"ވާލްޑް ކްލީންއަޕް ޑޭ" އާ ގުޅިގެން ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން "ދުނިޔެ މަގޭ ކެމްޕޭނު"ގެ ނަމުގައި ހުޅުމާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވަން ނިންމައިފި އެވެ.
އެ ހަރަކާތް ކުރިއަށް ދާނީ މި މަހުގެ 17ވާ ހޮނިހިރު ދުވަހު އެވެ.
އެޗްޑީސީން ބުނީ އެ ހަރަކާތުގައި އެކި މުއައްސަސާތަކުންނާއި މިނިސްޓްރީތަކުން އަދި ސަރުކާރުގެ ގިނަ ކުންފުނިތަކުން ވެސް ބައިވެރިވާނެ ކަމަށެވެ.
ދުނިޔެ މަގޭ ކެމްޕޭނަކީ، ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި ތިމާވެށި ރައްކާތެރިކުރުމަށް ހޭލުންތެރިކުރުމުގެ ގޮތުން މިއަހަރު ތައާރަފުކޮށްފައިވާ ކެމްޕޭނެކެވެ.
އަދި މި ކޭމްޕޭނުގެ ދަށުން ތިމާވެއްޓަށް ގެއްލުންހުރި ކަންކަން ދެނެގަނެ ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް ހަމަޖެހިފައިވެ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެ އަހަރަކުވެސް "ވާލްޑް ކްލީންއަޕް ޑޭ" އާ ގުޅިގެން ސާފުކުރުމުގެ ހަރަކާތް ކުރިޔަށް ގެންދެ އެވެ.
އެގޮތުން މިފަހަރު މި ބާއްވާ ސާފުކުރުމުގެ ހަރަކާތަކީ "ވާލްޑް ކްލީން އަޕް ޑޭ" އާ ގުޅިގެން މާލެ ސަރަހައްދުގައި ކުރިޔަށް ގެންދެވޭ އެންމެ ބޮޑު ސާފުކުރުމުގެ ހަރަކާތް ކަމުގައި ވެގެންދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.












