަރާލި ކަމަށް ނަޒާހާ, ތަހުގީގު ބަޔާނުގައި ބުނެފައިވާ ކަަމަށް ވަކީލް ވިދާޅުވި އެވެ. އެގޮތަށް މީހަކަށް ހަމަލާދޭއިރު, މީހަކު މަރުވެދާނެ ފަދަ ޒަހަމެއް ލިބިދާނެކަން ނަޒާހާއަށް އެނގޭނެ ކަމަށާއި އެހެންކަމުން, މިކަމުގައި ނަޒާހާގެ ނިޔަތް އޮތްކަން ސާބިތުވާ ކަމަށެވެ.

އެ ހާދިސާ ހިނގި ވަގުތު ނަޒާހާގެ ބުއްދީގައި އުނި ކަމެއް ނެތް ކަމަށާއި, އެފަދަ ކަމެއް އޭނާގެ ފަރާތުން ހުށަހަޅައި, ސާބިތުކޮށްދެވިފައިނުވާ ކަމަށް ވެސް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި, މީހަކު މަރުވެގެން ގޮސްފައިވާ މައްސަލައެއްގައި ދިފާއުތަކެއް ނަގާނަމަ, އެކަމެއް ސާބިތުކޮށްދިނުމުގެ ބުރަ ވަރަށް ބޮޑަށް ދައުވާ ލިބޭ މީހާގެ މައްޗަށް އޮންނާނެ އެވެ.

ނަމަވެސް, ނަޒާހާ ނެގި އެއްވެސް ދިފާއުއެއް އެގޮތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅުނުއިރު އަމަލު ކުރަމުން ދިޔަ, ގާނޫނުލްއުގޫބާތުގައި އަމިއްލަ ނަފުސުގެ ދިފާއު ނެތްކަން ފާހަގަ ކުރައްވަމުން, ވަކީލް ވިދާޅުވީ, އެ ދިފާއު އޮތް ކަމަށް ބެލިޔަސް އެކަން ނަޒާހާއަށް ސާބިތުކޮށް ނުދެެވޭ ކަމަށެވެ.

ނަޒާހާ އުޅެ ބޮޑުވި މާހައުލާއި ވެށީގެ ގޮތުން އޭނާގެ ނަފްސާނީ މައްސަލަތަކެއް އޭނާގެ ހުރުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށާއި ޖިނާއީ ގިނަ މައްސަލަތަކުގެ އަސްލަކީ އެފަދަ އިޖުތިމާއީ މައްސަލަތައްކަން ވަކީލް ވިދާޅުވި އެވެ. އެހެނަަސް, ކޮންމެ ނަފްސާނީ މައްސަލައަކީ, ނުވަތަ ކަމަކީ އެެއީ ޖިނާއީ މައްސަލައެއްގައި ލިބޭނެ ދިފާއުއެއް ނޫން ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި, ނަފްސާނީ މައްސަލައެއް މީހެއްގެ ގައިގާ ހުރުމަކުން އެކަންޏެއް ނުފުދޭނެ އެވެ. އޭގައި ސާބިތުކޮށްދޭން ޖެހޭނެ ގިނަ ކަންތައްތަކެއް ހުންނާނެ އެވެ.

މީގެއިތުރުން ޕްރޮވޮކޭޝަން ނުވަތަ ކުށެއް ހިންގުމަށް ބާރުއެޅުމުގެ ދިފާއު ވެސް ނަޒާހާ ފާހަގަކުރެ އެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ, އެއީ ވެސް ބަލައިގަނެވޭ ކަމެއް ނޫން ކަމަށެވެ. އެގޮތުން, ޕްރޮވޮކޭޝަންއަކީ ވަރަށް ބޮޑަށް އެ ހާލަތު, ނުވަތަ އެ ވަގުތު ހިނގާނެ ކަމެކެވެ. ނަމަވެސް, އެ ރޭ ޝާހިދު އެ ގެއަށް އައީ ފޯނުން ގުޅައި ވާހަކަ ދެއްކުމަށްފަހު ކަމުގައިކަމުން "ކޫލިން" ވަގުތުކޮޅެއް ނަޒާހާއަށް ލިބުނު ކަމަށެވެ.

އެހެންކަމުން, ޕްރޮވޮކޭޝަނެއް އޮތް ކަމަކަށް ދައުލަތުން ގަބޫލެއް ނުކުރެ އެވެ. އެހެންވެ, ދައުލަތުން އެދުނީ, ނަޒާހާގެ މައްޗަށް އިއްވާފައިވާ ހުކުމް އެ ގޮތުގައި ދެމެހެއްޓުމަށެވެ.

އެހާ ހިސާބުން މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވިދާޅުވީ, މައްސަލާގައި ދެން އިތުރު ކަމެއް ސާފުކުރަން ނެތްނަމަ, އޮންނާނީ ހުކުމް އިއްވުމުގެ އަޑުއެހުމެވެ. މައްސަލާގައި ދެން ބެންޗުގައި ތިއްބަވަނީ, ފަނޑިޔާރު އައިޝާ ޝުޖޫން, ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު, ފަނޑިޔާރު އަލީ ރަޝީދު ހުސެއިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

ނަޒާހާގެ މައްޗަށް މަރުގެ ކުށް ސާބިތުވި ނަމަވެސް, އޭނާގެ މައްޗަށް ދަށު ކޯޓުން މަރުގެ ހުކުމް އިއްވާފައި ނުވަނީ ޝާހިދުގެ ވާރިސުންގެ ތެރެއިން އެންމެ މީހަކު ފިޔަވައި އެހެން މީހުން އެކަމަށް އިއުތިރާޒު ކުރުމުންނެެވެ. އެމީހުން ބުނެފައި ވަނީ މަރަށް މަރު ހިފަން ވެސް އަދި ނަޒާހާގެ ފަރާތުން މަރުގެ ދިޔަ ވެސް ބޭނުން ނުވާ ކަމަށެވެ. އެހެންވެ, ތައުޒީރީ އަދަބެއްގެ ގޮތުން އުމުރު ދުވަހުގެ (25 އަހަރު) ގެ ޖަލު ހުކުމެއް އިއްވީ އެވެ.

ކުރިމިނަލް ކޯޓުން 2011 ވަނަ އަހަރު ކުރި ހުކުމަށް ތާއިދުކޮށް ހައިކޯޓުން ނަޒާހާގެ މައްޗަށް ހުކުމް އައީ 2015 ވަނަ އަހަރު އެވެ. އޭރު އޮންނަ ގޮތުންނަމަ, ހައިކޯޓުގެ ހުކުމެއް އިސްތިއުނާފު ކުރަން ބޭނުންވާނަމަ, 60 ދުވަހުގެ ތެރޭ އެކަމަށް ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭނެ އެވެ. ނަމަވެސް, ނަޒާހާގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ހަ އަހަރު ފަހުން, މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭ އެވެ.

އެހެންވެ, އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމި އެވެ. އެކަމަކު, ރަޖިސްޓްރާގެ އެ ނިންމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ރިވިއުކޮށް، ތާރީހީ ނިންމުމެއްގެ ދަށުން އަދުލު އިންސާފު ފޯރުކޮށްދިނުމަށްޓަކައި ނަޒާހާގެ މައްސަލައަށް ހުއްދަ ދޭން ނިންމި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox