ވިސާހު: ފެންފުށިން ނެޓްބޯޅަ އަށް ލިބުނު އަގުހުރި ޖަވާހިރެއް

ގައުމީ ނެޓްބޯޅަ ޓީމްގެ ޑިފެންޑަރު ވިސާހު މުހައްމަދު، އޭނާ އަކީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ކުރިއެރުމެއް ހޯދައި ގައުމީ ޓީމުން ޖާގަ ހޯދި ކުޅުންތެރިއެއް - ފޮޓޯ: އަދަދު ގްރެފިކްސް / މުހައްމަދު އިސާމް ސާމިރު

ގައުމީ ނެޓްބޯޅަ ޓީމްގެ ޑިފެންޑަރު ވިސާހު މުހައްމަދު، އޭނާ އަކީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ކުރިއެރުމެއް ހޯދައި ގައުމީ ޓީމުން ޖާގަ ހޯދި ކުޅުންތެރިއެއް - ފޮޓޯ: އަދަދު ގްރެފިކްސް / މުހައްމަދު އިސާމް ސާމިރު

އޭޝިއަން ނެޓްބޯޅަ ޗެމްޕިިއަންޝިޕުގެ 2022ގައި ރާއްޖޭގެ ފުރަތަމަ މެޗެވެ. ސިންގަޕޫރު ވާދަކުރާ މެޗުގެ ތިންވަނަ ކުއާޓާގައި ބާކީ ނުވަ މިނެޓަށް ވެފައި ވަނިކޮށް، އަނިޔާވީ ޓީމުގެ ޑިފެންޑަރު މަރިޔަމް ރަނާ އަށެވެ. މެޗުގައި އިތުރަށް ރަނާ އަށް ނުކުޅެވޭނެކަން އެނގުމާ އެކު ކޯޗު ނީޝާ ހަލީމް ކޯޓަށް އަރަން ފުރުސަތު ދިނީ ރާއްޖޭގެ ނެޓްބޯޅައިގެ މުޅިން އާ ނަމަކަށެވެ. ބައިނަލްއަގުވާމީ ކޯޓެއްގައި ފަޅި ސިކުންތެއްހާ ތަޖުރިބާ ވެސް ނެތް ކުޅުންތެރިއަކަށެވެ. ގައުމީ ޓީމަށް މި ފަހަރު މުޅިން އަލަށް ކުޅެން ފުރުސަތު ލިބުނު ވިސާހު މުހައްމަދު (ވިސާ) އަށެވެ.

"ރަނާ އިންޖަރީވެގެން ކުޅުނެ އަރަން ކޯޗު ބުނީމަ ކުޑަކޮށް ހުރީ ފިނިވެފައި. ދުވެފައި ގޮސް ކޯޓަށް އެރިއިރު ވެސް މޭ ތުރުތުރު އަޅަ އަޅާ ހުރީ. ފުރަތަމަ ހުރީ ދުއްވައިގަންނަން ވެސް ނޭނގިފައި. ހީވާ ކަހަލަ މިއުޅެނީ ހުވަފެނެއް ގައޭ" ބޮޑު މުބާރާތަކަށް އައިސް ފުރަތަމަ މެޗުގައި ކުޅެން އެރި ވަގުތު ކޮޅު ސިފަ ކުރަމުން ވިސާ ބުންޏެވެ.

މީގެ 10 މަސް ކުރި އެވެ. ވިސާ 27، އަކީ ގައުމީ ނެޓްބޯޅައިގެ މަގުބޫލު ނަމެއް ނޫނެވެ. ގައުމީ ސްކޮޑުގެ ކުޅުންތެރިއެއް ވެސް ނޫނެވެ. އާދައިގެ މަތިން ރަށް ރަށާއި އަތޮޅު ފެންވަރުގައި ކުޅެން ލިބޭ މުބާރާތްތަކުގައި ކުޅެ އުޅުނު ފެންފުށީގެ ޒުވާނެކެވެ.

"އައްޑޫގައި އޮތް މުބާރާތަކަށް ދިޔައީ އެކޮޅު ޓީމަކަށް ކުޅެން. ދެން އެތަނުން ދިމާވީ އެސޯސިއޭޝަނުގެ ކޯޗުންނާ. ފަޒޫ ކޯޗު މެން ބުނި ރަނގަޅަށް ކުޅޭ ވާހަކަ، ގައުމީ ސްކޮޑަށް ޖޮއިންކޮށްލަން އަންނަން. ދެން ހިތައް އެރި އަސްލު ރަނގަޅު ފުރުސަތަކަށް ވެސް ވެދޭނެ އޭ. ދާނީ އޭ ޓްރައިކޮށްލަން" ގައުމީ ސްކޮޑުން ފުރުސަތު ލިބުނު ގޮތް ވިސާ ކިޔައިދިނެވެ.

ވިސާ އަކީ ރަށު ފެންވަރުގަ އާއި އަތޮޅު ފެންވަރުގެ ތަރި އެކެވެ. ވޮލީ އާއި ހޭންޑްބޯޅަ ވެސް ބަރާބަރަށް ކުޅޭ ވިސާއަށް ރަށް ރަށުގައި ބާއްވާ މުބާރާތްތަކުން ނުލިބޭ ވަނައެއް ނެތެވެ. އެކި ރަށް ރަށުގެ ޓީމްތަކަށް ކުޅެން އޭނާ އަށް ފުރުސަތު ލިބެ އެވެ. އަހަރުގެ ބޮޑުބައި އޭނާ ހޭދަކުރަނީ ކުޅުމުގެ ތެރޭގަ އެވެ. ގިނަ ފަހަރު ރަށުން ބޭރުގަ އެވެ.

މާލޭގައި ތަމްރީން ހެދުން - އާ ތަޖުރިބާއެއް، އާ ބަދަލުތަކެއް

ގައުމީ ސްކޮޑުން ފުރުސަތު ލިބުނު ހިސާބުން އޭނާގެ ކުޅިވަރުގެ ވިސްނުމާ އެކު ކެރިއަރުގެ ގިނަ ކަންކަން މުޅިން ބަދަލުވި އެވެ. ތިން ކުޅިވަރަކަށް އޮތް ފޯކަސް އެއް ކުޅިވަރަކަށް ބަދަލުކޮށް މާލޭގައި ހުރެ ތަމްރީން ހަދަން ޖެހުނެވެ. ކުޅުމުގެ ސްޓައިލް ބަދަލުކޮށް އޭނާ ބުނާ ގޮތުން ނަމަ "މުޅިން އާ ގޮތަކަށް" ނެޓްބޯޅަ ކުޅެން މަޖުބޫރު ވި އެވެ.

"މާލޭގައި ފުރަތަމަ ސްކޮޑުގައި ފެށިއިރު ވިސާއަށް ވަރަށް އުނދަގޫވި. އެއީ މާލޭގައި ނޫނީ ގައުމީ ލެވެލްގައި ނެޓްބޯޅަ މި ކުޅެނީ މުޅިން ތަފާތުކޮށް. ޑިފެންސްކުރުމުގެ ބޭސިކް ވެސް ވަރަށް ތަފާތު. އަނެއްކާ ޕޮޒިޝަނިންއާ ކަންކަން ވެސް، ދެން ކޯޗު ކައިރީގައި އަހައިގެން ދަސްކޮށްގެން އަސްލު މިހާ ހިސާބަށް މި އާދެވުނީ" އޭނާ ބުންޏެވެ.

ވިސާހު (ކަނާތުން ފަސްވަނައަށް)، ގައުމީ ޓިމްގެ ކުޅުންތެރިންނާއިއެކު - ފޮިޓޯ : އަދަދު / އަބްދުﷲ އިޔާން
ވިސާހު (ކަނާތުން ފަސްވަނައަށް)، ގައުމީ ޓިމްގެ ކުޅުންތެރިންނާއިއެކު - ފޮިޓޯ : އަދަދު / އަބްދުﷲ އިޔާން

ވިސާހު (ކަނާތުން ފަސްވަނައަށް)، ގައުމީ ޓިމްގެ ކުޅުންތެރިންނާއިއެކު - ފޮިޓޯ : އަދަދު / އަބްދުﷲ އިޔާން

"އަޅުގަނޑު ކުރިން ހިތަށް އެރީ ގައުމީ ޓީމްގައި ތިބޭނީ ވަަރަށް ފޮނި ކުދިންނޭ. އެކުދިން މޮޅުވީމަ އަޅުގަނޑު ހުންނާނީ ބާކީވެފަ އޭ. ހުސް ނުދަންނަ މީހުންނޭ ތިބޭނީ. އެކަމަކު އެންމެން ވެސް ފުރަތަމަ ދުވަހު ވެސް ވަރަށް އެކުވެރި. ވަރަށް ކިޔައިދޭ، އެހީވޭ، ކޮންމެ ދުވަހަކީ ވެސް އެންމެންނާ އެކު ކުރެވޭ ތަފާތު އުފާވެރި ތަޖުރިބާއެއް" ގައުމީ ސްކޮޑާ އެކު މިދިޔަ އަށް މަސްދުވަހު ކުރިއަށްދިޔަ ތަމްރީންތަކާ ގުޅޭގޮތުން އޭނާ ބުންޏެވެ.

ވިސާ އަކީ ހުރިހާ ކުދިންނަށް ހުރި މިސާލެއް: ކޯޗު ނީޝާ

ނެޓްބޯލް އެސޯސިއޭޝަނާ ގުޅިގެން ރަށް ރަށުގައި ބާއްވާ މުބާރާތްތަކަށް އަބަދު ވެސް އެސޯސިއޭޝަނުގެ ކޯޗުން ނުވަތަ އޮފިޝަލުން ބައިވެރިވެ އެވެ. ޖެނުއަރީ މަހު އައްޑޫގައި އޮތް މުބާރާތަށް ކޯޗު ނީޝާ ދިޔައީ ގައުމީ ޓީމުގައި ތަފާތު ދައްކާނެ ހިތްވަރުގަދަ ކުޅުންތެރިއެއް ފެނިދާނެކަމަށް އުއްމީދުގަ އެވެ.

"އެ މުބާރާތުގައި ވިސާގެ ކުޅުން ފެނިފައި ހިތަށް އެރި މިއީ ޕޮޓެންޝިއަލް ހުރި ކުޅުންތެރިއެކޭ. ފުރުސަތު ދޭން ރަނގަޅޭ. އެހެންވެ މާލޭގައި ތަމްރީން ހަދަން ފުރުސަތު ދިނީ. އެ ދުވަހުވެސް ވިސާއާ ވާހަކަދައްކާލީމަ ހިތަށް އެރި އެބަހުއްޓޭ މިކަމަށް ވަރަށް ބޮޑު ޝައުގެއް" ކޯޗު ނީޝާ ބުންޏެވެ.

ފުރަތަމަ ދެ ތިން މަހު ވިސާގެ ކުޅުން ގައުމީ ކުޅުންތެރިންނާ އެއް ފެންވަރެއްގައި ނެތް ކަމުގައިވިޔަސް މަޑު މަޑުން އޭނާ ތަފާތު ދެއްކި އެވެ. ކޯޗުން ކައިރީގައި ރަނގަޅު ކުރަންވީ ކަންކަން އަހައިގެން އަމިއްލަ އަށް އިތުރު ވަގުތު ދީގެން، ވަކިން ތަމްރީން ހަދައި، ފިޓްނަސް ރަނގަޅުކޮށް، ކުޅުމުގެ ސްޓައިލް އެއްކޮށް ބަދަލުކޮށްލި އެވެ.

"ވިސާ އަކީ މިދިޔަ ފެބްރުއަރީ މަހުން ފަށައިގެން ޓީމު ފުރުމާ ހަމައަށް 100 ޕަސެންޓް އެޑެންޑެންސް އޮތް ހަމައެކަނި ކުޅުންތެރިޔާ، މިދިޔަ ހަތް މަހަށް ބަލާއިރު އެެންމެ ދުވަހެއްވެސް އެއްވެސް ސަބަބަކާ ހުރެ ޕްރެކްޓިހަށް ނައިސް ނުދޭ. ހުރިހާ ދުވަހަކުވެސް ގަޑިއަށް އަންނާނެ، ހީވާ ކަހަލަ ބައެއް ދުވަސް ދުވަހު ވިސާ ހުންނަނީ ޕްރެކްޓިސް ނުބާއްވައިގެންނޭ." ވިސާގެ ޝައުގުވެރިކަމާއި މި ކަމަށް ދޭ އަހަމިއްޔަތު ކިޔައިދެމުން ކޯޗު ނީޝާ ބުންޏެވެ.

ނީޝާ ގަބޫލުކުރާ ގޮތުގައި އަަބަދުވެސް މޮޅުވާން ބޭނުންވެ، އެކަމަށް މަސައްކަތް ކުރުމަކީ ވިސާ އަށް ކުރިއެެރުން ލިބުމުގެ އެންމެ ބޮޑު އެއް ސިއްރެވެ. އަބަދުވެސް ކަންކަން ދަސްކޮށް މީހާގެ ހުނަރު ތަރައްގީކުރަން ވިސާ ވަރަށް ބޮޑަށް މަސައްކަތް ކުރާކަން ކޯޗު ފާހަގަކުރި އެވެ.

ގައުމީ ޓީމާ އެކު ހުވަފެނީ ދުނިޔެ އެއްގައި

ގައުމީ ޓީމުގެ ފައިނަލު ސްކޮޑުން ފުރުސަތު ލިބުމާ އެކު ވިސާ އަށް ދޫކޮށްލެވުނީ ހަމަޖެހުމުގެ ނޭވާ އެކެވެ. އަށް މަސް ވަންދެން ވީ ގިނަ ގުރުބާނީ ތަކާއެކު މާލޭގައި ދިިރިއުޅެ، ތަމްރީން ހަދައި، ކުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނެސް ހޯދި ކުރިއެރުމުގެ ނަތީޖާ ލިބުމުން އޭނާ އަށް އިތުރު ހިތްވަރެއް ލިބުނެވެ.

ހިތްވަރާ އެކު ގަދައަޅާ މަސައްކަތްކުރާ މީހުންނަށް ކާމިޔާބު ލިބޭނީ ހީވެސް ނުކުރާ ކަހަލަ ގޮތަކަށެވެ. ސިންގަޕޫރުގައި މިހާރު ކުރިއަށްދާ އޭޝިއަން ޗެމްޕިއަންޝިޕުގައި މިހާތަނަށް ގައުމީ ޓީމް ކުޅުނު ހުރިހާ މެޗެއްގައި ވިސާ ކުޅުނެވެ.

ފުރަތަމަ މެޗުގައި ފުރުސަތު ލިބުނީ ރަނާ އަށް އަނިޔާވެގެން ފަހު ދެ ކުއާޓާގަ އެވެ. ދެ ވަނަ މެޗުގައި މުޅި މެޗުގައި އޭނާ ކުޅުނެވެ. ޖަޕާން އަތުން މޮޅުވިއިރު، މި މެޗުގައި ރާއްޖޭގެ ޑިފެންސް ލައިނުގައި ހުރެ މުހިންމު ބޯޅަތަކެއް ސަލާމަތް ކޮށްދިންވެ. އޭގެ ފަހުން ފިލިޕީންސް އާއި ބުރުނާއީއާ ދެކޮޅަށް ވެސް ރަނގަޅު ކުޅުމެއް ދެއްކި އެވެ.

ސިންގަޕޫރުގައި މިހާރު ކުރިއަށްދާ އޭޝިއަން ޗެމްޕިއަންޝިޕްގައި ވިސާ ކުޅެނީ
ސިންގަޕޫރުގައި މިހާރު ކުރިއަށްދާ އޭޝިއަން ޗެމްޕިއަންޝިޕްގައި ވިސާ ކުޅެނީ

ސިންގަޕޫރުގައި މިހާރު ކުރިއަށްދާ އޭޝިއަން ޗެމްޕިއަންޝިޕްގައި ވިސާ ކުޅެނީ

"ހަމަ ޑްރީމެއްގައި އުޅެވޭހެން ހީވަނީ. މުޅިން ތަފާތު މާހައުލެއް. ދުވަހަކު ވެސް ނުފެންނަ ފެންވަރުގެ ކުޅުންތެރިން މިތިބީ. އެމީހުންނާ ދެކޮޅަށް ކުޅެ ގައުމު ތަމްސީލްކޮށްލަން ލިބުމުން މިއީ ހަމަ ހުވަފެނެކޭ ބުނެވޭނީ." މުބާރާތުގެ ތަޖުރިބާ ހިއްސާ ކުރަމުން ވިސާ ބުންޏެވެ.

ނެޓްބޯޅަ ކުޅެގެން ގިނަ ވަނަތަކާއި މެޑަލްތަކެއް ވިސާއަށް މީގެ ކުރިން ވަނީ ލިބިފަ އެވެ. އަތޮޅު ފެންވަރުގައި އޭނާ ކުޅޭ މުބާރާތެއް ނިންމާފައި ހުސްއަތާ ގެއަށްދާ ހަނދާނެއް އޭނާގެ ނެތެވެ. އެ ހުރިހާ ކާމިޔާބީތަކަށް ވުރެން އޭނާ އަށް ގައުމީ ޓީމާ އެކު މި ކުރާ ތަޖުރިބާ މާ ހާއްސަ އެވެ. ހުރިހާ ގޮތަކުން ވެސް އޭނާ އަށް މިއީ ހުވަފެނީ ދުވަސްތަކަކެވެ.

މި ހިސާބަށް އާދެވުމުގައި އޭނާގެ އެންމެ ބޮޑު ޝުކުރެއް އޮތީ ނެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ފަޒުނާ އާއި މިހާރުގެ ކޯޗު ނީޝާ އަށެވެ. އެ ދެ ފަރާތުން މި ފުރުސަތު ނުދިންނަމަ މިހާރު ވިސާ ހުންނާނީ މިހާރު ކުރިއަށްދާ ރާއްޖެ އެޓޯލް ވޮލީބޯޅަ މުބާރާތް ކުޅެން ކޮންމެ ވެސް ރަށެއްގަ އެވެ.

ނެޓްބޯޅައިގެ މި އަހަރުގެ ތަޖުރިބާތަކަށް ފަހު ވިސާގެ ވިސްނުން މިހާރު ބަދަލުކުރަން މަޖުބޫރުވެއްޖެ އެވެ. ތިން ކުޅިވަރު ކުޅުމުގެ ބަދަލުގައި ބޮޑު ފޯކަސް އަކާއި އަހަމިއްޔަތު ކަމެއް ނެޓްބޯޅަ އަށް ދޭން އޭނާ ހުރި ނިންމައިގެންނެވެ. ހުއްޓާއި ނުލައި ކުރިއަށްދާން ބޭނުންވެފަ އެވެ. ކިތަންމެ ބޮޑެތި ގޮންޖެހުންތަކަކާ އެކު ވެސް މާލޭގައި ހުންނަން ނިންމައިގެންނެވެ. ނެޓްބޯޅައިގައި ހޯދެން އޮތް އެންމެ ބޮޑު ކާމިޔާބަށް އަޒުމް ކަނޑައަޅައިގެންނެވެ.

ހަގީގަތުގަވެސް ވިސާ އަކީ ރަށް ރަށުގައި އުޅޭ ކުޅިވަރު ކުޅުންތެރިންނަށް މިސާލެކެވެ. ލިބޭ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ކުރަން ދަސްކޮށްގެން ހުރި ދަރިވަރެކެވެ. އދ.ފެންފުށިން ނެޓްބޯޅައަށް ލިބުނު އަގުހުރި ޖަވާހިރެކެވެ. ކުޅިވަރުގެ ރަށަކުން ރާއްޖޭގެ ކުޅިވަރަށް ލިބުނު ނަމޫނާ ކުޅުންތެރިއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox