ޔޫއެންޑީޕީން ބަލާ އިންސާނީ ތަރައްގީގެ މިންގަނޑުތަކުން ރާއްޖޭގެ ރޭންކް މިދިޔަ އަހަރަށް ވުރެ ހަތް ދަރަޖަ މައްޗަށް ޖެހިލައިފި އެވެ.
ހިއުމަން ޑިވެލޮޕްމެންޓްމެންޓް އިންޑެކްސް ރިޕޯޓްގެ ނަމުގައި ޔޫއެެންޑީޕީން ކޮންމެ އަހަރަކު ނެރޭ ރިޕޯޓްގެ، މިއަަހަރުގެ އަދަދުގައިވާ ގޮތުން ރާއްޖެ މިހާރު އޮތީ 90 ވަނައިގަ އެވެ. އެއީ މިދިޔަ އަހަރު ރާއްޖެ ރޭންކްކޮށްފައި އޮތް 97 ވަނަ އަށް ވުރެ ހަތް ދަރަޖަ މަތީ ރޭންކެކެވެ.
ހިއުމަން ޑިވެލޮޕްމެންޓް އިންޑެކްސްގައި 2019 ވަނަ އަަހަރު ރާއްޖޭން އޭގެ ކުރީ އަހަރަށް ވުރެ ނުވަ ދަރަޖައިގެ ކުރިއެރުމެއް ހޯދި އެވެ. ހިއުމަން ޑިވެލޮޕްމެންޓް އިންޑެކްސްގައި 2018 ވަނަ އަހަރު 104 ވަނަ އަހަރު އޮތުމަށް ފަހު 2019 ވަނަ އަހަރު 95 ވަނައަށް އެރި އެވެ. އެހެން ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު ރާއްޖޭގެ އިގުތިސާދު ވެސް ދަށް ވުމުން 2020 ވަނަ އަހަރު 97 ވަނައަށް، ވެއްޓުނެވެ.
ހިއުމަން ޑިވެލޮޕްމެންޓް އިންޑެކްސްގައި ރާއްޖެ 90 ވަނަ އަށް އެރުމުން، ރާއްޖެއަކީ މިހާރު ހައި ޑިވެލޮޕްމެންޓް ކެޓަގަރީގައި ހިމެނޭ ގައުމެކެވެ. ދެކުނު އޭޝިއާ ސަރަހައްދުން މި ކެޓަގަރީގައި ދެން ހިމެނެނީ ރާއްޖެއަށް ވުރެ މަތީގައި 73 ވަނައިގައި އޮތް ސްރީލަންކާ އެވެ. އެހެން ގައުމުތައް ހިމެނުނީ ލޯ ޑިވެލޮޕްމެންޓް ކެޓަގަރީ ގަ އެވެ.
އިންސާނީ ތަރައްގީ ވަޒަން ކުރުމުގައި ޔޫއެންޑީޕީން ބަލަނީ މައިގަނޑު ތިން ކަމަކަށެވެ. އެއީ ދުޅަހެޔޮ ސިއްހަތެއް ލިބުމުގެ ފުރުސަތު އޮންނަ ވަރާއި އުގެނުމުގެ ފުރުސަތު އޮންނަ ވަރު އަދި އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު އޮންނަ މިންވަރެވެ.

އިންސާނީ ތަރައްގީގެ މި މިންގަނޑުތަކުން، ބަލާއިރު 1995 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް ރާއްޖޭން ވަނީ 28.4 ޕަސެންޓްގެ ކުރި އެރުމެއް ހޯދައިފަ އެވެ.











