ގާނޫނީ ވަކީލު ކަމުގެ މަސައްކަތުގެ ބޭރުން ވެސް ވަކީލަކު ކުރާ ކުށަކާ ގުޅިގެން ބާ ކައުންސިލަށް މައްސަލަ ބެލޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހަޅައިފި އެވެ.
ގާނޫނީ ފަންނުގެ ގާނޫނުގެ 54 ވަނަ މާއްދާގައި ގާނޫނީ ވަކީލަކު އެ މަސައްކަތުގެ ބޭރުން ކުރާ އަމަލުތަކާ ގުޅިގެން ސުލޫކީ ފިޔަވަޅު ނޭޅެ އެވެ.
ގާނޫނީ ވަކީލަކާ ގުޅޭ ގޮތުން ސުލޫކީ މައްސަލައެއް ބާ ކައުންސިލަށް ހުށަހެޅެނީ ވެސް އެ ވަކީލަކާ ހަވާލުކުރާ މަސައްކަތަކާ ގުޅިގެން އެ ވަކީލަކު އަމަލު ކުރާ ގޮތެއްގެ ސަބަބުން ސުލޫކާ ހިލާފުވެއްޖެ ނަމަ އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ ހުށަހެޅުއްވި ބިލުގައި 54 ވަނަ މާއްދާ ވަނީ އިތުރަށް ތަފްސީލްކޮށް އަކުރުތަކަކަށް ބަހާލައިފަ އެވެ.
ބިލުގައި މާއްދާ އިސްލާހުކޮށްފައިވާ ގޮތް
މާއްދާގެ ފުރަތަމަ އަކުރުގައި ވަނީ ވަކީލު މަސައްކަތުގެ ތެރެއިން ކުރާ އަމަލެއްގެ އިތުރަށް ގާނޫނީ ފަންނުގެ އަސާސްތަކާއި އަދުލު އިންސާފު ގާއިމް ކުރުމުގެ ހަމަތައް ނެގެހެއްޓުމަށް ޓަކައި ގެންގުޅެން ވާނެ އުސޫލުތަކާ ހިލާފަށް އަދި ގާނޫނީ ފަންނުގެ އިތުބާރު ގެއްލޭ ފަދަ އަމަލެއް ކުރިއަސް މައްސަލަ ހުށަހެޅޭނެ ކަމަށެވެ.

އެ މާއްދާއަށް އިތުރުކޮށްފައިވާ ދެވަނަ އަކުރުގައި ވަނީ، ބާ ކައުންސިލަށް ވަކީލެއްގެ ޝަކުވާ ހުށަހެޅުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށެވެ. އަދި ބާ ކައުންސިލްގެ އަމިއްލަ އިސްނެގުމުގެ މަތިން ވެސް މައްސަލައެއް ބަލަން ފެށޭނެ ކަމަށެވެ.
މާއްދާއަށް ދެން އިތުރުކޮށްފައިވާ ތިންވަނަ އަކުރުގައިވަނީ، ވަކީލަކާ ގުޅިގެން މައްސަލައެއް ހުށަހަޅައިފި ނަމަ ބާ ކައުންސިިލުން ބަލަން ވާނީ މާއްދާގެ ފުރަތަމަ އަކުރުގައި ބަޔާން ކުރާ ފަދަ މައްސަލައަކަށް ވާނަމަ ކަމަށެވެ.
ކުރިން އޮތް ގޮތުން ދިމާވި މައްސަލަ
ގާނޫނު ކުރިން އޮތް ގޮތުން ވަކީލަކު ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވުނަސް އަދި އެފަދަ މައްސަލައެއްގައި ދައުވާ ކުރިއަސް އަދި އެފަދަ މައްސަލައެއްގައި ކޯޓަކުން ހުކުމް ކުރިއަސް ބާ ކައުންސިލަށް އެޅޭނެ ފިޔަވަޅެއް ނޯވެ އެވެ.
ދާދި ފަހަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރުގެ މައްޗަށް އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށުގައި ދައުވާ ކުރެވިގެން ބާ ކައުންސިލަށް ހުށަހެޅުނު މައްސަލައެއް ވެސް ނުބެލެވޭނެ ކަމަށް އެ ކައުންސިލުން ނިންމާފައިވެ އެވެ.
ބާ ކައުންސިލްގެ ރައީސް އިސްމާއީލް ވިޝާމް ވެސް ގަބޫލު ކުރައްވާ ގޮތުގައި ގާނޫނުގެ އެ މާއްދާ އޮތީ އަދި އެންމެ ރަނގަޅަކަށް ނޫނެވެ. އެހެންވެ އެ މާއްދާ އިސްލާހު ކުރުމަށް އެދި ކައުންސިލްގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އޭނާ މީގެ ކުރިން މި ނޫހަށް ވިދާޅުވެފައިވެ އެވެ.













