އެޗްޑީސީގެ ހުސްވެފައިވާ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، އެ ކުންފުނީގެ ޑީއެމްޑީގެ މަގާމުގައި ހުންނެވި މުހައްމަދު އާތިފް އައްޔަންކޮށްފި އެވެ.
އެޗްޑީސީން ބުނީ، އާތިފްގެ އެއްބާރުލުމާއި، ލީޑާޝިޕުގެ ސަބަބުން، އެ ކުންފުނި އާ ހަރުފަތަކަށް ގެންދެވޭނެ ކަމަށެވެ. އެޗްޑީސީގެ ޑީއެމްޑީ ކަމަށް އާތިފް އައްޔަނުކުރީ 2019، މާޗް ހަ ވަނަ ދުވަހު އެވެ.
އޭނާ ވަނީ މެލޭޝިޔާގެ ޔުނިވާސިޓީއަކުން އެކައުންޓިން ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލުކޮށްފަ އެވެ. އެ ދާއިރާގައި 10 އަހަރަށްވުރެ ގިނަ ތަޖުރިބާ ހޯދާފައިވާ އާތިފް ވަނީ ބީއެމްއެލްއާއި އެމްއެމްއޭގައި ވެސް މަސައްކަތް ކުރައްވާފަ އެވެ.
އާތިފް ގެންދަވަނީ އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި، ކޮންސަލްޓެންސީ އަދި އެޑްވައިޒަރީ ހިދުމަތް ދެއްމުންނެވެ. އޭނާ އެޗްޑީސީއަށް ވަނުމުގެ ކުރިން ވަނީ ރެޖިސްޓާޑް އޮޑިޓާ އަދި ޓެކްސް އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާފަ އެވެ.
އެޗްޑީސީގެ އެމްޑީ ކަމަށް އާތިފް އައްޔަންކުރީ، އެ މަގާމުގައި ހުރި ސުހެއިން އަހުމަދު ރިޓަޔާ ކުރެއްވުމުންނެވެ.













