އެއް ޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ގާނޫނީ ވަކީލު ނާޒިމް ސައްތާރުގެ ވަކީލު ކަމުގެ ހުއްދަ ބާތިލް ކުރަން އެދި ބާ ކައުންސިލަށް ހުށަހަޅާފައިވާ ސުލޫކީ މައްސަލަ ބެލެން ނެތް ކަމަށް އެ ކައުންސިލުން ނިންމައިފި އެވެ.
ނާޒިމްގެ ސުލޫކީ މައްސަލައެއް ބާ ކައުންސިލަށް ހުށަހެޅީ މިދިޔަ ޖުލައި މަހުގެ ހަވަނަ ދުވަހުގަ އެވެ. އެ މައްސަލައާ މެދު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން ގޮތެއް ނިންމީ މީގެ ދެ ދުވަހެއް ކުރިންނެވެ.
ބާ ކައުންސިލްގެ ރައީސް އިސްމާއީލް ވިޝާމް މި ނޫހަށް ވިދާޅުވީ ނާޒިމްގެ މައްސަލަ ބެލެން ނެތީ ގާނޫނީ ފަންނުގެ ގާނޫނުގެ 54 ވަނަ މާއްދާގައި ގާނޫނީ ވަކީލަކު އެ މަސައްކަތުގެ ބޭރުން ކުރާ އަމަލުތަކާ ގުޅިގެން ސުލޫކީ ފިޔަވަޅު ނޭޅޭނެ ކަމަށް އޮތުމުންނެވެ.
"މި މައްސަލާގައި ވެސް މި ހިމެނެނީ ގާނޫނީ ވަކީލުގެ ލީގަލް ޕްރޮފެޝަން އަދި އެ މަސައްކަތުގެ ތެރެއިން ކޮށްފައި އޮތް ކަމެއް ނޫން، އެހެންވެ އެ މައްސަލަ ބެލެން ނެތް ކަމަށް ކައުންސިލްގެ އެކްސްކޯ އިން ނިންމީ،" ވިޝާމް ވިދާޅުވި އެވެ.
ވިޝާމް ވެސް ގަބޫލު ކުރައްވާ ގޮތުގައި ގާނޫނުގެ އެ މާއްދާ އޮތީ އަދި އެންމެ ރަނގަޅަކަށް ނޫނެވެ. އެހެންވެ އެ މާއްދާ އިސްލާހު ކުރުމަށް އެދި ކައުންސިލްގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ އެކްސްކޯއަށް ވެސް އެ މައްސަލަ ކުރިން ފާހަގަ ވެފައި އޮތީ، އަޅުގަނޑުމެންގެ ވަކީލުން، ބާ ކައުންސިލްގެ މެންބަރުންނާއެކު އޮތް ކޮންފެރެންސްގައި އެ ކަމާ މަޝްވަރާ ކުރާނަން، ގާނޫނުގެ އެ މާއްދާއަށް ގެންނަން ޖެހޭ ބަދަލެއް ގެނައުމަށް،" ވިޝާމް ވިދާޅުވި އެވެ.
ނާޒިމްގެ މައްޗަށް ދައުވާ ކޮށްފައިވަނީ، އަލަމްގީރް ނަމަކަށް ކިޔާ ބަންގްލަދޭޝް މީހަކާ އެކު އެއް ޖިންސުން ގުޅުން ހިންގަނިކޮށް އާންމުވެފައިވާ ވީޑިއޯއާ ގުޅޭ މައްސަލާގަ އެވެ. ބިދޭސީ މީހާއާއެކު އިތުރު ބަޔެއް ފެންނަ އެހެން ވީޑިއޯތަކެއް ވެސް އާންމުވެފައިވެ އެވެ. ސާޅީހަށް ވުރެ ގިނަ މީހުން މީގައި ހިމެނޭއިރު، އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު "ކާނަލް" ނަޝީދު ވެސް ހިމެނެ އެވެ.
ނާޒިމްއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅެވެ. ނަޝީދު ވަނީ ނާޒިމް ހައްޔަރު ކުރުމާ ގުޅިގެން، އެއީ ސިޔާސީ ބޭނުމެއްގައި ވަކި ބަޔެއްގެ މައްސަލަ އެކަނި ބެލުމުގެ ތެރެއިން ކުރާ ކަމެއް ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
ނާޒިމް ސަައްތާރު މި ވަގުތު ހުންނެވީ ބަންދުން ދޫކޮށްލައިފަ އެވެ.













