މީހުންގެ ހަށިގަނޑުގެ އެތެރެ ހުންނަ ގޮތް ކުރަހައިދޭ މެގްނެޓިކް ރިސޮނެންސް އިމޭޖިން (އެެމްއާރްއައި)ގެ އެންމެ ފަހުގެ އަދި އެންމެ ބާރުގަދަ ބާވަތް ކަމަށްވާ ތްރީ ޓީ މެޝިނެއް އޭޑީކޭ ހޮސްޕިޓަލުން ރާއްޖެއަށް ފުރަތަމަ ފަހަރަށް ގެނެސްފި އެވެ.
އޭޑީކޭގެ ޗެއާމަން އަހުމަދު ނާޝިދު ސޯޝަލް މީޑިއާގައި މިއަދު ލިއުއްވި ލިއުމެއްގައިވާ ގޮތުން އެ ހޮސްޕިޓަލަށް ގެނައީ "3ޓީ މެގްނެޓޯމް ލޫމިނާ" އެމްއާރްއައި މެޝިނެކެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ތާރީހުގައި ލިބުނު ބޮޑު ކާމިޔާބީ އެކެވެ.
އޭޑީކޭގެ އެމްއާރްއައި މެޝިން ރޭގެ ވަގުތެއްގައި ރާއްޖެއަށް ގެނައީ ގަތަރު އެއާވޭސްގެ ހާއްސަ ފްލައިޓެއްގަ އެވެ. އަގުބޮޑު އެެ މެޝިން މަތިންދާބޯޓުން ބާލައިގެން އޭޑީކޭއަށް ގެންދިއުމުގައި މާލޭސިޓީކައުންސިލާއި ފުލުހުން ދިން އެހީތެރިކަމަށް ޓަކައި އެ ދެ އިދާރާއަށް ނާޝިދު ޝުކުރު އަދާކުރެއްވި އެވެ.
ތްރީޓީ އެމްއާރްއައި މެޝިން ތައާރަފްކުރުމުގެ ކުރިން ހުރި އެންމެ ބާރުގަދަ އެމްއާރްއައި މެޝިން ތަކަކީ 1.5 ޓީ މެޝިންތަކެވެ. އެ މެޝިންތަކާއި ތްރީޓީ މެޝިންތަކާ ދެމެދު ހުންނަ އެންމެ ބޮޑު ތަފާތަކީ އެމްއާރްއައި ސްކޭންތައް އާދަޔާ ހިލާފަށް ސާފުވުމާއި ސްކޭންކުރެވޭލެއް އިންތިހާއަށް އަވަސްކަމެވެ. ކުރީގެ މެޝިިންތަކާ އަޅާ ބަލާއިރު މި ނޫންވެސް ގިނަ ފަސޭހަތަކެއް މި އާ މެޝިނުން ލިބޭނެ އެވެ.











