އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ ސާބިތުވި މީހަކު 14،000 ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މި ދައުވާކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި މާލޭގެ ގެއަކަށް ދަންވަރު ވަގަށް ވަދެފައިވާ ކަމަށް އިއުތިރާފުވި މީހެއްގެ މައްޗަށެވެ.
މި ކުށަށް ގާނޫނުގައި ކަނޑައެޅިފައިވާ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް, ކުށަށް އިއުތިރާފު ވެފައިވާތީ އަދަބުގެ އެއް ދަރަޖަ ދަށްވެ އެވެ.
ދައުވާ ލިބޭ މީހާ ވަނީ އޭނާއަށް މަހަކު 12،000ރ. ގެ މުސާރައެއް ލިބޭ ކަމަށާއި އެހެން ކަމުން އޭނާއަށް ލިބޭ އަދަބު ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށް ދިނުމަށް އެދިފަ އެވެ.
މި މައްސަލައިގައި ގާޒީ އަލީ ނަދީމް ކުރެއްވި ހުކުމުގައި ވަނީ ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކޮށް، އެ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ހުކުމްކޮށްފަ އެވެ.

މި މައްސަލަ ސާބިތުވި މީހާގެ މައްޗަށް ވައްކަން ކުރިކަމުގެ ދައުވާ ވަކިން އުފުލައި އެ މައްސަލަ ވެސް ކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އޭނާ ވަނީ ވައްކަން ކުރި ކަމަށް ވެސް އިއުތިރާފުވެފަ އެވެ.
އެގޮތުން، އެ ގެއިން 4500ރ. އާއި 17 ރަން އަނގޮޓިއާއި ހަތަރު ރިހި ތަނޑިއާއި ދެ ޖޯޑު ރަން ކަންފަތުލާ އެތިކޮޅާއި ތިން ރަން ފަށުގެ އިތުރުން ހަތަރު ރަން ކެވެލިކޮޅު ވަގަށް ނަގާފައިވާ ކަމަށް އޭނާ އެއްބަސްވެފައިވެ އެވެ.
އޭނާ މި ކުށަށް ވެސް އިއުތިރާފުވެފައިވުމުން ގާނޫނުން ލިބިދޭ އެއް އަހަރާއި ހަތް މަސް ދުވަހާއި ހަ ދުވަހުގެ ޖަލު ހުކުމް ވެސް އެއް ދަރަޖަ ދަށް ވެ އެވެ.
އެހެންނަމަވެސް، ގާޒީ އަލީ ނަދީމް ކުރެއްވި މި ހުކުމުގައި ވަނީ ދައުވާ ލިބޭ ފަރާތް ކުށުގެ ވެށިން ދުރުކުރުމަށް ޖަލަށް ލުމުގެ އަދަބު ޖޫރިމަނާއަށް ބަދަލުކުރުމުގެ މަސްލަހަތު އޮންނަ ކަމަށް ފާހަގަކޮށްފަ އެވެ.
އޭނާގެ މައްޗަށް ވައްކަން ކުރުމުގެ ދައުވާ ސާބިތުވުމުން، ޖޫރިމަނާ އަދަބެއްގެ ގޮތުގައި 96،800ރ. މީރާއަށް ދައްކަން ވަނީ ހުކުމްކޮށްފަ އެވެ.












