އަތޮޅުތެރޭގެ ގާއިމުކޮށްފައިވާ ރީޖަނަލް ހޮސްޕިޓަލުތަކުން އާސަންދައިގެ ހިދުމަތް ލިބުން މިހާރަށް ވުރެ ފަސޭހަ ކުރުމުގެ މަސައްކަތުގެ ދަށުން ކުޅުދުއްފުއްޓާއި އައްޑޫ ސިޓީގައި އާސަންދައިގެ ޑެސްކެއް ގާއިމުކޮށްފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ރަށުގައި ތިބެގެން އާސަންދައިގެ ހިދުމަތް ހޯދޭނެ ގޮތެއް ފަހިކޮށްދިނުމަށް ރަށްރަށުގެ ހޮސްޕިޓަލްތަކުންނާއި ކައުންސިލުތަކުން ވަރަށް ގިނައިން އެދޭ ކަމަށެވެ.
އެކަމަށް ހައްލެއް ހޯދައިދޭނެ ކަމަށް ސަރުކާރުން ވައުދުވެފައިވާކަން ފާހަގަކުރައްވައި މިއުވާން ވިދާޅުވީ، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އާސަންދައިގެ ޑެސްކެއް ގާއިމުކޮށް، ހޮސްޕިޓަލްތައް މެދުވެރިކޮށް އެ ޑެސްކުން ހިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.
"މިވަގުތު ހަމައެކަނި ކުޅުދުއްފުއްޓާއި އައްޑޫގައި ފެށުނު ކަމުގައިވީ ނަމަވެސް ސަރުކާރުގެ އަމާޒަކީ މުޅި ރާއްޖެއިން މި ހިދުމަތް ލިބޭނެ ގޮތް މެދުވެރިވުން،" މިއުވާން ވިދާޅުވި އެވެ.
މިއުވާން ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ދަށުން އާސަންދަ ފަދަ ހިދުމަތްތަކަކީ މާލޭގައި ހުންނަ އޮފީހުން ކުރުމުގެ ބަދަލުގައި ރަށުގައި ގާއިމްކޮށްފައި ހުންނަ އޮފީހަކުން ނުވަތަ ރަށު ރައްޔިތުން އަތްފޯރާ ހިސާބެއްގައި ހުންނަ އޮފީހަކުން ފޯރުކޮށްދޭ ހިދުމަތަކަށް ވެގެންދިއުމަކީ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.














