ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރާއެކު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް އެއްބަސްވެ، އެ ކުށަށް ތައުބާވެފައިވާ ގާނޫނީ ވަކީލު ނާޒިމް ސައްތާރު ހަތަރު މަަހަށް ގޭގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ނާޒިމް ސައްތާރުގެ މައްޗަށް އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ދައުވާ އުފުލީ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ.
އެއީ މީހަކާ އިނދެ ހުރެ ކުރި ކުށަކަށް ވާނަމަ، އެ ގާނޫނުގައިވާ ގޮތުން، އެ ކުށުގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމެވެ.
ކުށަށް އިއުތިރާފުވެ ދެން އެފަދަ ކުށެއް ނުކުރާނެ ކަމަށް ކުށަށް ތައުބާވެފައިވާތީ އާއި އެކަމަށް އޭނާ މައާފަށް އެދިފައިވާތީ, އަދަބު ލުއިކޮށް އެއް މަހާއި 28 ދުވަހުގެ ޖަލު ހުކުމަކަށް ކަނޑައެޅި އެވެ.
ޖަލު ހުކުމް ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދިފައިވާ އެދުމަށް ރިއާޔަތްކޮށް ތިން މަހާއި 26 ދުވަހަށް ގޭގައި ބަންދުކުރަން ހުކުމް ކުރެއްވި އެވެ.

ނާޒިމް ސައްތާރުގެ ކުށުގެ ރެކޯޑެއް ވެސް ނެތެވެ.
އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ޖޫން މަހުގެ ފަހުކޮޅު ވަނީ އާންމުވެފަ އެވެ. އޭގެ ތެރެއިން އެއް ވީޑިއޯއަކުން އަލަމްގީރާއެކު ފެންނަނީ ނާޒިމް އެވެ.
ނާޒިމްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ދައުލަތުން ވަނީ ދައުވާ އިއްވައިފަ އެވެ. އަދި ނާޒިމް ވަނީ ދައުވާގައި ހިމެނޭ އެއް ޖިންސުގެ މިހާކާއެކު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް އިއުތިރާފުވެފަ އެވެ.
ނާޒިމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅެވެ.
ނަޝީދު ވަނީ ނާޒިމް ހައްޔަރު ކުރުމާ ގުޅިގެން، އެއީ ސިޔާސީ ބޭނުމެއްގައި ވަކި ބަޔެއްގެ މައްސަލަ އެކަނި ބެލުމުގެ ތެރެއިން ކުރާ ކަމެއް ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
އަލަމްގީރަށް ކުރި ހުކުމް
އެ މައްސަލައިގައި ގިނަ އަދަދެއްގެ މީހުނާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފުވެފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރު ޝަރީއަތުގެ މަޖިލީހުގައި ތައުބާވުމުން އަދަބު ކުޑަކުރުމަށްފަހު އޭނާގެ މައްޗަށް ވަނީ ޖަލު ހުކުމެއް އިއްވާފަ އެވެ.
އަލަމްގީރްގެ އިއުތިރާފާއި ތައުބާއަށް ރިއާޔަތްކުރުމަށްފަހު އަދަބު ލުއި ކުރުމަށްފަހު މައްސަލަ ބައްލަވާ ގާޒީ އިއްވެވީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އަވަސް ނިޔާގައި މައްސަލަ އެއް ހަފުތާގެ ތެރޭ ކުރިމިނަލް ކޯޓުން މި ނިންމީ, އިއުތިރާފުވާ މައްސަލަތަކުގައި އެގޮތަށް އަމަލުކުރުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާތީ އެވެ.












