ލަނޑާ ނަގާ ދޯންޏެއްގެ ތެރޭގައި 2019 ވަނަ އަހަރު އިސްމާއިލް ހައްމާދަށް ވަޅިން ހަމަލާދީ މޫދަށް އެއްލައިލި މައްސަލާގައި ދައުވާކޮށްފައިވާ އިސްމާއީލް އާސިފް 10 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ނޮވެމްބަރު 22، 2019 ގައި "ޖަރީ" ނަމަކަށް ކިޔާ ދޯނީގައި ރ. މަޑުއްވަރީ، ފެހިއަލި، ހައްމާދުގެ ބޮލަށާއި ވާތު ކޮލަށާއި ވާތު ކަންފަތަށާއި ވާތު އަތްތިލައާއި އެ އަތުގެ އިނގިލިތަކަށާއި ތުންފަތަށާއި ބުރަކައްޓަށް ވަޅި ހަރައި ޒަހަމްކޮށްލާފައިވެ އެވެ.
އެ މައްސަލާގައި ރ. މަޑުއްވަރީ، ބީޗްހައުސް، އާސިފްގެ މައްޗަށް ދައުލަތުން އުފުލީ މީހަކަށް ނުރައްކާތެރި ހާނީއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އެވެ.
ޝަރީއަތުގައި އާސިފް ވަނީ ކުށަށް އިންކާރުކޮށްފަ އެވެ.
ނަމަވެސް, ކުށް ސާބިތުކުރަން ދައުލަތުން ގިނަ ހެކިތަކެއް ހުށަހެޅި އެވެ. އޭގެ ތެރޭގައި މައްސަލައިގެ ތަހުގީގުގައި ބައިވެރިވި ފުލުހުންނާއި ގިނަ އަދަދެއްގެ ސިއްރު ހެކިން ވެސް ހިމެނެ އެވެ.

ހައްމާދު ބުނެފައިވަނީ އޭނައަށް ހަމަލާދިނީ އާސިފް ކަމަށާއި އޭނައަށް ހަމަލާ ދިނީ ދޯނީގެ ތެރޭގައި އުޅެނިކޮށް ދީނީ ގޮތުން ހިޔާލު ތަފާތުވެގެން އުފެދުނު ދެބަސްވުމެއްގެ ތެރެއިން ކަމަށެވެ. އެކަމަކު އާސިފް ބުނެފައިވަނީ އެ އަނިޔާތަކަކީ އާނުގަނޑެއް ފަދަ ތަނެއްގެ މައްޗަށް ހައްމާދު ވެއްޓުމުން ލިބިފައިވާ ޒަހަމްތަކެއް ކަމަށެވެ.
ދޯނީގެ އެކި ތަންތަނުގައި ލޭ ހުރިކަން ދައުލަތުން ހުށަހެޅި ހެކިން ބުނެފައިވެ އެވެ. އަދި ދޯނި ތެރެއިން ފެނުނު ލެޔާއި ހައްމާދުގެ ޑީއެންއޭއާ ދިމާވެ އެވެ. އާސިފްގެ އަތްތިލައިން ނެގި ސާމްޕަލް އިން ހައްމާދުގެ ޑީއެންއޭ ފެނެ އެވެ. ދޯނި ތެރެއިން ނެގި އިތުރު ސާމްޕަލްތަކުން ދެ މީހުންގެ ޑީއެންއޭ ފެެނެ އެވެ.
ޖަލު ހުކުމް އިއްވިއިރު، އާސިފް ހުރީ ވެސް އެ މައްސަލާގައި ބަންދުކޮށްފަ އެވެ. ޖަލުގައި ދެ އަހަރާއި އަށް މަހާއި 11 ދުވަސް ޖަލުގައި ހޭދަކޮށްފައިވެ އެވެ. އެހެންވެ ދެން ހުކުމުން ތަންފީޒުކުރަން ޖެހޭނީ ހަތް އަހަރާއި ތިން މަހާއި 10 ދުވަސް ކަމަށް ޝަރީއަތުން ވަނީ ކަނޑައަޅައިފަ އެވެ.
އެ މައްސަލާގައި އަނިޔާ ލިބުނު ހައްމާދަކީ ވެސް ކުށުގެ ރެކޯޑު އޮތް މީހެކެވެ. އޭނާގެ މައްޗަށް 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ކައިވެނީގެ ނަމުގައި ގުޅި ޖިންސީ ޝިކާރައަކަށް ހަދައި ބަލިވެ އިނދެ ވިހެއި މައްސަލާގައި ވެސް ދައުވާކޮށްފައިވެ އެވެ.
އޭގެ އިތުރަށް ހައްމާދުގެ މައްޗަށް ދީނީ ހަރުކަށި ފިކުރު ގެންގުޅޭ ކަމުގެ ތުހުމަތު ވެސް ކުރެވެ އެވެ. މީގެ ކުރިން ޖަލުގައި އޭނާ ހޭދަކުރި ދުވަސްތަކުގައި އެ ފިކުރުގެ ތެރެއަށް ވަދެގެން ދިޔައީ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވަނީ މަޖިލީހުގެ ކޮމިޓީއެއްގައި ވިދާޅުވެފަ އެވެ.













