މާލޭގެ ގެއެއް ކުއްޔަށް ދިނުމުގެ ހުއްދަ އެ ގޭގެ ވެރިފަރާތުން ދީފައިވާ ކަމަށް ލިޔެފައިވާ ސައްހަ ނޫން އެއްބަސްވުމެއް އުފައްދައި، އެ އެއްބަސްވުން ދައްކައިގެން މީހެއްގެ އަތުން ފައިސާ ނެގި މީހަކު މައްޗަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އެ މައްސަލާގައި ޓެކުމުގެ ކުށުގެ ދައުވާއެއް ދައުލަތުން އުފުލާފައިވަނީ ޅ. ހިންނަވަރު، އަންބަރީގެ އިބްރާހީމް ނާޒިދުގެ މައްޗަށެވެ. އެފަދަ އިތުރު މައްސަލަތަކާ ގުޅިގެން އޭނާގެ މައްޗަށް ދައުލަތުން ކުރާ އިތުރު ހަތް ދައުވާއެއްގެ ޝަރީއަތް ވެސް ކޯޓުގައި ކުރިއަށް ދެ އެވެ.
މިއަދު ނިންމި މައްސަލާގައި ދައުލަތުން ކޮށްފައިވާ ދައުވާގައި ބުނާ ގޮތުން މާލޭގެ ގެއެއްގެ ހަތަރުވަނަ ފަންގިފިލާގައި ހުންނަ ތިން ކޮޓަރީގެ އެޕާޓްމަންޓެއް އޭނާ ދެ އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފި އެވެ.
އެ އެޕާޓްމަންޓް ކުއްޔަށް ހިފާފައިވަނީ ދެ އަހަރުގެ ބަދަލުގައި 12 އަހަރު ދުވަހަށް ކަމަށް ދޭހަވާ ގޮތަށް ސައްހަ ނޫން އެއްބަސްވުމެއް އޭނާ އުފެއްދި ކަމަށް ދައުވާގައި ބުނެ އެވެ.
އެ އެއްބަސްވުން މީހަކަށް ދައްކައިގެން، ކުއްޔަށް ދޫކުރުމުގެ އެހެން އެއްބަސްވުމެއް ހަދުވާ އެ މީހަކު ސޮއިކޮށް އެ މީހާގެ އަތުން 456،000 ރ. ނަގާފައިވާ ކަމަށެވެ.

މި ދައުވާ ކުރިއިރު ވެސް އެ ފައިސާގެ ބައެއް އޭނާ ދައްކާފައިވީ ނަމަވެސް ބާކީ 266،000 ރ. އަދިވެސް ނުދައްކާ އޮތުމުން އެ އަދަދު ނަގައިދިނުމަށާއި، ގާނޫނުގައި އެ ކުށަށް އޮންނަ އަދަބު ކަނޑައަޅައިދިނުމަށް ދައުލަތުން އެދިފައިވެ އެވެ.
ގާނޫނުގައި މި ކުށަށް ކަނޑައަޅާފައިވާ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށެވެ.
ނަޒީދު ވަނީ މި ކުށަށް އިއުތިރާފު ވެފަ އެވެ. އަދި ޖަލު ހުކުމުގެ އަދަބު ޖޫރިމަނާއަށް ބަދަލުކޮށްދިނުމަށް އޭނާ އެދެ އެވެ. އޭނާ މިހާރު އުޅެނީ މަހަކު 15،000 ރ. ގެ މުސާރައެއް ލިބޭ ވަޒީފާއެއްގަ އެވެ. އޭގެ ލިޔެކިއުންތައް ވަނީ ޝަރީއަތަށް ހުށަހަޅައިފަ އެވެ.
މައްސަލަ ބެއްލެވި ގާޒީ އަލީ އާދަމް ކުރެއްވި ހުކުމުގައި ވަނީ ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކޮށްދީފަ އެވެ. އެ ގޮތުން އެއް އަހަރު ދުވަހުގެ ތެރޭގައި 96،216 ރ. މީރާއަށް ދެއްކުމަށެވެ. އަދި ބާކީ ނުދެވިވާ 266،000 ރ. ހަ މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓު މެދުވެރިކޮށް ދެއްކުމަށް އޭގައިވެ އެވެ.













