މާލޭގައި އަލަށް ފަށާފައިވާ ބަސް ރޫޓަށް އުނދަގޫވާ ގޮތަށް ނުގަވައިދުން ޕާކުކުރާ ނަމަ ސްޓިކާ ޖަހާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ނުގަވައިދުން ޕާކު ކުރާ ނަމަ ސްޓިކާ ޖަހާނެ ކަމުގެ އިންޒާރު ފުލުހުން ދިން އިރު، އެ އިދާރާއިން ވަނީ އެފަދަ ވެހިކަލްތައް ޓޯކުރަން ޖެހިއްޖެ ހާލަތެއްގައި ޓޯ ކުރާނެ ކަމަށް ވެސް ބުނެފަ އެވެ. އަދި ފުލުހުން މިހާރު ދަނީ ނުގަވައިދުން ޕާކު ކުރާ ވެހިކަލްތަކުގައި ޕާކިން ވަޔަލޭޝަން ސްޓިކާ ޖަހަން ވެސް ފަށާފަ އެވެ.
މިނީ ބަހުގެ ހިދުމަތް ފެށީ މާލޭގެ ބައެއް މަގުތަކުގައި އުޅަނދު ޕާކު ކުރުން މަނާކޮށް، ޕާކު ކުރުމުގެ އިންތިޒާމްތަކަށް ބަދަލުތަކެއް ގެނައުމަށްފަހު އެވެ.
މާލޭގެ ތިން ރޫޓަކަށް މިނީ ބަސް ދަތުރުކުރާ ގޮތަސް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ސޯސަން މަގުގެ ރޫޓް އިން އަށް ތަނަކަށް ބަސް މަޑުކުރާނެ އެވެ. އަދި އަމީނީ މަގާއި އޯކިޑް މަގުގެ ރޫޓްގައި 18 ތަނަކަށް ބަސް މަޑު ކުރާނެ އެވެ.
މިނީ ބަހުގެ ހިދުމަތް ހޯދަން ފުރަތަމަ ދެ ހަފުތާގައި އެއްވެސް އަގެއް ދައްކާކަށް ނުޖެހޭނެ އެވެ. އެއަށްފަހު، ދަތުރަކަށް ނަގަން ނިންމާފައި ވަނީ 7ރ. އެވެ. ސްކޫލްތަކުގެ ދަރިވަރުންނާއި، 65 އަހަރުން މަތީގެ މީހުންނާއި، ތިން އަހަރުން ދަށުގެ ކުދިން އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މުޅިން ހިލޭ ދަތުރު ކުރެވޭނެ އެވެ.













